ދިވެހިރާއްޖެއާ ތަޖިކިސްތާނާ ދެމެދު ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ނިއުޔޯކްގައި ބުދަ ދުވަހު ސޮއިކުރެއްވި މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދުއެވެ. އަދި ތަޖިކިސްތާން ސަރުކާރުން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ހިޒް އެކްސަލަންސީ ހިކްމަތު ޖޮނިބެކް އިސްމޮއިލް އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމާއިއެކު، މިހާރުވެސް އަމަލުކުރަމުންދާ ޔުނިލެޓަރަލް ވިސާ-ފްރީ ރެޖީމްގެ ދަށުން ވިސާއާއި ނުލާ 30 ދުވަހުގެ މުއްދަތަށް ދެ ގައުމުގެ ރައްޔިތުން ދަތުރުކުރުމަށް އޮންނަ އުސޫލު ރަސްމީވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ދިވެހިންނަށް ވިސާއާ ނުލައި ތަޖިކިސްތާނަށް ދެވޭ ގޮތް ހަދާފައިވާއިރު، 15 ނޮވެންބަރު 2024 ގައި ރާއްޖޭގެ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް ބޭނުންް ކުރާ ދިވެހިންނަށް ވިސާއާ ނުލައި 90 ދުވަހު އަޒަރުބައިޖާންއަށް ވެސް ދެވޭ ގޮތް ވަނީ ހަދާފައެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ބޭރުގެ ގިނަ ގައުމުތަކާއި ގާތްގުޅުމެއް ބާއްވައި، ރާއްޖޭގެ ރައްޔިތުންނަށް ބޭރުގެ ގިނަ ގައުމުތަކަށް ވިސާއާ ނުލާ ދަތުރުކުރެވޭ ގޮތަށް ވަނީ ހަމައްސާފައެވެ.