ކ. މާލެ
|
26 މެއި 2025 | ހޯމަ 19:18
ބްރޮޑްކާސްޓިންގ ކޮމިޝަނުގެ ކުރީގެ އެސްޖީ މަރިޔަމް ޒީނިއާ
ބްރޮޑްކާސްޓިންގ ކޮމިޝަނުގެ ކުރީގެ އެސްޖީ މަރިޔަމް ޒީނިއާ
ސޯޝަލް މީޑިއާ
ބްރޯޑްކާސްޓިންގ ކޮމިޝަން
މީޑިއާތައް ރެގިއުލޭޓް ކުރައްވަން ތިއްބަވާ ބޭފުޅުންގެ އަމަލުތަކާމެދު ވިސްނަންޖެހޭ: ޒީނިއާ
ކޮމިޝަނުގައި މަސައްކަތް ކުރެއްވި ބޭފުޅުން މިއަދާހަމައަށް މިކަހަލަ ކަމެއްގައި ނުނިކުމެ ތިބެފައި މިއަދު ނުކުމެ ކަންބޮޑުވުންތަކެއް ފާޅުކުރެއްވީމާ އެއަޑު އައްސަވަން ވާނެކަމަށް ޒީނިއާ ވިދާޅުވި

މީޑިއާތައް ރެގިއުލޭޓް ކުރައްވަން ތިއްބަވާ ބޭފުޅުންގެ އަމަލުތަށް ހުރިގޮތާމެދު ވަރަށް ބޮޑަށް ވިސްނަންޖެހޭކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިއާ ވިދާޅުވެއްޖެއެވެ.

ރާއްޖެ އެމްވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޒީނިއާ ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން ބްރޮޑްކާސްޓިންގ ކޮމިޝަނުގައި މަސައްކަތް ކުރެއްވި ބޭފުޅުން މިއަދާހަމައަށް މިކަހަލަ ކަމެއްގައި ނުނިކުމެ ތިބެފައި މިއަދު ނުކުމެ ކަންބޮޑުވުންތަކެއް ފާޅުކުރެއްވީމާ އެއަޑު އައްސަވަން ވާނެކަމަށެވެ.

އަދި ސެކެރެޓަރީ ޖެނެރަލް އަށް ހުންނަވާ ބޭފުޅަކީ ގާނޫނުގައިވާގޮތަށް އިންޓަވިއު ކޮށްގެން ކޮމިޝަނުން ގެނެސްފައި ހުންނަ ބޭފުޅެއްކަމަށާއި ޤާނޫނުގައި ވާގޮތުގައި ކޮމިޝަންގެ އިދާރާ ހިންގަން ސެކެރެޓަރީ ޖެނެރަލްއެއް ހުންނަންވާނެ ކަމަށް ވާއިރު އިދާރީ ކަންކަން ހިންގަން ސެކްޓްރީ ޖެނެރަލް އަށް ދޫކޮށްލާފައި ބަހައްޓާވާ ނަމަ މިހިސާބަށް ކަންކަން ނުދާނެކަމަށް ޒީނިއާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޒީނިއާ ވިދާޅުވީ، ކޮމިޝަން ލެވެލްގައި އައިސް އެބޭފުޅުން ވާހަކަ ދެއްކެވުމުގައި ތުހުމަތު ކުރައްވާ ގޮތަށް، ކަންކަމުގައި ޝައްކު ކުރައްވާ ގޮތަށް ނުވަތަ އިތުބާރު ނުކުރައްވާގޮތަށް ވާހަކަ ދެއްކެވީމަ އެ ސްޓާފުންގެ މޯޓިވޭޝަން ލެވެލް މިހާރު ދަށްވެފައިވާކަމަށެވެ.

20 މެއި 2025 ވީ އަންގާރަ ދުވަހު އެސްޖީ ޒީނިއާ ސަސްޕެންޑްކޮށްފައިވަނީ ތިން ދުވަހުގެ މުއްދަތަށެވެ. އިތުބާރު ހުރި މަސްދަރަކުން ޒީނިއާ ވަކިކުރިކަން ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ އިރު ޒީނިއާ ސަސްޕެންޑް ކުރީ އިންޒާރެއް ދިނުމަކާއި ނުލާ ވަރަށް ބޮޑަށް ސުވާލު އުފެދޭ ގޮތަށެވެ.

އެގޮތުން ޒީނިއާ ސަސްޕެންޑް ކުރި މައްސަލައާ ގުޅޭގޮތުން މީގެ ކުރިން ރާއްޖެއެމްވީއަށް ޒީނިއާ ވިދާޅުވެފައި ވަނީ މިމަހުގެ 20 ވީ އަންގާރަ ދުވަހު ހެނދުނު ކޮމިޝަންގެ މެންބަރުން ބޭއްވި ބައްދަލުވުމުގައި އޭނާގެ ސުލޫކީ މައްސަލަތަކެއް ހުރި ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެކަމާއި މެދުޖަވާބުދާރީވުމަށް އަންގާފައިވަނީ ކުއްލި ގޮތަކަށް ކަމަށެވެ. އަދި އޭނާ އާއި ސުލޫކީ މައްސަލައާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ މައްސަލަ އެއް ފެންމަތިވެފައިވާ އިރު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންގެ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ތަކުރާރުކޮށް ދިމާވަމުންދާ ގޮންޖެހުންތަކާއި ގުޅިގެން ރަައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވަނީ ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް އެޑްރެސްކޮށް ފޮނުއްވާފައިވާ ޕެޓިޝަންގައި ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައިވެއެވެ.

އެ ޕެޓިޝަންގައި ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް އާއި ޑިރެކްޓަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އެޅޭގޮތަށް ކޮމިޝަނުގެ ރައީސްގެ ފަރާތުންނާއި ބައެއް ކޮމިޝަން މެންބަރުންގެ ފަރާތުން އިދާރީ ހިންގުމުގެ އެންމެހާ ކަންކަމާއި ވަކި ޙައްދެއް ޙުދޫދެއް ނެތި، އިދާރީ އޮނިގަނޑަށް އިހްތިރާމް ކުރުމެއް ނެތި، ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އަޅަމުންގެންދާ ކަމަށް ފާހަގަކޮށްފައިވެއެވެ.

މި ޕެޓިޝަން ހުށަހެޅުމާއި އެކު މުވައްޒަފުންނަށް އިތުރަށް ބިރު ދައްކަމުންދާ ކަމަށް މީގެ ކުރިން ރާއްޖެ އެމްވީ އާއި ވާހަކަދެއްކި ބްރޯޑްކޮމްގެ ސްޓާފުން ވަނީ ބުނެފައެވެ. މީގެ އިތުރުން ބްރޯޑްކޮމްގެ އައިޓީ އޮފިސަރ ފަަޒީލް ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.

- ކޮމެންޓް