ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ދެ ވަނަ ފަހަރަށް ބަދަލުކޮށް އެކަން އިއުލާންކުރެއްވުމަށް ހައުސިން މިނިސްޓަރ އަބްދުﷲ މުއްތަލިބު ކުރެއްވި ޕޯސްޓަށް އާއްމުންނަށް ކޮމެންޓެއް ނުކުރެވެއެވެ. އެކްސްގައި ހިއްސާކުރެއްވި ޕޯސްޓް ލާފައި ވަނީ އާއްމުންގެ ކޮމެންޓްތަކަށް ފުރުސަތު ނުލިބޭ ގޮތަށެވެ. އެހެންނަމަވެސް އެ ހިސާބުން ވެސް އާއްމުންގެ ހުރި ކަންބޮޑުވުންތައް ބަންޑުންކޮށްލަން އާއްމުންނަށް ލިބުނު ފުރުސަތެއް ވިއްޔާ އާއްމުން ވަނީ ބޭނުން ހިފާފައެވެ.
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ދެ ވަނަ ފަހަރަށް މި ސަރުކާރުން ބަދަލުކުރި ޖަމިއްޔާ ޖަމާއަތްތަކާއި މަޝްވަރާކޮށްގެން ކަމަށް ސަރުކާރުން ބުނިނަމަވެސް އެކަން އެ ފަރާތްތަކުން ދޮގުކުރެއެވެ.
ގުޅީފަޅުގެ އެލްޔޫޕީ އަނެއްކާ ވެސް ބަދަލުކުރުމުން އާއްމުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން މީހަކު ވަނީ ސަރުކާރުގެ ވިސްނުމަކީ އަހަރަކު އެއް ފަހަރު ގުޅީފަޅުގެ އެލްޔޫޕީ ބަދަލުކޮށް ގުރު ނެގުންތޯ ސުވާލުކޮށްފައެވެ. އަދި އެކަން ކުރަމުން ދަނީ މި މަރުހަލާ އިތުރަށް ދިގު ދަންމާލުމަށް ނޫންތޯ އޭނާ ސުވާލު އުފެއްދިއެވެ. އަދި އާއްމުންނަށް ސުވާލެއް ވެސް ކޮމެންޓެއް ވެސް ނުކުރެވޭ ގޮތަށް މިނިސްޓަރ މުއްތަލިބް ކަންކަން ކުރެއްވުމަކީ ރައްޔިތުންނަށް ޚިދުމަތް ކުރަން ހުރި ބޭފުޅެއްގެ ކިބައިން ފެނުނު ވަރަށް ލަދުވެތި ކަމެއް ކަމަށް އެ އާއްމުން ވަނީ ބުނެފައެވެ.
އެލްޔޫޕީ އަށް ބަދަލުގެނެސް އެކަން އާއްމުކުރުމަށް ކުރި ޓްވީޓަށް ކޮމެންޓްތައް ބަލައި ނުގަންނާތީ އާއްމު މީހަކު ވަނީ މިނިސްޓަރ މުއްތަލިބް އަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވަނީ އާއްމުންގެ ކޮމެންޓްތައް ބަލައިގަންނާނެ ހިތްވަރު ވެސް މިނިސްޓަރގެ ގައިގައި ނެތީތޯ ސުވާލު އުފައްދާފައެވެ. މި ކެބިނެޓަށް އޮތީ 5 އަހަރު ވަންދެން އުނބަށް ޖެހުން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ބައެއް އާއްމުން ވަނީ އެލްޔޫޕީ އަށް ބަދަލު ގެނައި އިރު ބީޗްތައް ފަދަ ތަންތަން ނެތީ ކީއްވެތޯ ވެސް ސުވާލު އުފައްދާފައެވެ. ކައިރި ކައިރީގައި ގުޅީފަޅު ޕްލޭނަށް ބަދަލު ގެންނާތީ ވެސް އާއްމުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އާއްމުންގެ ކޮމެންޓްތަކުން އެނގޭ ގޮތުން ގިނަ އާއްމުންގެ ޝަކުވާ އަކީ ރާއްޔިތުންނަށް ދޭ އަސާސީ ހުރިހާ ޚިދުމަތެއް އެހެން ތަނެއްގައި ހުރުމެވެ. ބައެއް އާއްމުން ވަނީ މިއީ ސަރުކާރުން އާއްމުންނަށް ކުރާ ޖެއްސުމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ގުޅީފަޅުން ދޫކުރަން ނިންމާފައި ވަނީ 3670 ގޯތި ކަމަށް ވާއިރު އެއީ ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލު ކުރި 1337 ގޯއްޗެވެ. އެންމެ ފަހުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައިރު 90 ގޯތި ވަނީ އިތުރުކޮށްފައެވެ. ނަމަވެސް އޭގެ ބޭނުމެއް ސަރުކާރުން ބުނެދީފައެއް ނުވެއެވެ.
ހަމައެހެންމެ މިހާރު އޮތް ޕްލޭންގެ ސަބަބުން ތޮއްޖެހުމަށް މެދުވެރިވެ އިޖުތިމާއީ އެތައް މައްސަލަތަކަކާއި ދިމާވާނެ ކަމަށް އާއްމުން ދަނީ ބުނަމުންނެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގޯތިތައް ދޫކުރުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށާއި، މެއި މަހުގެ ތެރޭގައި ގުޅީފަޅުން ގޯތިތައް ދޫކުރާނެ ކަމަށް ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ވަނީ ކުރިން ވިދާޅުވެފައެވެ. ނަމަވެސް އެކަން ވެސް އެހެން ހިނގާނެތޯ މިހާރު އާއްމުން ދަނީ އަނެއްކާވެސް ސުވާލު އުފައްދަމުންނެވެ.