ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވި ސައުދީގައި ރަސްކަން ކުރައްވާ ޝާހީ އާއިލާ އަށް ނިސްބަތްވާ "ޕްރިންސް"އާ ބެހޭގޮތުން ދެކެވެމުންދާ ވާހަކަތަކާއި ސުވާލު އުފެދިފައިވާ މިދަނޑިވަޅުގައި އެކަމާއި ބެހޭގޮތުން ސުވާލުކުރެއްވުމަށް ޑރ. އަބްދުﷲ ޚަލީލް މަޖިލީހަށް ހާޒިރު ކުރުމަށް ހޯމަ ދުވަހު ހުށަހަޅައިފިއެވެ.
ސައުދީގައި ރަސްކަން ކުރައްވާ ޝާހީ އާއިލާ އަށް ނިސްބަތްވާ ބޭފުޅެއް ކަމަށްވާ ފަހަދް ސައުދު އަލްޝަލަން ނަމަކަށްކިޔާ މީހަކު ރާއްޖެ އައީ ގަތަރުގެ ކުންފުންޏަކާ ހަދަން ހަވާލު ކުރި ފައިނޭންޝަލް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތަށް، އެ ޕްރޮޖެކްޓުގެ މޫނުމަތި ރީތި ކުރުމަށެވެ. އަލް ޝަލަންއަކީ ސައުދީގެ އަމީރެއް ނޫންކަމަށް އޭރު ވެސް އާންމުންނާއި ނޫސްތަކުން އައީ ބުނަމުންނެވެ.
އެހެން ކަމުން "ޕްރިންސް"އާ ބެހޭގޮތުން ސުވާލުކުރުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މަޖިލީހަށް ހާޒިރުކުރަން ހުށަހަޅާފައިވަނީ، ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ "ޕްރިންސް"އަކާ ރައީސް މުއިއްޒު ބައްދަލުކުރެއްވި ކަމަށް ބުނެ ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރި ޚަބަރާއި އާންމުކުރި ފޮޓޯތައް ވެސް އެ ވެބްސައިޓުން "ގެއްލިފައި" ވަނިކޮށެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވީ "ވަޒީރުންނާ ސުވާލުކުރުމުގެ ނޯޓިސް" ގައި ވަނީ ތިން ސުވާލެއް ކުރުމަށް ހުށަހަޅާފައެވެ.
އެގޮތުން މިނިސްޓާރާއި ކުރަން ހުށަހަޅާފައިވާ ފުރަތަމަ ސުވާލަކީ، ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ބުނެ، މިދިޔަ މަހުގެ ފަސްވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވާފައިވާ "ޕްރިންސް" ފަހަދް ސައުދު އަލްޝަލަންއަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްތޯ؟
ދެވަނަ ސުވާލަކީ، އެ ބައްދަލުވުމުގައި ސައުދީ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގެންފައިނުވަނީ ކީއްވެގެންތޯ؟
ތިންވަނަ ސުވާލެއްގެ ގޮތުން ހުށަހަޅާފައިވާ ސުވާލަކީ، އެ ފަރާތަކީ ސައުދީ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ހަގީގަތާ ޚިލާފަށްނަމަ، ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް އޭގެ އެއްވެސް ނޭދެވޭ އަސަރެއް ކޮށްފާނެތޯ؟ މިއެވެ.
ރައީސް މުޢިއްޒު "ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން އޮފް ސައުދީ އަރަބިއްޔާ" ބައްދަލުކުރެއްވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޚަބަރެއް ޝާއިއުކުރީ މާޗު މަހުގެ ފަސްވަނަ ދުވަހެވެ. ރައީސް އޮފީހުން ޝާއިއު ކުރި އެ ހަބަރާއެކު ވަރަށް ބޮޑަށް އާމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅެއްގެ ހައިސިއްޔަތުން ކަމަށް ބުނެ، ރައީސް މުއިއްޒުއާ ބައްދަލު ކުރެއްވި ފަހަދް ސައުދު އަލްޝަލަން އަކީ ސައޫދީގައި ރަސްކަން ކުރައްވާ ޝާހީ އާއިލާ އަށް ނިސްބަތްވާ ބޭފުޅެއް ނޫންކަންވެސް ވަނީ ހާމަވެފައެވެ.
ސައުދީ އަރަބިއްޔާގައި އެ ލަގަބު ލިބެނީ އަބްދުލްއަޒީޒް އިބްނު ސައުދު ރަސްގެފާނުގެ ދަރި ދަރިކަލުންނާއި ދަރި ދަރިކަނބަލުން އަދި އެ ހިސާބުން ފެށިގެން ރަސްގެފާނުގެ ދަރި ދަރިކަލުންގެ އާއިލާތަކުން އަންނަ ފަރާތްތަކަށެވެ.