ކ. މާލެ
|
5 ޖޫން 2025 | ބުރާސްފަތި 12:02
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ އަލަށް ގުޅުނު އޮފިސަރުން
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ އަލަށް ގުޅުނު އޮފިސަރުން
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ކަރެކްޝަންސް އޮފިސަރުން
ކަރެކްޝަންސް އޮފިސަރުން ދިއްކޮށްލާ ޕާރްސަލް ނުވަތަ ދޭ ފައިސާއަށް ނުހެއްލުމަށް އިލްތިމާސްކޮށްފި
އޮފިސަރުން މި މަސައްކަތް ކުރަމުން ގެންދަނީ މުޅި ގައުމުގެ މަސްލަހަތަށް
ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރަންޖެހޭ
މި ރަސްމިއްޔާތުގައި ކޯސް ކުރިއަށް ދިޔަ ގޮތުގެ ރިޕޯޓް ހުށަހެޅުމާއި ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވޭ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ދިއްކޮށްލާ ޕާރްސަލް ނުވަތަ ދޭ ފައިސާއަށް ނުހެއްލުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު އިލްތިމާސް ކުރައްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މިފަދަ އިލްތިމާސްއެއް ކުރެއްވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން ''ކަރެކްޝަނަލް އޮފިސަރ ޓްރޭނިންގ ޕްރޮގްރާމް'' ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ.

ދަސްވެނިންނަށް މަރުޙަބާ ދަންނަވައި ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ ކަރެކްޝަންސްއަށް ބޭނުންވަނީ އިލްމީ އޮފިސަރުން ކަމަށެވެ. ޖަލުތަކުގައި މަސައްކަތްކުރަމުން ގެންދާ ހީވާގި، މުރާލި އޮފިސަރުން މި މަސައްކަތް ކުރަމުން ގެންދަނީ މުޅި ގައުމުގެ މަސްލަހަތަށް ކަމަށެވެ.

އެގޮތުން ކަރެކްޝަންސްގައި މިހާރުވެސް އިލްމީ ބޭފުޅުންނާއި 20، 30 އަހަރު ވަންދެން ޚިދުމަތް ކުރައްވަމުން ގެންދަވާ ތަޖުރިބާކާރު އޮފިސަރުން ތިއްބެވިކަން ކޮމިޝަނަރ އޮފް ޕްރިޒަންސް ފާހަގަކުރެއްވިއެވެ. އަދި ކޮރަޕްޝަނާއި ރިޝްވަތާ ބެހޭގޮތުން ކޮމިޝަނަރ އޮފް ޕްރިޒަންސް ވާހަކަފުޅު ދައްކަވަމުން، ދަސްވެނިވުނު ނުވަ އޮފިސަރުންނަށް ނަސޭހަތްތެރި ވެލެއްވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރެއްވުމަށާއި ދިއްކޮށްލާ ޕާރްސަލް ނުވަތަ ދޭ ފައިސާއަށް ނުހެއްލުމަށެވެ.

މި ރަސްމިއްޔާތުގައި ކޯސް ކުރިއަށް ދިޔަ ގޮތުގެ ރިޕޯޓް ހުށަހެޅުމާއި ހުރިހާ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވެއެވެ. އަދި މި ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރި ޓްރޭނީންނަށް ޕްރިޒަން އޮފިސަރުންގެ ހުވާ ލައިދެއްވީ މާފުށީ ކޯޓްގެ ޣާޒީ ފަނޑިޔާރު އަލްއުސްތާޛް ޖިނާން އިބްރާހިމް ލަޠީފްއެވެ.

މި ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އޮނަރަބަލް އަލީ އިހުސާންއެވެ. މިނިސްޓަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުހައްމަދު ދީދީ، ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ސީނިއަރ މުވައްޒަފުން އަދި ދައުވަތު އެރުވި މެހެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

- ކޮމެންޓް