ކ. މާލެ
|
3 ޑިސެންބަރ 2025 | ބުދަ 19:03
ސްޓެލްކޯގެ އެމްޑީ ޝަމާހު
ސްޓެލްކޯގެ އެމްޑީ ޝަމާހު
ރާއްޖެއެމްވީ
މަގޭ ރިޕޯޓު
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟
ހާހުން ދެހާހުން ކަރަންޓު ބިލު ބޮޑުވެ ދެ ދަޅައަށް ކަރަންޓު ކެނޑޭއިރު ސްޓެލްކޯ އެމްޑީ ވިދާޅުވަނީ އެޑިއުކޭޓު ވާންވީ ރައްޔިތުން، އެހެންނަމަވެސް ހަގީގަތަކީ މައްސަލަ ހައްލުކުރަން ޔުނިވަރސިޓީގެ ދަރިވަރުންނާ ހަވާލުކޮށް، ރޯދަމަހު އެއްފަހަރު ބިލު ކުޑަކޮށްލުމުން ބާކީ 11 މަސް ބިލު އަތް ނުފޯރާ ހިސާބަށް ދާތީ ރައްޔިތުން ކެތްކުރަން ޖެހިފައިވުމެވެ. ގަދަހޫނުގައި ރައްޔިތުން އަރާމުކޮށްލަން ލިބޭ ވަގުތުކޮޅު ސަރުކާރުން ވިސްނާލުމެއްނެތި ކަރަންޓު ކަނޑާލަމުން ދާއިރު، އިންސާނުންނަށް ކެތްވެސް ވާނީ ވަކި ވަރަކަށެވެ.

ހާހުން ދެހާހުން ކަރަންޓު ބިލު ބޮޑުވެ ދެއިރު ދެ ދަޅަޔަށް ކަރަންޓު ކެނޑުނީމަ ވެސް އެޑިއުކޭޓު ވާންވީ ރައްޔިތުން ތޯ އެވެ. ނޫނީ އެކަމުގެ ޒިންމާ ވެސް ނަގަންވީ ހަމަ ރައްޔިތުން ހެއްޔެވެ. މިހާވަރު ވީމާ ކަރަންޓުން ކުރާ ބޭނުން ކުޑަކޮށް އޮޅުން އަރައިފި އެވެ. ކުރީގަ ކަރަންޓު ބޭނުން ކުރަނީ ކަރަންޓު މެޝިނުން ކުރަން ޖެހޭ ބޭނުންތަކެއް ކުރާށެވެ. ޔަގީނުން ވެސް ކުރީގަ ޖޫސް ގިރަނީ މިކްސަރުންނެވެ. މި ދައުރު ބަދަލުވި ފަހުން މިކްސަރުން ގިރަނީ ކަރަންޓު ބާވައޭ ވެސް ހިތަށް އަރަ އެވެ. އެހެން ހިތައް ނާރަންވި ސަބަބެއް ނެތެވެ. ސްޓެލްކޯ އެމްޑީ ގެ ނަޒަރުގައި ރައްޔިތުން ވަރަށް ބޮޑަށް އެޑިއުކޭޓު ވާން ޖެހެ އެވެ.

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ހަފްތާ 104 ޕްރޮގްރާމުގައި ސްޓެލްކޯގެ އެމްޑީ ޝަމާހު ވިދާޅުވީ، ބިލު ބޮޑުވެގެން ވެސް މައްސަލަ ޖެހޭ ކަމަށާއި ސްޓެލްކޯ އާއި ހަވާލުވީއިރު ދެކަމެއް ފާހަގަ ކުރެވުނު ކަމަށެވެ. އޭގެ ތެރެއިން އެއްކަމަކަށް ވިދާޅުވީ ބިލް ބޮޑުވެގެން އެކަމުގެ ޝަކުވާ ބޮޑުވުން ކަމަށެވެ. ދެވަނަ ކަމަކަށް ވިދާޅުވީ ކަރަންޓު ކެނޑުމުގެ މައްސަލަ އެވެ.

އެންމެ ރަނގަޅެވެ. ޝަމާހު ތިޔަ ވިދާޅުވީ ކަން އޮތްގޮތުގެ ވާހަކަ އެވެ. ތިކަމާއި ދެކޮޅު ވެވޭކަށް ނެތެވެ. ކަރަންޓު ބިލަކީ ބޮޑު ވެދާނެ އެއްޗެކެވެ. އެކަމު އިންސާނުންގެ ބުއްދިއަށް ވެސް ގަބޫލުނުކުރެވޭ ވަރަށް ކުއްލިއަކަށް ބިލު ބޮޑުވީމަ ޝަކުވާ ވެސް ކުރާނެތާ އެވެ. ބިލު ބޮޑުވެ ކަރަންޓު ކެނޑި އެކަމުގެ ޝަކުވާ ރައްޔިތުން އޮއްސާލީމަ އެޑިއުކޭޓު ވާންވީ ހަމަ ރައްޔިތުންބާ އެވެ.

މޮޅެތިހާ ރީތި އިނގިރޭސި ބަސްތަކުން ވިރުވާ އަޅާލިޔަސް ކަރަންޓު ބިލު ކުޑައެއް ނުވާނެ އެވެ. ޝަމާހުގެ ކުރިން ޕްރޮފެސަރެއްހާ މޮޅު ބޭފުޅަކު ސްޓެލްކޯ އާއި ހަވާލުވެ ހުންނަވާ ކުރެއްވީ އަދި މާ މޮޅު ކަމެވެ. ކަރަންޓު ބިލު ބޮޑުވާ މައްސަލަ އާއި ކަރަންޓު ކެނޑޭ މައްސަލަ ބަލަން އެކަމުގެ ދިރާސާ ކުރަން ހަވާލު ކުރީ ޔުނިވާސިޓީގައި ކިޔަވަމުންދާ ކުދިންނާ އެވެ. އެކުދިންނަށް އެނގޭނީ މީހަކު ބުނެދޭ އެއްޗެއް ނޫން ހެއްޔެވެ. ސްޓެލްކޯގައި އެކަމުގައި އުޅުއްވާ ބޭފުޅުންނަށް ވެސް އެކަމުގެ ހަގީގަތް ހަމަ ނޭނގުނީ ބާވަ އެވެ. އަނެއްކާވެސް މިހާހިސާބުން އޮޅުން އަރައިފި އެވެ.

މިއީ އަނެއްކާ ރޫހާނީ ކަމެއް ބާވަ އެވެ. ކޮންމެ ގެއެއްގައި އުޅެނީ ކަރަންޓާ ކުޅެ ޖިންނިއެކޭ ވެސް ބަޔަކު އެއް ދުވަސްކޮޅެއްގައި ކިޔާތީ އަޑު އެހީމު އެވެ. ދެން މައްސަލައެއް ނެތެވެ. މިކަން ހައްލު ކުރަން އުޅުނު ބޭފުޅާ މިހާރު އެހުރީ ޕްރިންސިޕަލް އަކަށް ވެފަ އެވެ. އެބޭފުޅާ ވެސް ޔުނިވާސީޓީގެ ކުދިންނާއި ހަވާލުކޮށްފަ ދިޔައީ އެވެ. މިހާރު އެ ޒިންމާ އަދާކުރައްވަން ތިޔަ ހުންނެވީ ޝަމާހު އެވެ. އުންމީދު ކުރީ މައްސަލަ ހައްލުވާނެ ކަމަށެވެ. އެހެން ނަމަވެސް ފަހުމީ އަށްވުރެ ވަކި ތަންފުކެއް ވެސް ދެރައެއް ނޫނެވެ. ގޯސްވީ ކަސްޓަމަރުންނެވެ. އެޑިއުކޭޓު ވާންވީ ވެސް ކަސްޓަމަރުންނެވެ.

ދެން އޮތީ ރޯދަ މަހު ކަރަންޓު ބިލަށް ލިބޭ ޑިސްކައުންޓުގެ ވާހަކަ އެވެ. ރޯދަމަހު ޖިންނި ޝައިތޯނުން ކަސްތޮޅު އެޅުވެ އެވެ. ކަރަންޓާއި މިކަމާ ގުޅުން ހުރީބާ އެވެ. ރޯދަމަސް ނިމުނީމަ އަނެއްކާވެސް ބިލު ބޮޑުވެ ރައްޔިތުންވީ ޝަކުވާ ކުރަންތޯ އެވެ. ކަރަންޓު ބިލުގެ މައްސަލަ ހައްލު ހޯދަންވީ ފެން ކިޔަވައިގެންނޭ ވެސް ހީވާން ފަށައިފި އެވެ. ވާނީވެސް އެހެންތާ އެވެ. އަހަރަކު އެއްފަހަރު އަންނަ ރޯދަމަހެއްގައި ކަރަންޓު ބިލު ކުޑަވެފައި ބާކީ 11 މަހުގެ ކަރަންޓު ބިލު އަތް ނުފޯރާ ހިސާބަށް ދިޔައީމަ މިކަމުގެ ހައްލު ހޯދަން ރައްޔިތުން ކުރާނީ ވަކި ކީއް ހެއްޔެވެ.

އަންނަ ރަމަޟާން މަހު 400 ރުފިޔާ އަށް ވުރެ ކަރަންޓު ބިލު ބޮޑު ނުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ބިލު 4000 ރުފިޔާ އަށް ވުރެ މަތިވެދާނެ ކަމުގެ ބިރު އެބަ އޮތެވެ.

އަނެއްކޮޅުން ރައްޔިތުން ގަދަ ހޫނުގައި ނިދާލަން، އަރާމުކޮށްލަން ލިބޭ ވަގުތުކޮޅުގައި ސަރުކާރުން އެއްވެސް ވަރަކަށް ވިސްނާލުމެއްނެތި ކަރަންޓު ކަނޑާލަނީ އެވެ. ސަރުކާރުން މިގޮތަށް ރައްޔިތުންނަށް ކުރަމުން އަންނަ ދުއްތުރާއަށް ރައްޔިތުން އަންނަނީ ވަރަށް ކެތް ކުރަމުންނެވެ. ނަމަވެސް އިންސާނުންނަށް ކެތްވެސްވާނީ ވަކި ވަރަކަށްކަން ގައިމެވެ.

- ކޮމެންޓް