ޔުއެފާ ޗެމްޕިއަންސް ލީގު ގައި އެޓަލަންޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ބަލިވެއްޖެ އެވެ.
އެޓަލަންޓާ ގެ އަމިއްލަ ދަނޑު ގައި އަންގާރަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗުގައި އެ ޓީމުން ވަނީ 2-1 އިން ޗެލްސީގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި ޗެލްސީ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އެޓަލަންޓާ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ޗެލްސީ އިން ލީޑު ނެގީ ޔާއޯ ޕެޑްރޯ ޖެހި ލަނޑުންނެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ރީސް ޖޭމްސް އެވެ. އޭގެ ފަހުން މެޗުގައި ޗެލްސީ އަށް ވަނީ ލީޑު ފުޅާ ކުރަން ވެސް ފުރުސަތު ލިބިފަ އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި އެޓަލަންޓާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޖިއަންލޫކާ ސްކަމާކާ އެވެ. އޭނާ އެ ލަނޑު ޖެހީ ޗާލްސް ޑި ކަޓަލެއާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
ޗެލްސީ އަތުން އެޓަލަންޓާ މޮޅުވެފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނެޓަށް ވެފައި ވަނިކޮށް ޖެހި ލަނޑުންނެވެ. މާޓެން ޑި ރޫން ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓަލަންޓާ އަށް އެ ލަނޑު ޖަހައިދިނީ ޑި ކަޓެލެއާ އެވެ.
މޮޅާއެކު އެޓަލަންޓާ އިން ލީގު ތާވަލްގެ ތިން ވަނަ އަށް ޖެހިލާފައިވާއިރު، މިހާތަނަށް ކުޅެފައިވާ ހަ މެޗުން އެ ޓީމަށް ލިބެނީ 13 ޕޮއިންޓެވެ. އެޓަލަންޓާ އަތުން ބަލިވި ޗެލްސީ 11 ވަނައިގައި އޮތީ ހަ މެޗުން 10 ޕޮއިންޓާ އެކު އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފައި ވަނީ، ޗެލްސީ ކޮޅަށް ފުރަތަމަ ލަނޑު ވަތް ހިސާބުން ފެށިގެން އެ ޓީމަށް މެޗުގެ ކޮންޓްރޯލް ގެއްލިފައިވާ ކަމަށެވެ. ނަމަވެސް، ދެ ވަނަ ހާފުގައި ވެސް ޗެލްސީ އަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތު ލިބުނު ކަމަށް އޭނާ ފާހަގަ ކުރި އެވެ.
މެޗުން ބަލިވި ނަމަވެސް، މިހާރު އެކަމާ ވިސްނުމުގެ މާ ބޮޑު ބޭނުމެއް ނެތް ކަމަށް ފާހަގަކޮށް މަރެސްކާ ބުނީ، ދެން ފޯކަސް ކުރަން ޖެހޭނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުރިއަށް އޮތް މެޗަށް ކަމަށެވެ. ޗެލްސީ އަށް މޮޅެއް ހޯދަން ޖެހިފައިވާކަން ފާހަގަކޮށް މަރެސްކާ ބުނީ، ކަންކަން ރަނގަޅު ކުރުމަށް ފަހު އެވަޓަންއާ ދެކޮޅަށް ނިކުންނާނެ ކަމަށެވެ.