ކ. މާލެ
|
26 މެއި 2025 | ހޯމަ 11:31
އިސްރާއީލްގެ ހަމަލާތަކުގައި ޒަޚަމުވެފައިވާ ކުއްޖަކަށް ފަރުވާ ދެނީ
އިސްރާއީލްގެ ހަމަލާތަކުގައި ޒަޚަމުވެފައިވާ ކުއްޖަކަށް ފަރުވާ ދެނީ
ރޮއިޓަރސް
އިސްރާއީލް
ޣައްޒާގެ ސްކޫލަކަށް އިސްރާއީލް އިން ދިން ހަމަލާގައި 20 މީހަކު ޝަހީދު ވެއްޖެ
ފަލަސްޠީނުގެ ސަލާމަތީ ބާރުތަކުން ހާމަކޮށްފައިވާ ގޮތުގައި ހޯމަ ދުވަހުގެ ފަތިހު، ޣައްޒާގެ ސްކޫލަކަށް އަމާޒުކޮށް އިސްރާއީލް އިން ދިން ހަމަލާގައި 20 މީހަކު ވަނީ ޝަހީދުވެފައެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި، ޣައްޒާގެ ސްކޫލަކަށް ދިން ހަމަލާގައި ގިނަ ބަޔަކު ޝަހީދު ކޮށްލައިފި އެވެ.

ފަލަސްޠީނުގެ ސަލާމަތީ ބާރުތަކުން ހާމަކޮށްފައިވާ ގޮތުގައި ހޯމަ ދުވަހުގެ ފަތިހު، ޣައްޒާގެ ސްކޫލަކަށް އަމާޒުކޮށް އިސްރާއީލް އިން ދިން ހަމަލާގައި 20 މީހަކު ވަނީ ޝަހީދުވެފަ އެވެ. 

ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ފުޅާ ކުރާނެ ކަމަށް ބުނެ އިސްރާއީލް އިން އިންޒާރުތައް ދިން ފަހުން، "ހަމާސް ބަލި ކުރުމަށް" ކަމަށް ބުނެ އަންނަނީ މިހާރު ވެސް ގިނަ ހަމަލާތަކެއް ދެމުންނެވެ. އަދި މި ހަމަލާތަކުގައި ގިނަ ބަޔަކު ޝަހީދުވެފައިވާއިރު، އެތައް ބަޔަކު ވަނީ ޒަޚަމުވެފަ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް، ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ ވާހަކަ ދައްކަމުންނެވެ. އަދި އިސްރާއީލްގެ އަމަލުޔައް ކުށްވެެރިކޮށް، އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ޤައުމު ތަކުން އަންނަނީ ދެމުންނެވެ. 

ސްޕެއިންގެ މެޑްރިޑުގައި ކުރިއަށް ދިޔަ ޔޫރަޕިއަން އަދި އަރަބި ޤައުމު ތަކުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޕެއިންގެ ޚާރިޖީ ވަޒީރު ޖޯސް މެނުއަލް ވަނީ، އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައި އެވެ. އަދި އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އަކީ "އިންސާނިއްޔަތާ ޚިލާފު" އަދި އެއްވެސް މާނައެއް ނެތް އަމަލުތަކެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

ޣައްޒާގެ ސިވިލް ޑިފެންސް އިން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލްގެ ހަމަލާތަކުގައި އާދީއްތަ ދުވަހު ވެސް ވަނީ ޣައްޒާ އިން 22 މީހަކު ޝަހީދުވެ، ގިނަ ބަޔަކު ޒަޚަމުވެފަ އެވެ. އޭގެ ތެރޭގައި ޖަބާލިއާ ސަރަހައްދަށް ދިން ހަމަލާގައި ޝަހީދުވި ހަތް މީހަކާއި، ނުސައިރަތު ސަރަހައްދުގައި ހުރި ޓެންޓުތަކަށް އަމާޒުކޮށް ދިން ހަމަލާގައި ޝަހީދުވި ހަތް މީހަކު ވެސް ހިމެނެ އެވެ.

ޖަނަވަރީ މަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން، މާޗު މަހުގެ ތެރޭގައި އިސްރާއީލް އިން ވަނީ އަނެއްކާ ވެސް ޣައްޒާ އަށް ހަމަލާތައް ދޭން ފަށައިފަ އެވެ. އެ ހަމަލާތައް ދޭން ފެށި ފަހުން ވެސް މިހާތަނަށް 3700 އަށް ވުރެ ގިނަ މީހުން ޣައްޒާ އިން ވަނީ ޝަހީދުވެފަ އެވެ. 

މީގެ ދެ އަހަރު ކުރިން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި ޣައްޒާ އިން ވަނީ މިހާތަނަށް 53،900 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ އަންހެންނާއި ކުޑަ ކުދިން ކަމަށް ވަނީ ހާމަކޮށްފަ އެވެ. 

- ކޮމެންޓް