ކ. މާލެ
|
28 މެއި 2025 | ބުދަ 18:22
ހާވާޑްގެ ދަރިވަރުންގެ ތެރެއިން ބައިނަލްއަޤްވާމީ ދަރިވަރުންނަށް ތާއީދުކޮށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން
ހާވާޑްގެ ދަރިވަރުންގެ ތެރެއިން ބައިނަލްއަޤްވާމީ ދަރިވަރުންނަށް ތާއީދުކޮށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން
އޭއެފްޕީ
އެމެރިކާގެ ސުޓޫޑެންޓް ވިސާ
އެމެރިކާ އިން ދަރިވަރުންގެ ވީސާ ދިނުން ހުއްޓާލައިފި
2024 ވަނަ އަހަރު އެމެރިކާގެ މަރުކަޒުތަކުގައި ކިޔަވާ ބައިނަލްއަޤްވާމީ ދަރިވަރުންގެ އަދަދު ވަނީ 1.13 މިލިއަނަށް އަރާފައި

އެމެރިކާ އަށް ކިޔަވަންދާ ދަރިވަރުންނާއި އެކްސްޗޭންޖް ވިޒިޓަރުންނަށް ވިސާ ދޫކުރުން ހުއްޓާލަން އެމްބަސީތަކަށް އަންގައިފިއެވެ.

އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އެމެރިކާގެ އެމްބަސީ ތަކަށް ވިސާ އިންޓަވިއު އެޕޮއިންޓްމަންޓްތައް ހަމަޖެއްސުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެ ޤައުމުގެ ބޭރުގައި ހުރި އެމްބަސީތަކަށް އަންގާރަ ދުވަހު ފޮނުވި މިއެންގުން ނިއުސް އޭޖެންސީތަކަށް ފެނިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

މި މެމޯގައި، އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވިދާޅުވެފައިވަނީ ވިސާ ދޫކުރުން ހުއްޓާލުމަށް އެންގިފައިވަނީ އެމެރިކާ އަށް ކިޔަވަން އަންނަ ދަރިވަރުންގެ ބެކްގްރައުންޑް ޗެކް ކުރުމަށް ސޯޝަލް މީޑިއާ ސްކްރީނިންގ ފުޅާކުރުމަށް ރާވާފައިވާތީ ކަމަށެވެ. ރޫބިއޯ ސޮއިކުރައްވާފައިވާ އެންގުމެއްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އެމެރިކާގެ އެމްބަސީތަކަށް އަންގާފައިވަނީ ބޭރުގެ ދަރިވަރުންނަށް އައު ވީސާ އިންޓަވިއުތައް ހުއްޓާލުމަށެވެ.

ކޭބަލްގައި ބުނެފައިވަނީ: "ޑިޕާޓްމަންޓުން ގެންދަނީ ދަރިވަރުންނާއި އެކްސްޗޭންޖް ވިޒިޓަރުންގެ (އެފް، އެމް، ޖޭ) ވީސާ އެޕްލިކަންޓުން ސްކްރީންކޮށް ވެޓްކުރުމަށް މިހާރު ބޭނުންކުރާ އޮޕަރޭޝަންތަކާއި ޕްރޮސެސްތައް މުރާޖަޢާ ކުރަމުންނެވެ. އަދި މި މުރާޖަޢާގެ މައްޗަށް ބިނާކޮށް، މިފަދަ ހުރިހާ އެޕްލިކަންޓުންގެ ސޯޝަލް މީޑިއާ ވެޓިންގ ފުޅާކުރުމާ ބެހޭ އިރުޝާދު ނެރުމަށް ވަނީ ރޭވިފައެވެ."

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ސްޕޯކްސްޕާސަން ޓެމީ ބްރޫސް، އާންމު ނިއުސް ބްރީފިންގއެއްގައި ނޫސްވެރިންނަށް ވިދާޅުވެފައިވަނީ އެމެރިކާއަށް ވަންނަން ބޭނުންވާ ކޮންމެ މީހަކު ސްކްރީން ކުރުމަށް އެމެރިކާއިން "ކޮންމެ ވަސީލަތެއް" ބޭނުންކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މިތަނަށް އަންނަނީ ކާކުކަން ދެނެގަތުމަށް، އެއީ ދަރިވަރުން ކަމުގައި ވިޔަސް އަދި އެހެން ބަޔަކަށް ވިޔަސް، އަޅުގަނޑުމެންނަށް ލިބެންހުރި ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން ކުރިއަށް ގެންދާނަމެވެ،" ބްރޫސް އަންގާރަ ދުވަހު ވިދާޅުވިއެވެ.

އިންސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް އެޑިޔުކޭޝަން (އައިއައިއީ) އާއި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރޭ އަހަރީ ރިޕޯޓުގައި ހާމަކޮށްފައިވާ މަޢުލޫމާތުގައި ބުނާ ގޮތުން 2024 ގައި، އެމެރިކާގެ މަރުކަޒުތަކުގައި ކިޔަވާ ބައިނަލްއަޤްވާމީ ދަރިވަރުންގެ އަދަދު ވަނީ މިހާތަނަށް ދުވަހަކުވެސް ނުދެކޭ މިންވަރަކަށް އިތުރުވެ، 1.13 މިލިއަނަށް އަރާފައެވެ.

- ކޮމެންޓް