މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އާދިއްތަ ދުވަހު ކަރަންޓު ކެނޑުމާ ގުޅިގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ.
މި މައްސަލަ ހުށަހެޅުއްވީ ކުއްލި ގޮތަކަށް ކަރަންޓު ކެނޑި، އެތައް އިރެއް ވަންދެން ޚިދުމަތް ނުލިބި އޮތުމުން އާންމުންނަށް އެތައް ދަތިތަކެއް ކުރިމަތިވެ، ވިޔަފާރިތައް ހުއްޓިފައި އޮތުމުން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ.
މި މައްސަލަ ހުށަހަޅުއްވައި މެންބަރު ޝަމްހީދު ވިދާޅުވީ މިއީ ސިޔާސީ ގޮތުން ހުށަހަޅާ ކުއްލި މައްސަލައެއް ނޫން ކަމަށެވެ. އަދި މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުން މިމައްސަލަ ބަލައިގަތުމަށް ވެސް މެންބަރު ޝަމްހީދު އެދިވަޑައިގެންނެވިއެވެ.
ނަމަވެސް ޕީއެންސީގެ މެންބަރުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.
އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެމްޑީޕީގެ ނުވަ މެންބަރުންނެވެ. އަދި 43 މެންބަރުން ވޯޓުދެއްވީ އެ މައްސަލަ ބޭރުކޮށްލުމަށެވެ.
ކަރަންޓު ކެނޑުމާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލާގައި ބުނެފައިވަނީ ގްރޭޓާ މާލެއިން އެއްކޮށް ކަރަންޓު ކެނޑުނުއިރު، ރައްޔިތުންގެ އާއްމު ދިރިއުޅުމަށް ދަތިވެ، ވިޔަފާރިތައް ހުއްޓުމަކަށް އައިސް، ހޮސްޕިޓަލްތަކުގެ ހިންގުން ހުއްޓުމަކަށް އައި ކަމަށެވެ. އެކަން އެގޮތަށް ވީއިރު ގާނޫނުގައި ކަރަންޓުގެ ޚިދުމަތް، އެ ރަށެއްގައި އުޅޭ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދޭން އެ ޚިދުމަތްދޭ ތަންތަނަށާއި ސަރުކާރަށް ލާޒިމުކޮށްފައިވާ ކަމަށެވެ.
ނަމަވެސް, މާލެއާއި ހުޅުމާލެއިން މެންދުރު 12:35 ހާއިރު ކަރަންޓު ދިޔުމުގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ދަތިތަކެއް ވެފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.
އެގޮތަށް ކުއްލިއަކަށް މުޅި މާލެއިން ކަރަންޓު ދިއުމަކީ ސިއްހީ ޚިދުމަތްދޭ ތަންތަނުން ފަރުވާ ހޯދަމުންދިޔަ މީހުންނަށާއި އެތަނުގައި ބޭނުންކުރާ އާލާތްތަކަށް ގެއްލުންވާނެ ކަމެއް ކަމަށް ބުނެފައިވެއެވެ. އެއީ، ފަރުވާ ހޯދާ މީހުންނަށް ނުރައްކާ ކަމެއް ކަމަށާއި ހޮސްޕިޓަލްތަކުގައި ހުރި އަގުބޮޑެތި މެޑިކަލް އިކުއިޕްމަންޓްތަކަށް ގެއްލުންވެ، ހަލާކުވެދާނެ ކަމެއް ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން އެއަރޕޯޓު ހުއްޓުމަކަށް އައި ކަމަށާއި އޭގެ ސަބަބުން އެތައް ފަތުރުވެރިންނެއްގެ ދަތުރުފަތުރަށް ބުރޫ އަރާފައިވާކަން މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އެއީ، އެކަމުގެ ސަބަބުން ފަތުރުވެރިކަމަށް ވެސް އަސަރުކުރާނެ ކަމެއް ކަމަށް އެ މައްސަލައިގައި ވަނީ ބުނެފައެވެ.
ގްރޭޓަރ މާލޭ ސަރަހައްދުން އާދީއްތަ ދުވަހު ކަރަންޓު ކެނޑުނުއިރު، އާންމު ރައްޔިތުންނަށް އެކަމުގެ ސަބަބުން ގިނަ ތަކުލީފުތަކެއް ކުރިމަތިވި އެވެ. އެގޮތުން ގިނަ ވިޔަފާރީތަކެެއް ވަނީ ހުއްޓިފަ އެވެ. އަދި މާލެ ސަރަހައްދުގެ ގިނަ ސްކޫލުތަކެއް ވެސް ވަނީ ބަންދުކޮށްފަ އެވެ.
މާލެ އިން ކަރަންޓު ކެނޑުމާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ވެސް އަންގަވައިފަ އެވެ. އޭގެ ފަހުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބުނެފައި ވަނީ ގްރޭޓާ މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެކަން ހިނގި ގޮތް ބެލުމަށް ތަހުގީގެއް ފަށާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅުން ހުރި އިތުރު ތަފްސީލެއް ހާމަކޮށްފައިނުވެއެވެ.