ކ. މާލެ
|
1 ޖޫން 2025 | އާދީއްތަ 12:40
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް
ރައީސް އޮފީސް
ނައިބު ރައީސް މާލެ ވަޑައިގަތުން
ނައިބު ރައީސް ހަވާއީއަށް އަދި ތަޖިކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
މޫސުމީ ބަދަލުތަކާ ގުޅޭ ގުޅުންތަކުގައި މުހިންމު ކުރިއެރުންތަކެއް ހާސިލްކުރެވިފައިވޭ
ރާއްޖެއާއި ބްލޫ ޕްލެނެޓް އެލަޔަންސްއާއެކު އިއާދަ ކުރަނިވި ހަކަތަ އިތުރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރެއްވި
ދެގައުމަށްވެސް ފައިދާހުރި ދާއިރާތަކުގައި އެކުގައި މަސައްކަތް ކުރުމާމެދު މަޝްވަރާކުރެއްވި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް، ހަވާއީއަށް އަދި ތަޖިކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހޮނިހިރު ދުވަހު މާލެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ ބްލޫ ޕްލެނެޓް އެލަޔަންސް (ބީ.ޕީ.އޭ)ގެ ޚާއްސަ ދައުވަތަކަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ބައިންލްއަގުވާމީ މޫސުމީ ބަދަލުތަކާ ގުޅޭ ގުޅުންތަކުގައި މުހިންމު ކުރިއެރުންތަކެއް ހާސިލްކުރެވިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެގޮތުން، ނައިބު ރައީސް ވަނީ، ބްލޫ ޕްލެނެޓް އެލަޔަންސްގެ ފެލޯޝިޕް ޕްރޮގްރާމްގެ އިފްތިތާހީ ހަފްލާގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.

މިދަތުރުފުޅުގައި ހާސިލުކުރެވުނު މުހިންމު ކުރިއެރުންތަކާ ގުޅޭގޮތުން ރައީސް އޮފީހުން ބުނެފައިވަނީ، ނައިބު ރައީސް ވަނީ ރާއްޖެއާއި ބްލޫ ޕްލެނެޓް އެލަޔަންސްއާއެކު އޮންނަ ގުޅުން ރަސްމީކުރައްވައި، އިއާދަ ކުރަނިވި ހަކަތަ އިތުރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވާ ކަމަށެވެ.

ތަޖިކިސްތާނުގައި، ކުރިއަށް ގެންދިޔަ "ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަރސް ޕްރިޒަރވޭޝަން" ސެޝަންގައި ނައިބު ރައީސް ބައިވެރިވެވަޑައިގަތެވެ. އަދި ތަޖިކިސްތާނުގެ ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ޤަހީރު ރަސޫލްޒޮދާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއްވެސް ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ތަޖިކިސްތާނުގެ ބޮޑުވަޒީރު ވަނީ، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެގައުމަށްވެސް ފައިދާހުރި ދާއިރާތަކުގައި އެކުގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

- ކޮމެންޓް