ރާއްޖެއިން މިހާތަނަށް 489 ދިވެހި ހައްޖުވެރިން މައްކާއަށް ވާސިލްވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ހައްޖުގެ ކަންކަން ކުރިއަށްދާ ގޮތާއި ގުޅޭގޮތުން މިނިސްޓަރު ޝަހީމް ވިދާޅުވީ މިވަގުތާ ހަމައަށް ދިވެހި 489 ހައްޖުވެރިން މައްކާއަށް ވާސިލްވެފައިވާ ކަމަށާއި، އެންމެހައި ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. ރާއްޖޭގެ ހައްޖު މިޝަނުން ހައްޖުވެރިންގެ ހާލު ވަރަށް ގާތުން ބަލަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ވެސް ވަރަށް ފުރިހަމައަށް އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.
ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރާފައިވަނީ 26 މެއި 2025 ވީ ހޯމަ ދުވަހުއެވެ. ދެވަނަ ގުރޫޕް 27 މެއި ވީ އަންގާރަ ދުވަހު، ތިން ވަނަ ގުރޫޕް 29 މެއި ވީ ބުރާސްފަތި ދުވަހު ވަނީ ފުރާފައެވެ. މި ފްލައިޓުގައި 252 ހައްޖުވެރިން ފުރާފައިވެއެވެ. އަދި ފަހު ގުރޫޕް ކަމަށްވާ، ހައްޖުވެރިންގެ ހަތަރުވަނަ ގުރޫޕް ފުރުމަށް ހަމަޖެހިފައިވަނީ 30 މެއި ވާ ހުކުރު ދުވަހުގެ މެންދުރުފަހުންނެވެ.
މީގެ އިތުރުން ހައްޖުވެރިންގެ ތިބުމާއި، ކެއުން އަދި އެހެނިހެން ހުރިހާ އިންތިޒާމެއް ވެސް ވަރަށް ފުރިހަމައަށް ހަމަ ޖައްސާފައިވާ ކަމަށް ރާއްޖޭގެ ހައްޖުވެރިން ބުނެއެވެ. މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ދަތުރު ވަރަށް ފަސޭހަކަން ހައްޖުވެރިން ފާހަގަކޮށްފައިވެއެވެ.
ހައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ސައުދީ އަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުހަލާއެއް ފުރިހަމަކުރުމަށްފައެވެ.
މައްކާ ރޫޓު އިނީޝިއޭޓިވް އަކީ 2018 ވަނަ އަހަރުން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ހައްޖު މިނިސްޓްރީ އާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުން އަންނަ ސައުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވްއެކެވެ.
މިއީ ހައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ޕްރިންސް މުހައްމަދު ބިން ސަލްމާނުގެ ބެއްލެވުމުގެ ދަށުން ޚާއްސަ ސަމާލު ކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްޕުޅެކެވެ.