ދިމާވާ ހާލަތްތަކުގައި ވަރަށް މަދުން ނޫނީ ކަރެކްޝަންސްގެ އޮފިސަރުންގެ މައްސަލައެއް ފާހަގަނުކުރެވޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން ''ކަރެކްޝަނަލް އޮފިސަރ ޓްރޭނިންގ ޕްރޮގްރާމް''ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މިނިސްޓަރު އިހުސާން ވިދާޅުވީ ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނަކީ ވަރަށް ހީވާގި އަދި ޒިންމާ ބޮޑު މަސައްކަތްތަކެއް ކުރާ ބައެއް ކަމަށެވެ. އަދި ރާއްޖޭގެ ޖަލުތަކަކީ ދުނިޔޭގެ އެކި ޖަލުތަކާ އަޅާ ބަލާއިރު ފެންވަރު ރަނގަޅު ޖަލުތަކެއް ކަމުގައި އާއި ދިމާވާ ހާލަތްތަކުގައި ވަރަށް މަދުން ނޫނީ ކަރެކްޝަންސްގެ އޮފިސަރުންގެ މައްސަލައެއްވާ ކަމަށް ފާހަގަނުކުރެވޭ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
އަލަށް ހުވާކުރި އޮފިސަރުންނާ މުޙާތަބް ކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ އެ އޮފިސަރުން ގުޅުނީ މިއަދުގެ ކަރެކްޝަންސްއާ ކަމުގައި އާއި މިއީ ވަރަށް ބައިވަރު އޮފިސަރުންގެ ވަރަށް ބުރަ މަސައްކަތާއެކު ހިންގުން ހަރުދަނާ ވެފައިވާ މުވައްސަސާއެއް ކަމަށާއި، އަދިވެސް އެކަށީގެންވާ ވަރަށް އޮފިސަރުން ރެކްރޫޓް ނުކުރެވުނު ނަމަވެސް ޒިންމާ އަދާކުރުމުގައި އިންތިހާއަށް ރަނގަޅަށް ޒިންމާ އަދާ ކުރާ މުވައްސަސާއެއް ކަމަށެވެ.
ދިމާވާ ހާލަތްތަކުގައި ވަރަށް މަދުން ނޫނީ ކަރެކްޝަންސްގެ އޮފިސަރުންގެ މައްސަލައެއް ފާހަގަނުކުރެވޭ މިނިސްޓަރު އިހުސާން ވިދާޅުވިއިރު، އެސަރވިސްގެ ބެލުމުގެ ދަށުން ހިންގާ ޖަލުތަކަށް ފޯނާއި، މަސްތުވާތަކެތި ވައްދާ މައްސަލަތަކުގައި ކަރެކްޝަންސް އޮފިސަރުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވެއެވެ. އަދި 2024 ވަނަ އަހަރުގެ ތެރޭގައި ކުށްވެރިންނަށް ފޯނާއި މަސްތުވާތަކެއްޗާއި އެހެނިހެން ސާމާނު ފޯރުކޮށްދެމުން ދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 13 އޮފިސަރުންނަށް ބަންދު ކޮށްފައިވެއެވެ. ފާހަގަކުރެވުނު މައްސަލައެއްގައި 18 ކަރެކްޝަންސް އޮފިސަރުން ހިމެނޭ ކަމަށާއި އެ އޮފިސަރުންގެ އެކައުންޓަށް 2023 ވަނަ އަހަރު އެކަނި ވެސް 73.3 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް މިނިސްޓަރު އިހުސާން މީގެކުރިން ވިދާޅުވެފައިވެއެވެ.