ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ރަފަޙުގައި އެހީ ހޯދަން ޖަމާވެ ތިބި 24 މީހަކު ޝަހީދު ކޮށްލައިފި އެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާ އިން ހާމަ ކޮށްފައިވާ ގޮތުގައި ރަފަޙްގެ އެހީ ބަހަމުން އައި ސަރަހައްދަކަށް އިސްރާއީލްގެ ސިފައިން ދިން ހަމަލާގައި 24 މީހަކު ވަނީ ޝަހީދުވެފަ އެވެ. ރަފަޙް އަކީ ޣައްޒާގައި ގިނަ އަދަދެއްގެ ރައްޔިތުން ސަލާމަތާއި ރައްކާތެރިކަން ހޯދުމަށް އުޅެމުން އަންނަ ސަރަހައްދެކެވެ.
މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އެ ސަރަހައްދަކީ ޣައްޒާގައި މިހާރު އެންމެ ގިނަ އަދަދެއްގެ އާބާދީ އުޅޭ ސަރަހައްދުތަކުގެ ތެރެެއިން އެއް ސަރަހައްދެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާ އިން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލްގެ ހަމަލާތަކުގައި ގިނަ ބަޔަކު ޝަހީދުވެފައިވާއިރު، އެތައް ބަޔަކަށް ވަނީ ޒަޚަމުތައް ލިބިފަ އެވެ. އޭގެ ތެރޭގައި ގިނަ މީހުންނަނީ އެހީ ނުލިބުމުގެ ސަބަބުން ބަނޑުހައި ހޫނުކަން ތަހަންމަލު ކުރަމުން އަންނަ މީހުންނެވެ.
ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސއްކަތް ކުރަމުން އަންނައިރު ވެސް، އިސްރާއީލް އިން އަންނަނީ ހަމަލާތައް ދީ އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ. ބައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާއަތްތަކުން އަދި ޤަައުމުތަކުން އަންނަނީ އެކަން ކުށްވެރި ކުރަމުންނެވެ.
އިސްރާއީލް އިން ހިންގަމުން އަންނަ އެ އަމަލުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށް އެހީ ފޯރުކޮށްދިނުގެ މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާތަކުން ވެސް ވަނީ ބުނެފަ އެވެ. އަދި އެހީ ބެހުމުގެ މަަސައްކަތް ކުރަމުން އަންނައިރު، ޣައްޒާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.
އިސްރާއީލް އިން ވަނީ ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ އެތެރެ ކުރުމަށް މާޗު މަހުގެ ތެރޭގައި ހުރަސް އަޅައިފަ އެވެ. އޭގެ ފަހުން ގާތް ގަނޑަކަށް ތިން މަސް ދުވަސްވީ ފަހުން، މިހާރު ވަނީ ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ އެތެރެ ކުރުމަށް ހުއްދަ ދީފަ އެވެ. ނަމަވެސް ޣައްޒާ އަށް އެތެރެ ވަމުން އަންނަނީ އެ ޤައުމުގެ ދެ މިލިއަން އާބާދީ އަށް ބޭނުންވާ ވަރަށް ވުރެ މަދު މިންވަރުގެ އެހީ އެވެ.