ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދީ، އެހީ ބެހުމުގެ މަސައްކަތް ކުރަމުން އައި ސަރަހައްދަަކަށް އިސްރާއީލްގެ ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްޠީނުގެ 10 މީހަކު ޝަހީދު ވެއްޖެ އެވެ.
ޣައްޒާގެ ދެކުނުމުގައި ހުރި އެމެރިކާގެ އެހީގެ ސައިޓަކަށް އަމާޒުކޮށް އިސްރާއީލްގެ ސިފައިން ބަޑީގެ ހަމަލާ ދިން އިރު، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ރައްޔިތުން ތިބީ އެއްވެ އެވެ.
އެ ހާދިސާގައި 10 މީހަކު ޝަހީދުވެފައިވަ ކަމަށް ސިވިލް ޑިފެންސް އިން ވަނީ ހާމަކޮށްފަ އެވެ. އަދި އޭގެ އިތުރުން 100 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަޚަމުތައް ލިބިފައިވާ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.
ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހުމޫދު ބައްސާލް އޭއެފްޕީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ، ރަފަޙުގެ ހުޅަނޑު ސަރަހައްދުގައި އެމެރިކާގެ އެހީގެ ސަަރަހައްދަކަށް އަމާޒުކޮށް އިސްރާއީލްގެ ސިފައިން ވަނީ ހަމަލާ ދީފަ ކަމަށެވެ. އަދި އެއީ އިސްރާއީލްގެ ސިފައިން ހިންގި ވަރަށް ބޮޑު ޖަރީމާއެއްގެ ގޮތުގައި ވެސް ވަނީ ސިފަ ކޮށްފަ އެވެ.
އިސްރާއީލް އިން ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްްދިނުމަށް ގާތް ގަނޑަކަށް ތިން މަސް ދުވަހަށް ވަނީ ދަތި ކޮށްފަ އެވެ. އޭގެ ފަހުން ކޮންމެ ވެސް މިންވަރަކަށް އެހީ އެތެރެ ކުރުމުގެ ހުއްދަ ދީފައިވާއިރު، ޣައްޒާ އަށް ބޭނުންވާ މިންވަރަށް އެހީ ފޯރުކޮށްނުދެވޭ ކަމުގެ ކަންބޮޑުވުންތައް އިދާރާ ތަކުން އަންނަނީ ފާޅު ކުރަމުންނެވެ.
ޚާއްސަކޮށް މިހާރު ވެސް ޣައްޒާ އަށް އެތެރެ ކުރަމުން ދަނީ އެ ޤައުމުގެ ދެ މިލިއަން ރައްޔިތުންނަށް ބޭނުންވާ އެހީގެ މިންވަރަށް ވުރެ، މަދު އަދަދެއް ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ. އަދި އެކަށީގެންވާ މިންވަރަކަށް އެހީ އެތެރެ ނުކުރެވުމުގެ ސަބަބުން، ޣައްޒާގައި އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތި ވެދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.
މީގެ އިތުރުން ދާދި ފަހުން އދ އިން ވެސް ހާމަ ކޮށްފައިވާ ގޮތުގައި މިވަގުތު ދުނިޔޭގައި ބަނޑުހައި ހޫނުކަން އެންމެ ބޮޑަށް ތަހަންމަލު ކުރަމުންދާ ސަރަހައްދަކީ ވެސް ޣައްޒާ އެވެ. އެ ޤައުމުގެ އާބާދީގެ ބޮޑު އިންސައްތައެއް ދަނީ ބަނޑުހައި ހޫނުކަން ތަހަންމަލު ކުރަމުންނެވެ.
ކެއުމަށް ބޭނުންވާ ތަކެއްޗާއި އެހެނިހެން އަސާސީ ޚިދުމަތްތައް ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ޣައްޒާގެ ރައްޔިތުން އެހީ ހޯދުމަށް އެކި ސަރަހައްދު ތަކަށް ދަތުރު ކުރަމުންދެ އެވެ.
އެހީ ބަހަމުން އައި ސަރަހައްދަށް އަމާޒުކޮށް އިސްރާއީލް އިން ދިން މި ހަމަލާއާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމައުން ކަންބޮޑުވުން ފާޅު ކުރަމުންދާ އިރު، އިސްރާއީލް އިން މިހާތަނަށް މިކަމާ ގުޅޭ ގޮތުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ.