ލ. މަހަކަންފުށި ކައިރިއަށް ދާ ޖަހައިގެން މަސް ހިފަން ގޮސް އުޅެނިކޮށް ގެއްލުނު މީހާ ހޯދަމުން ދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
އެކަމާއި ގުޅިގެން ލ. ގަމު ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނީ ބުދަ ދުވަހު ހެނދުނު ބަޔަކާ އެކުގައި މަހަކަންފުށި ކައިރިއަށް ދާ ޖަހައިގެން މަސް ހިފަން ދިޔަ އަބްދުލްސަމަދު މުހައްމަދު (ސަމަދު) ތުނޑީ ފެސްފަރީ ލ.ގަން ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ.
ފުލުހުން ބުނީ، އެރަށް ކައިރިއަށް މަސް ހިފަން މޫދަށް ފައިބައިގެން އުޅުނު މީހަކު ގެއްލިފައިވާ މައްސަލަ މިއަދު 9:50 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ މީހާ ގެއްލިފައިވާ މައްސަލައިގެ މައުލޫމާތު ކަމާ ގުޅުން ހުރި އިދާރާތަކާއި ހިއްސާކޮށް، ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިފައިވަނީ އެ ސަރަހައްދު މޫދު އަޑީގައި އޮއްވައެވެ.
ފުލުހުން ބުނީ އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.