ކ. މާލެ
|
31 މެއި 2025 | ހޮނިހިރު 10:27
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ
ރޮއިޓަރސް
ޔުއެފާ ޗެމްޕިއަންސް ލީގު
ފައިނަލަށް ނިކުންނާނީ ހުރިހާ ހަތިޔާރަކާ އެކު: އެންރީކޭ
އެންރީކޭގެ އިރުޝާދުގެ ދަށުން ޕީއެސްޖީ އިން ވަނީ މި ސީޒަންގެ ފްރާންސް ލީގު އަދި ފްރާންސް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. ޕީއެސްޖީ އާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ތިން ތަށި ހޯދުމުގެ ފުރުސަތު އޭނާ އަށް އެބަ އޮތެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ނިކުންނާނީ ހުރިހާ ހަތިޔާރަކާ އެކު ކަމަށް، އެ ޓީމަށް އިރުޝާދު ދެމުން އަންނަ ސްޕެއިންގެ ލުއިސް އެންރީކޭ ބުނެފި އެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ޕީއެސްޖީ ނިކުންނާނީ އިންޓަރ މިލާނާ ދެކޮޅަށެވެ.

ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެންރީކޭ ބުނީ، ޗެމްޕިއަންސް ލީގުފެ ދަތުރަކީ ޕީއެސްޖީ އަށް ވަރަށް އުނދަގޫ ދަތުރެއް ކަމަށެވެ. ޚާއްސަކޮށް މުބާރާތް ފެށިގެން ފައިނަލާ ހަމަ އަށް އާދެވުނުއިރު، ޕީއެސްޖީ އިން ކުޅެފައި ވަނީ ވަރަށް ވަރުގަދަ މެޗުތަކެއް ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް، އެ ކަހަލަ މެޗުތައް ކުޅުމަށް ޕީއެސްޖީ މިހާރު އޮތީ އާދަވެފައި ކަމަށާއި، އެކަމަށް ޕީއެސްޖީ ފަރިތަވާނެ ކަމަށް ވެސް އެންރީކޭ ބުންޏެވެ. އަދި އެއީ ޕީއެސްޖީ އަށް ލިބޭ އިތުރު ހިތްވަރެއް ކަމަށް އެންރީކޭ ޤަބޫލު ކުރެ އެވެ.

އެންރީކޭ ބުނީ ޕީއެސްޖީ އަށް އޮތީ ފައިނަލް ކަމަށާއި، ފައިނަލަށް އެ ޓީމު ނިކުންނާނީ ހުރިހާ ހަތިޔާރަކާ އެކު ކަމަށެވެ. ފައިނަލަށް ޕީއެސްޖީ އޮތީ ފުރިހަމަ އަށް ތައްޔާރަށްކަން ފާހަގަ ކުރަމުން އެންރީކޭ ބުނީ، ޕީއެސްޖީ އަށް އެންމެ ރަނގަޅު ދިމަ ދިމާ ބަލައިގެން މެޗުގައި ކުޅުމަށް އިސްކަން ދެމުން ގެންދާނެ ކަމަށެވެ.

މީގެ އިތުރުން އިންޓަރ މިލާނާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެންރީކޭ ބުނީ، ކޮންމެ ޓީމަކީ ވެސް ތަފާތު ޓީމެއް ކަމަށާއި، ޓީމު ތަކުގެ ކުޅުން ތަފާތު ވާނެ ކަމަށެވެ. ޚާއްސަކޮށް އިންޓަރ މިލާންގެ އޮންނަ ހިތްވަރު އެންމެނަށް ވެސް އިނގޭނެ ކަމަށާއި، އިޓަލީ ޓީމުތަކުގެ ޚާއްސަ ސިފަތައް ހުންނަކަން އެންމެން ވެސް ޤަބޫލު ކުރާނެ ކަމަށް އެންރީކޭ ބުންޏެވެ.

އިތުރަށް އެންރީކޭ ބުނީ އިންޓަރ މިލާންގެ އަތުގައި ބޯޅަ އޮންނަ ކޮންމެ ވަގުތަކީ ސަމާލުވެ ތިބެން ޖެހޭނެ ވަގުތުތަކެއް ކަމަށެވެ. އަދި އެ ޓީމުގެ އަތުގައި ބޯޅަ ނެތް ނަމަ، ދެން އެ ޓީމު ފެނިގެން ދާނީ ޑިފެންސްގައި ވަރަށް ވަރުގަދަކޮށް ކަމަށް އެންރީކޭ ފާހަގަ ކުރި އެވެ.

އެހެންކަމުން ޕީއެސްޖީ އިން އެ ޓީމުގެ އެއްވެސް ކަމެއް ބަދަލު ނުކުރާނެ ކަމަށާއި، އެޓޭކުގައި ވެސް އަދި ޑިފެންސްގައި ވެސް އެންމެ ފުރިހަމަ އަށް މަސައްކަތް ކުރާނެ ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް މެޗަށް ފިޓުވެ، އެންމެ ފުރިހަމަ ކުޅުން ދެއްކުމަކީ ބޭނުންވާ ގޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

އެންރީކޭގެ އިރުޝާދުގެ ދަށުން ޕީއެސްޖީ އިން ވަނީ މި ސީޒަންގެ ފްރާންސް ލީގު އަދި ފްރާންސް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. ޕީއެސްޖީ އާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ތިން ތަށި ހޯދުމުގެ ފުރުސަތު އޭނާ އަށް އެބަ އޮތެވެ.

- ކޮމެންޓް