ހުޅުމާލެ ހޮސްޕިޓަލުގެ އީ.އާރުގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ނިންމުން ސަރުކާރުން ފާހަގަކޮށްފިއެވެ.
ހޯމަ ދުވަހުގެ ހަވީރު ހުޅުމާލެ ހޮސްޕިޓަލުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމު ބައްލަވާލައްވާފައެވެ. އަދި އެވަގުތު ޚިދުމަތް ހޯދަމުންދިޔަ ފާރާތްތަކާއި އެ ހޮސްޕިޓަލުގެ މުވައްޒަފުންނާ ބައްދަލުކޮށްލައްވައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.
ޒަމާނީ މެޑިކަލް އާލާތްތަކާއިއެކު ފަރުމާކޮށްފައިވާ މި އިމަޖެންސީ ރޫމުގައި، ކްރިޓިކަލް ބަލިމީހުންނަށް ޚާއްސަ ފަރުވާ ދިނުމަށް ރިސަސިޓޭޝަން ރޫމެއްވެސް ގާއިމުކޮށްފައިވެއެވެ. އަދި ފުރާނައަށް ނުރައްކާވާ ހާލަތުގައި އަވަސް ފަރުވާދެވޭ އެންމެ ފުރިހަމަ އާލާތްތަކާއެކު، މި ރޫމް ތައްޔާރުކޮށްފައި ވަނީ ބޮޑެތި އިމަޖެންސީ ހާލަތްތަކަށް ޚާއްސަ އިސްކަމެއް ދީގެންނެވެ.
އިމަޖެންސީ ރޫމުގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫއަކީ ސަރުކާރުން ކަނޑައަޅާފައިވާ ސިއްހީ ސިޔާސަތުތަކުގެ ތެރެއިން، ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްގީކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފުރިހަމަ ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ މަޝްރޫއެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މި މަޝްރޫއު ނިމުމާއެކު ހުޅުމާލެ ހޮސްޕިޓަލްގެ އެމަރޖެންސީ ރޫމުގައި ފަރުވާދޭ އެނދުތަކުގެ އަދަދު ވަނީ ދެގުނަ ވެފައިވާ ކަމަށެވެ.
މި މަޝްރޫޢަށް ފަހު ހުޅުމާލެ ހޮސްޕިޓަލުގެ އެމަރޖެންސީ ރޫމުގައި މިހާރު އެއްފަހަރާ 14 އެނދުގައި ބަލި މީހުން އެޑްމިޓްކޮށްގެން ފަރުވާ ދިނުމުގެ ގާބިލްކަން ހުންނާނެއެވެ.
މި ސަރުކާރުން ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ފަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް އޮފީހުން ބުނެފައިވާއިރު، ޓާޝަރީ ފެންވަރަށް ހުޅުމާލެ ހޮސްޕިޓަލް ތަރައްގީކޮށްފައިވާ ކަމަށްބުނެ 16 ނޮވެމްބަރު 2024ގައި ހުޅުމާލެ ހޮސްޕިޓަލް ވަނީ ހުޅުވާފައެވެ. އަދި ބޮޑު ރަސްމިއްޔާތެއް ބާއްވައި، ލައިސެންސް ހަވާލުކުރިއެވެ. ނަމަވެސް ހުޅުމާލެ ހޮސްޕިޓަލުން ޓާޝަރީ ފެންވަރުގައި ޚިދުމަތް ނުލިބޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.