ދިވެހި ރާއްޖޭ މިނިވަން ދުވަހުގެ ޚާއްސަ ރަސްމިއްޔާތަށް، އަވަށްޓެރި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަޑައިގަންނަވާ ކަމަށް އިންޑިއާގެ ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓު ކޮށްފި އެވެ.
މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރި ވެވަޑައިގަތުމުގެ ދައުވަތު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ފަރާތުން ބޮޑު ވަޒީރު މޯދީ އަށް އެރުވީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޑޮކްޓަރު ޢަބަދުﷲ ޚަލީލް ކަމަށް އެ ނޫހުގައި ވަނީ ބުނެފަ އެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރިއަށް ގެންދާ މަތީ ފަންތީގެ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޚަލީލް ވަނީ ދާދި ފަހުން އިންޑިއާ އަށް ވަޑައިގެންފަ އެވެ.
އެ ނޫހުގައި ބުނެފައި ވަނީ ބޮޑު ވަޒީރު މޯދީގެ ދަތުރުފުޅުގެ އެޖެންޑާ އާއި ޕްރޮގްރާމްއާ ގުޅޭ ގޮތުން މިވަގުތު މާބޮޑު ތަފްސީލެއް ނެތް ކަމަށެވެ. އެހެން ނަމަވެސް، ބޮޑު ވަޒީރު މޯދީ ރާއްޖެ އަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ތާރީޚަކީ އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަސް ކަމަށް ބުނެފައިވެ އެވެ. އެއީ ރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހެވެ.
Ties warmer, #India and #Maldives in talks for a Modi visit; Muizzu says no one can misuse Maldives’ locationhttps://t.co/ncdFTIiDRU
— The Times Of India (@timesofindia) June 2, 2025
އެހެން ކަމަށްވާ ނަމަ، މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރައީސް މުޢިއްޒު ވެރިިކަމުގެ ހުވާ ކުރެއްވި ފަހުން މޯދީ ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރައީސް މުޢިއްޒު ވަނީ ދެ ފަހަރެއްގެ މަތިން އިންޑިއާ އަށް ވަޑައިގެންފަ އެވެ. އެއީ ބޮޑު ވަޒީރުކަމުގެ އައު ދައުރަކަށް މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށާއި، އޭގެ ފަހުން އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގަ އެވެ.
މި ފަހުން ޚާރިޖީ ވަޒީރު ޚަލީލް އިންޑިއާ އަށް ވަޑައިގެންފައިވާއިރު، އެއީ މިއަހަރުގެ ތެރޭގައި އެމަނިކުފާނު އިންޑިއާ އަށް ވަޑައިގެންެނެވި ތިން ވަނަ ފަހަރެވެ. އިންޑިއާ ސަރުކާރުގެ އިސްވެރިންނާ އެކު އެ ފަހަރު ބޭއްވި ބައްދަލުވުމުގައި ވެސް ވަނީ، ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކޮށްފަ އެވެ. އަދި ދެ ޤައުމު ގުޅިގެން އިތުރަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރި އެވެ.
މި ސަރުކާރު ވެރިކަމަށް އައީ އިންޑިއާއާ ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ކުރުމަށް ފަހު އެވެ. ސަރުކާރު ހިންގާ ފަރާތްތަކުން އިދިކޮޅުގައި ތިބިއިރު ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕެއިންގައި ރައީސް މުޢިއްޒުގެ އިތުރުން، ސަރުކާރުގެ އެހެން ވަޒީރުން ވެސް އިސްކޮށް އުޅުއްވި އެވެ. އެ އެއްވުންތަކުގައި ވަނީ އިންްޑިއާގެ ބޮޑު ވަޒީރު މޯދީގެ ކާޓުނު ކުރައިގެން ފުރައްސާރަ ވެސް ކޮށްފަ އެވެ.
ރައީސް މުޢިއްޒު ވެރިކަަމަށް ވަޑައިގެންނެވި ފަހުން، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. ޚާއްސަކޮށް ރައީސް މުޢިއްޒު އައްޔަން ކުރައްވާފައި ތިއްބެވި ބައެއް ސިޔާސީ ފަރާތްތަކުން ވަނީ އިންޑިއާގެ ބޮޑު ވަޒީރަށް ފުރައްސާރަ ކޮށްފަ އެވެ. އަދި ރައީސް މުޢިއްޒު ވެސް ވަނީ އިންޑިއާ އަށް އަމާޒުކޮށް ބަހުގެ ހަމަލާތަކެއް ދީފަ އެވެ.
އެހެން ނަމަވެސް، ފަހުން އެ ގުޅުން ރަނގަޅުވެފައިވާއިރު، މިހާރު ރައީސް މުޢިިއްޒު އަދި ސަރުކާރުން ވެސް އަންނަނީ އިންޑިއާއާ ގާތް ގުޅުމެއް ބާއްވަން މަސައްކަތް ކުރަމުންނެވެ. އެެގޮތުން ރާެއްޖެ އަށް ބޭނުންވާ މާލީ އެހީތެެރިކަން އަދި އެހެނިހެން އެހީތެރިކަމަށް ވެސް ދަނީ އިންޑިއާގެ ކިބައިން އެދެމުންނެވެ.