ކ. މާލެ
|
29 މެއި 2025 | ބުރާސްފަތި 00:59
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް
ރާއްޖެއެމްވީ
މާލޭ ސިޓީ ކައުންސިލް
މިނިސްޓަރ މުއްތޮލިބް ހުންނަވަނީ ރައީސް މުއިއްޒު އަށް ވުރެ މަތީގައި: މޭޔަރ އާޒިމް
ގުޅިފަޅުން ދޫކުރަން ނިންމާފައި ވަނީ 3670 ގޯތި
ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓްރީއެއް ސަރުކާރުން ނުދޭ

ގްރޭޓަރ މާލެ ސަރަހައްދުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ސިޓީ ކައުންސިލުގެ ބައިވެރިވުން އޮންނަން ޖެހޭ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުވެސް ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް އެއްވެސް ކަމެއްގައި ސިޓީ ކައުންސިލް ބައިވެރިނުކޮށް ކަންކަން ނިންމަވަމުން ގެންދަވަނީ ހައުސިންގ އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކަމަށްވާއިރު، މިނިސްޓަރ ހުންނަވަނީ ރައީސްއަށް ވުރެ މަތީގައި ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ގުޅީފަޅުގެ ލޭންޑްޔޫޒް ޕްލޭންއާއި ގުޅޭ ގޮތުން ސްޓޭކްހޯލްޑަރުންނާއި އެކީ ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ގްރޭޓަރ މާލެ ސަރަހައްދުގައި ހިންގާ ކޮންމެ މަޝްރޫއަކާއި ގުޅޭގޮތުން ސިޓީ ކައުންސިލާއި މަޝްވަރާކުރަންޖެހޭނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެކަމެއް މިނިސްޓަރު މުއްތޮލިބް އަޑު ނައައްސަވާ ކަމަށެވެ.

ރައްޔިތުން އިންތިހާބުކޮށްފައި ހުންނަވާ ރައީސަކު އެއްޗެއް ވިދާޅުވުމުންވެސް ރައީސްއަށް އެއްވެސް އިޚްތިރާމެއް ނެތް މިނިސްޓަރުންތަކެއް ކެބިނެޓުގައި ތިއްބެވި ކަމަށް ވިދާޅުވެ އާޒިމްވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އަޅުގަނޑު ދެކޭ ގޮތުގައި މިކަން އަވަސް ކުރަންޖެހޭ. އެންމެން އިށީދެގެންތިބެ މަޝްވަރާ ކުރަންޖެހޭ. މިހާރު ދޮޅު އަހަރު ވެގެންދިޔައީ ކޮންމެ ދުވަހަކީ ދަތި ނިކަމެތި ހާލަތަކަށް ވެއްޓޭ ދުވަހެކޭ. އެއްވެސް މީހެއްގެ ހާލަތު ރަނގަޅު ނުވެ މައްސަލަތައް މިދަނީ އިތުރުވަމުން. އެހެންވެއްޖެއްޔާ ސަރުކާރެއް ގެނައުމުގެ ބޭނުންވެސް ނެތިގެންދާ ހިސާބަށް ކަންކަން މިދަނީ.

މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް

މިއީ މިނިސްޓަރުންގެ އަމިއްލަ ވަގުތުގައި ކަންކަން ކުރަންވީ ވަގުތެއް ނޫން ކަމަށާއި ރެޔާ ދުވާލު ހޭލާ ތިބެގެންވެސް ރައްޔިތުންގެ އަޑު އަހާ، ރައްޔިތުންނަށް ފާއިދާވާ ކަމެއް ކޮށްދިނުމަށް އާޒިމް އެދިވަޑައިގެންނެވި އެވެ.

ގުޅީފަޅު ލޭންޑްޔޫޒް ޕްލޭން ހަދާއިރު ސިޓީ ކައުންސިލްގެ ބައިވެރިވުން ވަރަށް މުހިއްމު ކަމަށާއި މިކަމުގައި ސިޓީ ކައުސިލް ބައިވެރިނުކުރާ ނަމަ ރައްޔިތުންނަށް އެކަމުން ގެއްލުންތަކެއް ލިބިގެންދާނެ ކަމަށްވެސް އާޒިމްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

ގުޅީފަޅުން ދޫކުރަން ނިންމާފައި ވަނީ 3670 ގޯތި ކަމަށް ވާއިރު އެއީ ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލު ކުރި 1337 ގޯއްޗެވެ. އެންމެ ފަހުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައިރު 90 ގޯތި ވަނީ އިތުރުކޮށްފައެވެ. ނަމަވެސް އޭގެ ބޭނުމެއް ސަރުކާރުން ބުނެދީފައެއް ނުވެއެވެ.

ހަމައެހެންމެ މިހާރު އޮތް ޕްލޭންގެ ސަބަބުން ތޮއްޖެހުމަށް މެދުވެރިވެ އިޖުތިމާއީ އެތައް މައްސަލަތަކަކާއި ދިމާވާނެ ކަމަށް އާއްމުން ދަނީ ބުނަމުންނެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގޯތިތައް ދޫކުރުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށާއި، މެއި މަހުގެ ތެރޭގައި ގުޅީފަޅުން ގޯތިތައް ދޫކުރާނެ ކަމަށް ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ވަނީ ކުރިން ވިދާޅުވެފައެވެ. ނަމަވެސް އެކަން ވެސް އެހެން ހިނގާނެތޯ މިހާރު އާއްމުން ދަނީ އަނެއްކާވެސް ސުވާލު އުފައްދަމުންނެވެ.

- ކޮމެންޓް