ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށާއި އެއީ ކޮށްގެންވާނެ ކަމެއްވެސް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ހުކުރު ވިލޭރޭ މާފަންނު ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާގަ އެވެ. އެ ޖަލްސާގައި ވާހަކަދައްކަވަމުން، ޝަރުއީ ދާއިރާ އަށް ބޭނުންވާ ވަސީލަތްތައް މިހާރު ޤާއިމްކޮށްދިނުމާއި އެކު މައްސަލަތައް އަވަސް ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ބަންދާ މެދު "ވާނުވާ" ނޭނގި އޮތްއޮތުން ނިމުމަކަށް ގެނެސް، ވާނުވާ އެނގޭ ހިސާބަށް ގެންގޮސް ދެވިއްޖެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރަކުން އެ މީހާ މިނިވަންކުރުމަށް ނޫނީ ޝަރީއަތް ނުކުރަން ހުކުމް ނުކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ މާލީ އަދި އިދާރީ ގޮތުންވެސް ޝަރުޢީ ދާއިރާއަށް މިނިވަންކަން ހޯއްދަވައިދެއްވާފައިވާ ކަމަށެވެ. އަދި އަދުގެ ސަރުކާރަކީ ވަކި މީހަކަށް ވަކި ގޮތަކަށް ޙުކުމެއް ކުރުމަށް ޝަރުޢީ ދާއިރާގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ސަރުކާރެއް ނޫން ކަމަށް ސިފަކުރައްވާ ވާހަކަދެއްކެވި އެވެ.
" ވާގޮތް އެނގި ތާވަލް ކުރާ ދުވަސް އެނގޭ ހިސާބަށް ސަރުކާރުން އޮތީ ގެންގޮސްދީފަ އޭ. ސަރުކާރަކުން ގޮސް އެ މިހާ މިނިވަން ކުރާކަށް ނޫނީ ހުކުމް ނުކުރާކަށް ނުބުނާނެ. އެއްވެސް މީހަކު ސިޔާސީ މީހަކު ބުންޏަސް އޭގައި އެވާހަކާއެއްގައި ނުޖެހޭނަން." ރައީސް މުއިއްޒު ވިދާޅުވި އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި، ޓެރަރިޒަމްގެ މައްސަލަތައް ފަދަ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުން މި ވެރިކަމުގައި މިނިވަން ނުކުރާ ކަމަށާއި އަދަބު ވެސް ލުއިކޮށްދީފައި ނުވާ ކަަމަށް ދޭހަވާ މޭރުމަކުން އެ މަނިކުފާނު ވަނީ ވާހަކަދައްކަވާފަ އެވެ. އެހެންނަމަވެސް މި ވެރިކަމުގައި ވެސް ޖިންސީ ގޯނާގެ މައްސަލަތަކުގެ ކުށް ސާބިތުވެފައިވާ ބައެއް މީހުންގެ އަދަބު ލުއިކޮށް ގޭބަންދަށް ބަދަލުކޮށްދީފައި އެބަ ހުއްޓެވެ.
މީގެ އިތުރުން ހޯރަފުށީ ދާއިރާގެ މެމްބަރު އަލީ މޫސާ އާއި އާއިލީ ގުޅުން އޮންނަ މީހެއް ކަމަށް ބުނާ މީހަކު ވެސް އިތުބާރު ހުރި މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއި މެދު ޖިންސީ އަމަލެއް ހިންގިކަމުގެ ކުށް ސާބިތުވެ، ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ގޭބަންދަށް ވަނީ ބަދަލުކޮށްފަ އެވެ. ހާޝިމް އަބޫބަކުރު ނަމަކަށް ކިޔާ މި މީހާ އަކީ ވަގު ޑޮކިއުމެންޓް ހަދައިގެން ގޭބަންދަށް ސަރުކާރުގެ އެހީތެރިކަމާއި އެކު ބަދަލުކުރި ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ. އޭނާގެ މައްޗަށް 12 އަހަރާއި ފަސް މަސްދުވަހުގެ ހުކުމެއް އިއްވާފައި ވަނީ ނޮވެމްބަރު 20، 2022، ގަ އެވެ.
ހަމައެހެންމެ 2024 ވަނަ އަހަރުގެ މަޖިލީސް އިންތިޚާބާއި ދިމާކޮށް މަރާމާރީ އާއި ޓެރަރިޒަމްގެ މައްސަލަތަކުގައި ޙުކުމްކޮށްފައިވާ މީހުން ގޭބަންދަށް ބަދަލުކޮށްފައިވެ އެވެ. އޭރު ދޫކޮށްލި މީހުންގެ ތެރޭގައި މާރާމާރީގެ ކުށްތަކާއި، ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި، ސާބިތު ދަރަނީގެ މައްސަލަ އާޢި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ސާބިތުވެ ޙުކުމް ކުރަމުން ދިޔަ މީހުންގެ އަދަބު ތަންފީޒުކުރުން ފަސްކޮށް ގޭބަންދަށް ބަދަލުކޮށްފައިވެ އެވެ.
އެގޮތުން، ކަނޑި ގެންގުޅުނު މައްސަލައެއް ސާބިތުވެ ޖަލު ހުކުމެއް ކޮށްފައި ހުރި މީހަކަށް މައާފު ދީ އޭނާ މިނިވަންކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލީ ދުވަހު އެވެ. މި ވެރިކަމުގައި މައާފު ދިނުމަށް ފަހު ކްލެމެންސީ ބޯޑުން އޭނާ މިނިވަން ކޮށްފައިވާ އިރު އޭނާ އަކީ ރާއްޖެއަށް ނުރައްކާތެރި ހަތިޔާރު އެތެރެކުރުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރަމުން އައި މީހެކެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަ އެއް ސާބިތުވެ ހުކުމް ތަންފީޒުކުރަމުން ދަނިކޮށް، އޭރު ދޫކޮށްލި މީހުންގެ ތެރޭގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށްވާ އަނީސް ހިލްމީ ހިމެނެ އެވެ. އޭނާ ދޫކޮށްލީ 21 ފެބްރުއަރީ 2024ގަ އެވެ. ހަމަ އެހެންމެ ތިމަރަފުށީ ދާޢިރާގެ މެމްބަރު އަހުމަދު ރިޔާޒް އަދި ކުރީގެ ސީޕީ އަބްދުﷲ ރިޔާޒްގެ އާއިލީ ގުޅުން އޮންނަ މީހެއް ކަމަށްވާ އަބްދުލް ވައްހާބް އަބްދުﷲ މާރޗް 20، 2024 ގައި ވަނީ ގޭބަންދަށް ވަނީ ބަދަލުކޮށްފަ އެވެ.
އުމުރުން 13 އަހަރުގެ ދޮންދަރިފުޅާ މެދު އެކި ފަހަރުމަތިން ޖިންސީ އަމަލު ހިންގި ގއ. ކަނޑުހުޅުދޫ ވިޒާ، މުހައްމަދު މުނީރު 15 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮފައި ވަނިކޮށް އޭނާ ގޭބަންދަށް ބަދަލުކުރީ ވެސް މި ވެރިކަމުގަ އެވެ. މުނީރުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި 15 އަހަރުގެ ޖަލުޙުކުމެކެވެ.
މީގެ އިތުރުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލާފައިވާ މައްސަލަ އެއް ސާބިތުބެފައިވާ މއ.ގުލްބަކާގެ އިބްރާހިމް އާދަމްފުޅު ގޭބަންދަށް ބަދަލު ކުރީ ވެސް މި ވެރިކަމުގަ އެވެ. އެނާގެ މައްޗަށް ކޮށްފައި އޮތީ 12 އަހަރުގެ ޖަލު ހުކުމެކެވެ.
މީގެ އިތުރުން މި ވެރިކަމުގައި ވެސް ސިޔާސީ މީހުންނަށް ކޮށްފައި ހުރި ދައުވާތައް ވެސް އަނބުރާ ގެންގޮސްފައި އެބަހުއްޓެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާންގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާ އަދި ރިޝްވަތު ހިފުމުގެ ދެ ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމީ 7 ޖޫން 2024ގަ އެވެ.
އެމްއެމްޕީއާރސީގެ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަަށް މަނީ ލޯންޑާ ކުރަން މަގުފަހިކޮށްދިން ކަމުގެ ތުހުމަތުގައި އޭރުގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލި ދައުވާތައް ކުރިއަށް ނުގެންދަން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ) އިން ނިންމީ 25 ނޮވެމްބަރ 2025 ގަ އެވެ.
2022 ވަނަ އަހަރު ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިކަމުގެ ތުހުމަތުގައި ބައެއް މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް އަނބުރާ ގެނެސްފައި ވަނީ ވެސް ހަަމަ މި ވެރިކަމުގަ އެވެ. އޭގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށާއި، ޓެރަރިޒަމްގެ އަމަލެއް ހިންގުމާއި ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވުމުގެ އިތުރުން، ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ މަސައްކަތަށް ހުރަސް އެޅުން ފަދަ މައްސަލަތަކުގައި ދައުވާކުރި މީހުން ހިމެނެ އެވެ. ދައުވާ ނުކުރަން ނިންމި މީހުންގެ ތެރޭގައި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ހިމެނެ އެވެ.
ހަމައެހެންމެ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ކުށުގެ ތުހުމަތުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ/ އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް ކުރި ދައުވާ އަނބޔުރާ ގެންދިޔައީ ވެސް މި ވެރިކަމުގަ އެވެ. ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން، އޭނާއާއިއެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދާލާ އޭގެދަށުން ކަމަށް ވެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެކުމުގެ ދައުވާތައް އަނބުރާ ގެންދިޔައީ ވެސް ހަމަ މި ވެރިކަމުގަ އެވެ. އަލްހާނާއި ޝަހުބާން ފަހުމީ އާއި ޝަޒުބާން ފަހުމީގެ މައްޗަށް ދައުލަތުން ވަނީ މީގެ ކުރިން ޓެކުމުގެ 13 ދައުވާއެއް އުފުލާފަ އެވެ.