ތަންކޮޅެއް ކުރީގައި، ރައީސުލްޖުމްހޫރިއްޔާއޭ ބުނީމަ އެއީ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމުގެ ނަންފުޅުގެ އެއްބައި ކަމަށް ހީވެފައި ވެސް އޮތެވެ. އެއީ، އޭރު ހުރިހާ ވެސް މީހަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. ބާރުތައް ވަކިވެ، ކަންކަން ތަރުތީބުވެފައި ނެތް ނިޒާމެއްގެ ތެރޭގައި ދިވެހިން އުޅުނު ދުވަސް ވަރެވެ.
އެހެން ނަމަވެސް، މިއަދު މި އޮތީ ބާރުތައް ވަކިވެ، ކަންކަން ކުރަންވީ ގޮތް ރަނގަޅަށް ތަރުތީބުވެފައި އޮތް ނިޒާމެކެވެ. ސަރުކާރުގެ ވުޒާރާތަކާއި، ކުންްފުނިތަކަށް އިސްވެރިން ލައްވައި، އެ ތަންތަން އެވެރިންގެ ބެލުމުގެ ދަށުން ހިނގަން ޖެހޭ ނިޒާމެކެވެ. އެތަންތަނުގައި ކަންކަން ހިނގާ ގޮތް އެވެރިންނަށް ވެސް އިނގޭނެ، އަދި ޒިންމާ ނެގޭނެހެން ތަރުތީބުވެފައިވާ ނިޒާމެކެވެ.
އެކަމަކު އަޅުގަނޑު ހިތަށް އަރައިފި އެވެ. މިއަދު މި ތިބެވެނީ ކިހިނެއް ހެއްޔެވެ؟ ހުރިހާ ވެސް މީހަކީ ރައީސުލްޖުމްހޫރިއްޔާ ހެއްޔެވެ؟ އެމަނިކުފާނުގެ ލަފާފުޅާއި، އިރުޝާދާއި، އެންގެވުމާއި، އުމުރުފުޅު ނެތް ނަމަ، މި ދިވެހި ރާއްޖޭގައި ހަމަ އެންމެ ކަމެއް ވެސް ކުރެވޭ ކަމަށް ނުވަނީ ހެއްޔެވެ؟
އެހެންޏާ ފެހެ އަޖައިބު ވެއްޖެ އެވެ. މީގެ މަސްތަކެއް ކުރިން ބެންކް އޮފް މޯލްޑިވްސް އިން ނިންމުމެއް ނިންމި އެވެ. ކާޑު ލިމިޓު ކުޑަ ކުރުމަށެވެ. ބޭންކުގައި ނެތް ޑޮލަރެއް ދެވޭނެ ގޮތެއް ބެންކަށް ވެސް ނެތް ކަމަށް ބުނެ، ބެންކުން ނިންމި ނިންމުމާާ ގުޅިގެން ގިނަ ބަޔަކު ރުޅި ގަދަވި އެވެ. ސަރުކާރާއި ބެންކާ ދިމާލަށް ހެއްދެވި ނުހެއްދެވި އަށް ގޮވި މީހުން ވެސް މަދެއް ނޫނެވެ.
އޭގެ ފަހުން، ސަރުކާރު ހިންގާ މައި ޕާޓީގެ ހަރުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވި އެވެ. ބެންކު މެދުވެރިކޮށް ގެންގަން އުޅުނީ "ބަޣާވާތެއް" ކަމަށް ވިދާޅުވި އެވެ. ގައިމު ޤައުމުގެ ވަލިއްޔުލް އަމުރު އެ ވިދާޅުވީ ކުޑަ ވާހަކައެއް ނޫނެވެ. ބަޣާވާތަކުން ސަރުކާރެއް ވައްޓާލުމަކީ ބިރުވެރި ކަމެކެވެ. އެއީ ބިރުވެރި ވާހަކަ އެކެވެ.
ހަމަ އެ ރޭ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ނޫސް ބަޔާނެއް ނެރުނެވެ. ބެންކު މެދުވެރިކޮށް ގެންގަން އުޅުނު ބަޣާވާތުގެ ތަހުގީގު ފަށައިގެން ކުރިއަށް ގެންދާ ވާހަކަ އެވެ. ގެންދަން ވެސް ޖެހޭނެ އެވެ. ޤައުމުގެ ރައީސް އެހެން ވިދާޅުވެފައި، ބަޣާވާތަކީ އާދައިގެ ކަމަކަށް ނުވާއިރު، އެކަން ވަރަށް ރަނގަޅަށް ތަހުގީގު ކުރަން ޖެހޭނެ އެވެ.
އެކަމަކު، ދެރައީ މިއަދު އެ ބުނާ ބަޣާވާތުގެ ތަހުގީގު ވީ ހިސާބެއް ނޭނގޭތީ އެވެ. އެކަން ދަންނަ މީހަކު އަމުދުން ނެތީމަ އެވެ. އެކަމުގެ ކޮޅެއް މެދެއް އިނގޭ އިންސާނަކު އުޑު ބަޅު ކުރެއްވި ހިސާބުގައި ވެސް ނެތެވެ.
އާދީއްތަ ދުވަހު މާލެ އިން ކަރަންޓު ކެނޑިއްޖެ އެވެ. މުޅި ގްރޭޓާ މާލެ އިން އެއްކޮށް ކަރަންޓު ކެނޑުނެވެ. ވީ ގޮތެއް އެއްވެސް މީހަކަށް ނޭނގެ އެވެ. ސްޓެލްކޯ އިން ވެސް އަރުވާ ޖަހާފައި އުޅުނީ މައްސަަލަ ޙައްލު ކުރުމަށެވެ. ދިމާވީ ޓެކްނިކަލް މައްސަލައެއް ކަމަށް ބުންޏެވެ.
ދެން ފެނުނީ ރައީސް މުޢިއްޒުގެ ޓުވީޓެކެވެ. ކަަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެއްލެވުމަށް ކަމާ ގުޅުން ހުރި އިދާރާތަކަަށް ވަގުތުން އެންގެވީ ސައުދީ އަރަބިއްޔާގައި ހުންނަވަ އެވެ. އެކްސް މެދުވެރިކޮށެވެ.
ޖެހިގެން އައި ފުލުހުންގެ އެކްސް އެކެވެ. އޭގައި އޮތީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށި ވާހަކަ އެވެ. ކުޑަކޮށް ހައިރާންވި އެވެ. މިކަމުގައި ފުލުހުން ތަހުގީގު ކުރަން އޮތީ ކޮން ކަމެއް ހެއްޔެވެ؟ ޖަނަރޭޓަރެއް ވަގަށް ނެގީ ހެއްޔެވެ؟ ނޫނީ ޓްރާންސްފޯމަރެ ވަގަށް ނެގީ ހެއްޔެވެ؟ ނޫނެވެ. ސްޓެލްކޯ އިން ބުނީ އެކަހަލަ ކަމެއް ނެތް ކަމަށެވެ.
އެހެން ވެއްޖިއްޔާ ރައީސް މުޢިއްޒު ކުއްލި އެންގެވުމާ އެކު ފުލުހުން މި ފެށީ ކޮން ތަހުގީގެއް ހެއްޔެވެ؟ އެކަމުގައި ސްޓެލްކޯ އިން ގޯހެއް ހެދީ ހެއްޔެވެ؟ ވީ ކިހިނެއް ހެއްޔެވެ؟ ދެން މިއީ ތަން ކޮޅެއް ބޮޑު ވަރު ނޫން ހެއްޔެވެ؟