ކ. މާލެ
|
26 މެއި 2025 | ހޯމަ 09:25
މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތައް އޮރެންޖެ ހިޔާ އަށް ރަސްމީކޮށް ބަަދަލުކުރުން
މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތައް އޮރެންޖެ ހިޔާ އަށް ރަސްމީކޮށް ބަަދަލުކުރުން
ރައީސް އޮފީސް
މޯލްޑިވިއަން ބްލަޑް ސާވިސަސް
ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އޮރެންޖް ހިޔާއަށް ރަސްމީކޮށް ބަދަލުކޮށްފި
މި މަސައްކަތް ހަވާލުކުރެއްވުމުން، އެމްއެންޑީއެފުން އަމަލީ މަސައްކަތް ފަށާފައިވަނީ 28 މާރޗް 2025 ގަ
އެ ޚިދުމަތް ރަސްމީކޮށް އެ ތަނުގައި އިފްތިތާހުކޮށްދެއްވީ އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އޮރެންޖް ހިޔާއަށް ބަދަލުކޮށް، ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އެ ޚިދުމަތް ރަސްމީކޮށް އެ ތަނުގައި އިފްތިތާހުކޮށްދެއްވީ އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. އެ ހަފުލާ އޮތީ އޮރެންޖް ހިޔާ ބިލްޑިންގގައެވެ.

ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކޮށްފައި މިވަނީ ތެލެސީމިއާ ސެންޓަރު ހިންގަމުންދިޔަ ދަމަނަވެށި ވަރަށް ބޮޑަށް ބައުވެ، އެތަނުގައި ޚިދުމަތްތައް ނުދެވި ފިލްޓަރތަކުގެ މައްސަލައެއް ދިމާވެ، ލޭ އަޅާ މީހުންގެ ލޭތައް އުކާލަންޖެހޭ މައްސަލަ ބޮޑުވެ، އާއްމު ރައްޔިތުން މުޒާހަރާ ކުރުމާ ގުޅިގެންނެވެ. އަދި އެ އިމާރާތަކީ ރައްކާތެރި ތަނެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

ސަރުކާރުން ބުނިގޮތުގައި މި ސެންޓަރުގެ ޚިދުމަތްތައް އޮރެންޖު ހިޔާއަށް ބަދަލުކުރުމުން ޖާގަ ތަނަވަސްވެ، ޚިދުމަތް ފޯރުކޮށްދެއްވުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ. މި ސެންޓަރުގައި ޖެނެރަލް ވޯޑްގެ އިތުރުން އަންހެނުންނަށް ޚާއްޞަ ވޯޑަކާއި، ކުޑަކުދިންނަށް ޚާއްޞަ ވޯޑެއް ހިމެނެއެވެ. ހަމައެހެންމެ ލޭ ރައްކާކުރުމުގެ ކެޕޭސިޓީ 200ލޭ ޕައިންޓްގައި ހުރި ހުރުން މިހާރު ވަނީ އިތުރު ދެ ސްޓޯރޭޖާއެކު ޖުމްލަ 600 ލޭ ޕައިންޓަށް އިތުރުކުރައްވާފައެވެ. އެތަނުގައި 5 ނަރުހުންނާއި، 6 ލެބް ޓެކްނީޝަނުން އިތުރުކުރެވި، ދާއިމީކޮށް ހުރުމަށް ފިޒީޝަނެއް ހަމަޖައްސާފައިވެއެވެ. މީގެ އިތުރުން ސެންޓަރުން ޚިދުމަތް ދިނުމަށް އިތުރު 16 މުވައްޒަފުން ވަނީ ހަމަޖައްސާފައެވެ.

ހުޅުމާލެ އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމަށް އެމްއެންޑީއެފްއާ ހަވާލުކޮށްގެން ފެށި މަސައްކަތް ފުރިހަމަކުރުމަށްފަހު ހެލްތު މިނިސްޓްރީއާ އާއި ހަވާލުކުރީ މޭއި މަހުގެ ކުރީކޮޅެވެ. މި މަސައްކަތް ހަވާލުކުރެއްވުމުން، އެމްއެންޑީއެފުން އަމަލީ މަސައްކަތް ފަށާފައިވަނީ 28 މާރޗް 2025 ގައެވެ. އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ ޑިޒައިނިންގ ޓީމުން ވަނީ އަލުން އެތަން ޑިޒައިންކޮށް، ކުޑަކުދިން ގަޔާވާ ކަހަލަ ބައެއް ބަދަލުތައް ވެސް ގެނެސް ފައެވެ.

މި މައްސަލަ ފެންމަތިވުމާ ގުޅިގެން 23 މާރިޗް 2025 ވީ އާދިއްތަ ދުވަހު ރައީސް ވަނީ ތެލަސީމިއާ ސެންޓަރުގެ ހާލަތު އަދި ދަމަނަވެށީގެ އެ އިމާރާތުގެ ހާލަތު ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް އެމަނިކުފާނުގެ ރިޔާސީ އިންތިޚާބުގެ ކެންޕޭންގެ ތެރޭގައި މި އިމާރާތާ ގުޅޭގޮތުން ވަނީ ވާހަކަ ދައްކާފައެވެ. ރައީސް މުއިއްޒު ވިދާޅުވީ ތެލަސީމިއާ ސެންޓަރުގެ ހާލަތު ވަރަށް ދަށް ކަމަށާއި، ރަނގަޅު ޚިދުމަތެއް ނުދެވޭތީވެ، ތެލަސީމިއާ ކުދިން މަރުވާ ރޭޓް ވެސް އިތުރުވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ރަނގަޅު ޑޮކްޓަރުންނާއެކު، ފެންވަރު ރަނގަޅު ޚިދުމަތް ދެވޭ ޖާގަ ބޮޑު ތެލަސީމިއާ ސެންޓަރެއް މާލެސިޓީގައި ގާއިމް ކުރާނެ ކަމަށެވެ.

ރައީސް މުއިއްޒު ހެއްދެވި މި އިތުރުފުޅާ ގުޅިގެން ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެ، ގިނަ ބައެއްގެ ފާޑުކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

- ކޮމެންޓް