ހައްޖު ވުމަށް ސައުދީ އަރަބިއާ އަށް ދަތުރު ކުރަމުން ދިޔަ ހަ މީހުން މިހާތަނަށް ނިޔާވުމާ ގުޅިގެން، ހައްޖަށް ދާ މީހުންނަކީ ޖިސްމާނީ ގޮތުން ޤާބިލު މީހުންކަން ކަށަވަރު ކުރުމަށް އެމީހުންގެ ގައުމުތަކުގައި ސިއްހީ ކަންކަން ބަލާ ގޮތާ މެދު ސުވާލު އުފެދޭ ކަމަށް ސައުދީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން، ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާއަށް ދަތުރު ކުރަމުން ދަނިކޮށް ނުވަތަ ސައުދީ އަށް އާދެވުނު ތަނުން މިހާތަނަށް އެތައް ބަޔަކު ވަނީ ނިޔާވެފައެވެ.
އިންޑޮނޭޝިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މަދީނާ އަށް ދަތުރު ކުރަމުން ދިޔަ ފްލައިޓެއްގައި އިންޑޮނޭޝިއާގެ އަންހެނަކު ނިޔާވެފައިވެއެވެ. އުމުރުން 60 އަހަރުގެ އެ އަންހެން މީހާ ބޯޓުގައި އިންދާ ކުއްލި އަކަށް ނިޔާވެގެން ވެއްޓުނީ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އިންޑޮނޭޝިއާގެ މީޑިއާ ރިޕޯޓު ތަކުގައިވާ ގޮތުން، އެ އަންހެނާ މިހާ މިހާރު ވަނީ މަދީނާ ގައި ވަޅުލާފައެވެ.
އެ އަންހެން މީހާ މަރުވި ސަބަބު ކަމަށް ފުރަތަމަ ހާމަ ކުރި ރިޕޯޓުގައި ބުނީ ފެން މަދުވެގެން ކަމަށެވެ. ނަމަވެސް ފަހުން ބެލެވިފައިވަނީ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމުގައެވެ.
وفاة حاجة إندونيسية على متن طائرة متجهة إلى المدينة المنورة لأداء #الحج pic.twitter.com/Hipdkyds1T
— فيديوهات ترند (@Trend_vide0s) May 10, 2025
މެލޭޝިއާ ސަރުކާރުން ހާމަ ކޮށްފައިވާ ގޮތުގައި އެ ގައުމުން ހައްޖަށް ދިޔަ މީހުންގެ ތެރެއިން ފަސް މީހަކު ހާޓް އެޓޭކް ޖެހިގެން ވަނީ ނިޔާވެފައެވެ.
މީގެ އިތުރުން ހައްޖު މޫސުން ފެށުނު ފަހުން ސިއްހީ މައްސަލަ ތައް ދިމާވެގެން ހައްޖު ވުމަށް ޕާކިސްތުނާނުން އައި މީހުންގެ ތެރެއިން ފަސް މީހަކު ނިޔާވެފައިވާ ކަމަށް ޕާކިސްތާނު ސަރުކާރުން ވަނީ ބުނެފައެވެ. އެމީހުން ނިޔާވެފައި ވަނީ ވެސް ސައުދީ އަށް އައިތަނުން ކަހަލަ ގޮތަކަށް ކަމަށް ބުނެފައިވެއެވެ.
ހައްޖު މޫސުމުގެ ކުރީ ކޮޅުގައި ނިޔާވާ މީހުން މީގެ ކުރިން އެންމެ ގިނައިން ނިސްބަތް ވަނީ އިންޑޮނޭޝިއާ އާއި މެލޭޝިއާ އަށް ކަމަށް ވީ ނަމަވެސް ފަހަކަށް އައިސް އެ ލިސްޓަށް ލިބިޔާ އާއި ބަންގްލަދޭޝް ފަދަ އެހެން ގައުމުތައް ވެސް އިތުރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.
މި މަރުތަކުގެ ތެރެއިން ގިނައީ ދާއިމީ ބަލިތަކުގައި އުޅޭ އުމުރުން ދުވަސްވީ މީހުންނެވެ.
މޭ މަހުގެ ނިޔަލަށް ރިޕޯޓު ކުރެވިފައިވާ މަރުތަކުގެ ތެރެއިން އެއްވެސް މަރަކީ ސައުދީ އަރަބިއްޔާ އިން ކުރިމަތިވި ބަލިމަޑުކަމަކާ ގުޅިފައިވާ މަރުތަކެއް ނޫން ކަމަށް އެ ގައުމުން ބުނެއެވެ.
ސައުދީ ޞިއްޙަތާ ބެހޭ މިނިސްޓްރީން ހައްޖުވެރިންނާ ބެހޭ ގޮތުން ނެރެފައިވާ ގައިޑްލައިން ތަކުގައި ބޭރުގެ މިޝަންތަކަށް އަންގާފައިވަނީ ހާޖީންގެ ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށާއި، ހައްޖުގެ އުނދަގޫތައް ތަޙައްމަލު ކުރުމުގެ ޤާބިލުކަން ހުރިކަން ސާބިތު ކޮށްދިނުމަށް މެޑިކަލް ޗެކަޕްތައް ހެދުމަށެވެ.
ސައުދީ މީޑިއާ ރިޕޯޓުތަކުގައި ބުނަނީ މި ފަހުން ދިމާވި މަރުތަކަށް ބަލާއިރު ހައްޖަށް އަންނަ ބައެއް މީހުންނަކީ ޖިސްމާނީ ގޮތުން މޫސުމުގެ އުނދަގޫތައް ތަޙައްމަލު ކުރުމުގެ ޤާބިލުކަން ހުރި މީހުންތޯ ސުވާލު އުފެދޭ ކަމަށެވެ.
އަދި ހަމައެހެންމެ، އެ ރިޕޯޓުތައް ބުނާ ގޮތުގައި، ބައެއް ގައުމުތަކުން ސައުދީ އަރަބިއާއިން ކަނޑައަޅާފައިވާ ޞިއްޙީ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރާ މިންވަރާ މެދުވެސް ކަންބޮޑުވުން އުފެދިފައިވެއެވެ. މި ޝަރުޠުތަކުގެ މަޤްޞަދަކީ ހާޖީންގެ ސަލާމަތްތެރިކަން ކަށަވަރުކުރުން ކަމަށް ވެސް ބުނެފައިވެއެވެ.
ސައުދީ ޑޮކްޓަރު އަޙްމަދު އަލް-އުމަރީ މި މައްސަލައާ ގުޅޭގޮތުން އަޝަރްޤުލް އަވްސަތަށް ދެއްވި އިންޓަވިއުއެއްގައި "ބައެއް ހާޖީން ފްލައިޓުގައި ނުވަތަ ފުލައިޓުން ފައިބާތަނުން ހޭނެތިގެން ވެއްޓޭ ނަމަ، ޢަރަފާތާއި މިނާގައި 45 ޑިގްރީ ސެލްސިއަސް އަށް އަރާ ގަދަ ހޫނުގައި އަދި ބޮޑެތި މޫސުމީ އުނދަގޫ ތަކުގައި ހިފަހައްޓާލާނީ ކިހިނެއްތޯ؟" އައްސަވާ ސުވާލު އުފައްދަވާފައިވެއެވެ.
ފާއިތުވި އަހަރު، އިންތިހާ އަށް ހޫނު ގަދަވުމުގެ ސަބަބުން ހައްޖު އަދާކުރަމުން ދިޔަ އެތައް ސަތޭކަ މީހުންނެއް ނިޔާވެފައިވެއެވެ. ސައުދީ ޞިއްޙަތާ ބެހޭ މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން، ފާއިތުވި އަހަރުގެ ހައްޖު މޫސުމުގައި މަރުވި މީހުންގެ ޖުމްލަ އަދަދަކީ 1,301 އެވެ.
މަރުވި މީހުންގެ ތެރެއިން 83 އިންސައްތަ އަކީ ގަވައިދާ ޚިލާފަށް ހައްޖަށް ގޮސްފައިވާ މީހުންކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި އެ ގައުމުން ގާތްގަނޑަކަށް 1.3 މިލިއަން ސިއްހަތާ ބެހޭ ރައްކައުތެރި ކަމުގެ ޚިދުމަތްތައް ހާޖީންނަށް ފޯރުކޮށްދީފައިވާ ކަމަށާއި، އޮތޯރިޓީތަކުން 465,000 އަށް ވުރެ ގިނަ ފަރުވާގެ ޚިދުމަތްތައް ދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.