ކ. މާލެ
|
26 މެއި 2025 | ހޯމަ 11:30
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ސްޕެނިޝް ލީގު
ފަހު މެޗުގައި ޗެމްޕިއަން ބާސެލޯނާ އިން ބިލްބާއޯ ބަލިކޮށްފި
މިއީ ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބު ކުރި 28 ވަނަ ފަހަރެވެ. އެ ޓީމުން ވަނީ މި ސީޒަންގައި ތިން ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ސްޕެނިޝް ލީގުގެ އިތުރުން، ކޮޕާ ޑެލް ރޭ އަދި ސްޕެނިޝް ސުޕަ ކަޕް އެވެ.

މި ސީޒަންގެ ސްޕެނިޝް ލީގުގެ ފަހު މެޗުގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗުން ޗެމްޕިއަން ބާސެލޯނާ މޮޅުވެއްޖެ އެވެ.

ބިލްބާއޯގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ދެ ލަނޑު ޖެހިއިރު، ފަހު ހާފުގައި ވަނީ ތިން ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ.

މެޗު ފަށައިގެން 14 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އެވެ. އެއީ ފާމިން ލޮޕޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

އޭގެ ތިން މިނެޓު ފަހުން ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ޖަހައި ބާސެލޯނާގެ ލީޑު ފުޅާ ކޮށްފަ އެވެ. އެއީ ބާސެލޯނާ އަށް ލިބުނު ކޯނަރެއްގައި ހުރަސްވި ބޯޅަ ގޯލަށް ވައްދާލައިގެން ލެވަންޑޯސްކީ ޖެހި ލަނޑެކެވެ.

އޭގެ ފަހުން ވެސް މެޗުގައި ބާސެލޯނާ އިން ވަނީ އިތުރު ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އިތުރު ލަނޑު ޖަހާނެ ފުރުސަތު ލެވަންޑޯސްކީގެ އިތުރުން، ލަމީން ޔަމާލް އަދި ރަފީނިއާ އަށް ވެސް ވަނީ ލިބިފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަަމަވެ އިތުރަށް ދެއްކި ވަގުތުގައި ބާސެލޯނާ އިން ވަނީ ތިން ވަނަ ލަނޑެއް ޖަހައިފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެ ލަނޑު ޖެހީ ޑެނީ އޮލްމޯ އެވެ.

ބާސެލޯނާ އިން މި ސީޒަންގެ ލީގު ޗެމްޕިއަންކަން ހޯދާފައިވާއިރު، އެއް ވަނައިގައި އެ ޓީމުން ނިންމާލީ 38 މެޗުން 88 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ވާދަވެރި ރެއާލް މެޑްރިޑަށް ލިބެނީ 84 ޕޮއިންޓެވެ.

މިއީ ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބު ކުރި 28 ވަނަ ފަހަރެވެ. އެ ޓީމުން ވަނީ މި ސީޒަންގައި ތިން ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ސްޕެނިޝް ލީގުގެ އިތުރުން، ކޮޕާ ޑެލް ރޭ އަދި ސްޕެނިޝް ސުޕަ ކަޕް އެވެ.

މިއީ ބާސެލޯނާގެ ކޯޗުކަމާ މި ސީޒަނާ ދިމާކޮށް ހަވާލުވި ޖަރުމަނުގެ ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ނިންމާލި ކާމިޔާބު ސީޒަނެކެވެ.

- ކޮމެންޓް