ކ. މާލެ
|
4 ޖޫން 2025 | ބުދަ 13:19
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ކޮމެޓީ އިން ފާސް ކުރި ހައި ކޯޓުގެ ފަނޑިޔާރު ސަލީމް އަދި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޙަމީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ކޮމެޓީ އިން ފާސް ކުރި ހައި ކޯޓުގެ ފަނޑިޔާރު ސަލީމް އަދި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޙަމީދު
ރާއްޖެއެމްވީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމު ހުސްވީ، ކުރިން އެ ފަނޑިޔާރު ކަމުގައި ތިއްބެވި ޑޮކްޓަރު އަޒްމިރަލްދާ ޒާހިރު އަދި އަލްއުސްތާޛް މަހާޒް އަލީ ޒާހިރު ފަނޑިޔާރު ކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުން
ސުޕްރީމް ކޯޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 12 ފަރާތަކުން ކުރިމަތިލީއިރު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އިންޓަވިއު އިން ކުރި ހޯދީ ސަލީމް އަދި ޙަމީދު
ބުދަ ދުވަހު އޮތް ޖުޑީޝަރީ ކޮމެޓީގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަލީމް އަދި ޙަމީދު އައްޔަން ކުރުމަށް ފާސްކޮށްފަ

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އިސްކަން ދެއްވި މުޙައްމަދު ސަލީމް އަދި ޢަބްދުﷲ ޙަމީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފާސްކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމު ހުސްވީ، ކުރިން އެ ފަނޑިޔާރު ކަމުގައި ތިއްބެވި ޑޮކްޓަރު އަޒްމިރަލްދާ ޒާހިރު އަދި އަލްއުސްތާޛް މަހާޒް އަލީ ޒާހިރު ފަނޑިޔާރު ކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނެވެ.

އެއާއެކު ސުޕްރީމް ކޯޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 12 ފަރާތަކުން ކުރިމަތިލީއިރު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އިންޓަވިއު އިން ކުރި ހޯދީ ސަލީމް އަދި ޙަމީދު އެވެ. އެއާއެކު ޖޭއެސްސީ އިން ވަނީ އެ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ރައީސް މުޢިއްޒު އަށް ލަފާ ދީފަ އެވެ.

ބުދަ ދުވަހު އޮތް ޖުޑީޝަރީ ކޮމެޓީގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަލީމް އަދި ޙަމީދު އައްޔަން ކުރުމަށް ފާސްކޮށްފަ އެވެ. އެގޮތަށް ފާސްކޮށްފައި ވަނީ ބުދަ ދުވަހުގެ ހެނދުނު އޮތް ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް އައްޔަން ކުރުމަށް ކޮމެޓީ އިން ފާސްކޮށްފައިވާ ސަލީމް އަކީ، މިހާރު ދިވެހި ރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ފަރާތެކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ފަނޑިޔާރު ސަލީމްގެ ޝަރުރު ހަމަވުމާ ގުޅޭ ގޮތުން ޖޭއެސްސީ ގައި ބޮޑު ބަހުސެއް ކުރިއަށް ދިޔައިއިރު، ޖޭއެސްސީ އިން އެންމެ ފަހުން ނިންމީ ވަކީލު ކަމުގެ ހުއްދަ އަށް ހަތް އަހަރު ވެއްޖެ ނަމަ، ޝަރުތު ހަމަވާނެ ކަމަށެވެ.

މީގެ އިތުރުން ކޮމެޓީ އިން ފާސްކޮށްފައިވާ ޙަމީދަކީ ހައި ކޯޓުގެ އިސް ފަނޑިޔާރުކަން މީގެ ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ. ޙަމީދާ ގުޅުން ހުރި މައްސަލަ އެއް ޖޭއެސްސީ އިން ތަހުގީގު ކުރިއިރު، ފަނޑިޔާރު ކަމުން އޭނާ ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ 2022 ވަނަ އަހަރު ފާސްކޮށްފަ އެވެ. އެއީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަނޑިޔާރުންނަށް ދިން ފްލެޓު ޤަބޫލު ކުރި މައްސަލައިގަ އެވެ.

ސުޕްރީމް ކޯޓުގައި މިވަގުތު ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާާރު އަޙުމަދު މުއުތަސިމް އަދުނާންގެ އިތުރުން، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު އަލީ ރަޝީދު ޙުސެއިން، ފަނޑިޔާރު ޑޮކްޓަރު މުޙައްމަދު އިބްރާހީމް އަދި ފަނޑިޔާރު ޙުސެއިން ޝަހީދު އެވެ. މީގެ ތެރެއިން ޝަހީދު ސުޕްރީމް ކޯޓަށް އައްޔަން ކުރީ މި ސަރުކާރުންނެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަލްއުސްތާޛް ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.

ފަނޑިޔާރު ކަމުގެ މަގާމުން ސުއޫދޫ އިސްތިއުފާ ދެއްވީ، ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ދުސްތޫރީ މައްސަލައެއްގެ އަޑު އެހުން ފަށަން ކުޑަތަން ވެފައި ވަނިކޮށް، ޖޭއެސްސީ އިން ކުއްލި ގޮތަކަށް އޭނާ ސަސްޕެންޑު ކުރި ފަހުންނެވެ. ފަނޑިޔާރު ކަމުން ސުއޫދު އިސްތިއުފާ ދެއްވީ ފަނޑިޔާރު ގެއަށް ރައީސް މުޢިއްޒު އަދި ސަރުކާރުން ނުފޫޒު ފޯރުވަމުން ގެންދަވާތީ، އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުންނެވެ.

- ކޮމެންޓް