ނައިބްރައީސް ހުސައިން މުހައްމަދު ލަތީފް ދަތުރުފުޅު ކުރައްވަން އޮތް ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރަކާއެކު ބޯޓު އެމަރޖެންސީގައި ޖައްސައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މީގެ 6 ދުވަސް ކުރިން މިދިޔަ އަންގާރަ ދުވަހުއެވެ. ނައިބްރައީސް ހުސައިން ދަތުރުފުޅު ކުރައްވަން އޮތް 'ޔުނައިޓެޑް އެއަރލައިންސް' ގެ ފުލައިޓް 1169 އެމަރޖެންސީކޮށް ޖެއްސީ މިދިޔަ އަންގާރަ ދުވަހު ހޮނޮލުލު އިން ލޮސް އެންޖަލަސްއަށް ދަތުރު ފެށިފަހުން އެ ފުލައިޓުގެ ފާހަނައިގެ ލޯގަނޑުގައި ބޮމެއް އޮތްކަމެއް ލިޔެފައި އޮތުމުން ބުދަ ދުވަހުގެ ހެނދުނުއެވެ. ނަމަވެސް ފަހުން ފުލައިޓު ވަނީ ބުދަ ދުވަހުގެ ހެނދުނު ހަވާއީއަށް ދަތުރުކޮށްފައެވެ.
ޑޭނިއަލް ކޭ އިނޮވޭ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ދިޔައީ ބުދަ ދުވަހުގެރޭ 9:40 ހާއިރު ލޮސް އެންޖެލިސް އިންޓަނޭޝަނަލް އެއާޕޯޓަށެވެ. "ސަލާމަތީ ކަންބޮޑުވުން ކުރިމަތިވެދާނެ" ކަން އެނގުމަށްފަހު، ބޮއިންގް 777 އެނބުރި އެއާޕޯޓަށް ޖެއްސި ކަމަށް ޔުނައިޓެޑް އެއާލައިންސްގެ ތަރުޖަމާނަކު ފޮކްސް ނިއުސް އަށް ބުނެފައިވެއެވެ.
"ހޮނޮލޫލޫ އިން ލޮސް އެންޖެލިސް އަށް ދިޔަ ޔުނައިޓެޑް ފްލައިޓް 1169 ސަލާމަތުން އެނބުރި ހޮނޮލޫލޫއަށް ދިޔައީ ލެވަޓޯރީ ލޯގަނޑެއްގައި ސަލާމަތީ ކަންބޮޑުވުމެއް ލިޔެފައި އޮތުމުން،" އެއަރލައިންގެ ބަޔާނުގައިވެ އެވެ. "ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން އެ މަތިންދާބޯޓަށް އަރައި، ސެކިއުރިޓީ ސްވީޕް ކުރިއަށް ގެންދިޔަ." ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެމަރޖެންސީގައި ބޯޓު އަނބުރާ ހަވާއީއަށް ޖެއްސީ ދަންވަރު 1:35 ހާއިރު އެވެ.
އެ ބޯޓުގައި 339 ފަސިންޖަރުންނާއި 10 ކުރޫން ތިއްބެވެ. ފޮކްސް ނިއުސްގައި ބުނެފައިވަނީ ބޯޓުން ދަތުރުކުރި މީހުން ވަރަށް ގިނައިރުވަންދެން އެއަރޕޯޓުގައި މަޑުކުރަންޖެހުނެވެ.
މި ބޯޓުގައި ނައިބްރައީސް ހުސައިން އިންނެވިކަން ކަށަވަރުވެފައިވާ އިރު، ނައިބުރައީސްގެ މި ދަތުރުފުޅަކީ މި މަހުގެ 15 ގައި ބުލޫ ޕްލެނެޓް ޖަމިއްޔާއިން ބޭއްވި ފެލޯ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅެކެވެ. އަދި ބޯޓުގައި ބޮމެއް އޮތްކަމުގެ އިންޒާރު ލިބިގެން ފުލައިޓް އެމަރޖެންސީގައި ޖެއްސީ ނައިބްރައީސް އެނބުރި ރާއްޖެވަޑައިގަތުމަށް ނިއު އޯލީންސްއަށް ކުރެއްވި ދަތުރުފުޅުގައެވެ.
މި ހާދިސާއަށްފަހު މިހާތަނަށް ނައިބުރައީސް ރާއްޖެ އެނބުރި ވަޑައިގެން ކަމެއް ސަރުކާރުން ހާމަކޮށްފައި ނުވެއެވެ. އަދި ހާދިސާއާއި ގުޅިގެން ވެސް ސަރުކާރުން ވަކި އެއްޗެއް ބުނެފައި ނުވެއެވެ. ރައީސް އޮފީހުގެ ސައިޓުން ލިބެން ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ނައިބުރައީސް ހަވާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާފައިވަނީ 21 މެއިގައެވެ.