އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނުގެ މައްސަލަ އެއް ޖޫޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.
ހޯމަ ދުވަހު ޖޭއެސްސީ އަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި 6 ވަނަ އިސްލާހްގެ މައްސަލަ ގާނޫނީ ވަކީލު އަލީ ހުސެއިން ސުޕްރީމް ކޯޓަށް ވެއްދުމުން އެ މައްސަލަ ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓަރ ރައުފާ ހައިދަރު ނިންމެވި ކަމަށެވެ.
އަދި އެ ގޮތައް ނިންމަވާ އެ ވާހަކަ އުއްތަމަ ފަނޑިޔާރަށް ދެންނެވުމުން، މުއުތަސިމް އަދުނާން ރައީސް ނަޝީދު އަށް ފޯނުން ގުޅުއްވައި އެވާހަކަ ދެންނެވި ކަމަށެވެ. އެއާ އެކު އެ މައްސަލަ ބަލައިގަންނަން ޖެހޭނެ ކަމަށް ރައީސް ނަޝީދު މުއުތަސިމް އަށް ދެންނެވި ކަމަށް ޖޭއެސްސީ އަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވެއެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް މި ނޫހާ ވާހަކަ ދެއްކި މަސްދަރަކުން ބުނެވަނީ، މުއުތަސިމް ފޯނުން ރައީސް ނަޝީދު އާ ގުޅުއްވި ކަމުގެ މައުލޫމާތު ލިބިވަޑައިގެން އެޓާރނީ ޖެނެރަލް އަހްމަދު އުޝާމް އުއްތަމަ ފަނޑިޔާރާ ގުޅުއްވާ ވަނީ "ބިރު ދައްކަވާފައެވެ."
ޖޭއެސްސީ އަށް މުއުތަސިމްގެ މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ މިއީ މުއުތަސިމް ގާނޫނާ ޚިލާފަށް ކުރައްވާފައިވާ ކަމެއް ކަމަށެވެ.
މުއުތަސިމް މިގޮތައް މިކަން ކުރެއްވި ކަން އެނގިވަޑައިގަންނަވާނެ ހެކިންގެ ގޮތުގައި ވަކި ފަރާތެއް ނޭނގޭ ގޮތައް މައްސަލަ ހުށަހެޅި ފަރާތުން ފާހަގަ ކޮށްފައިވަނީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެޓާރނީ ޖެނެރަލް އަހްމަދު އުޝާމް އާއި ކުރީގެ ޕީޖީ މުހުތާޒު މުހުސިން އާއި ހޯމް މިނިސްޓަރ އަލީ އިހްސާން އެވެ.
މުއުތަސިމް ގެ މައްޗަށް މައްސަލަ އެއް ހުށަހެޅުނު އިރު އެމަނިކުފާނު ވަނީ ރިޓަޔާ ކުރައްވަން ނިންމަވާ އެކަން ސިޓީއަކުން ޖޭއެސްސީ އަށް އަންގަވާފައެވެ.