ދިވެހި ރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށްޓަކައި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.
ރައީސް އެ ބިލު ތަސްދީޤު ކުރައްވާފައި ވަނީ އެކަމަށްޓަކައި އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތުގަ އެވެ.
މި ޤާނޫނަކީ ދިވެހިރާއްޖޭ ގައި ނުރައްކާތެރި އަދި އިންތިޒާމު ވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށްޓަކައި ކަމާ ގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި، އެފަދަ ކުށްތައް ހުއްޓުވުމަށް ޤާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ލިބިދޭ ބާރުތައް ކަނޑައެޅާފައިވާ ޤާނޫނެކެވެ.
އަދި އެފަދަ ކުށްތަކުން ކުޑަކުދިން ދުރު ކުރުމަށް ފިޔަވަޅު އެޅުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެފަދަ ކުށްތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް މޮނިޓާކޮށް ކޮންޓްރޯލް ކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެނޫން ވެސް ކަމާބެހޭ އުސޫލުތައް މި ޤާނޫނުގައި ވަނީ ކަނޑައަޅައިފަ އެވެ.
މި ޤާނޫނުގައި ހިމެނޭ ބައެއް މުހިންމު ކަންތައްތަކުގެ ތެރޭގައި ގޭންގުތަކުގެ ބާރުވެރިކަން ކަނޑުވާލުމުގެ ގޮތުން، ގޭންގުތަކާއި އަދި ގޭންގުތަކާ ގުޅިފައިވާ ފަރާތްތަކަކީ ކޮބައިކަން ކޯޓު މެދުވެރިކޮށް ކަނޑައެޅުން ހިމެނެ އެވެ.
އަދި ގޭންގުތަކަށް ފައިސާ ޚަރަދުކުރާ މީހުން ހުއްޓުވުމާއި، ގޭންގްތަކާ ގުޅިގެން، ނުވަތަ އެނޫން ބޮޑެތި ކުށް ކުށަށް އަރައި ގަނެގެން، ނުހައްގު މުއްސަނދިކަން ހޯދާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީގު ކުރުން ވެސް ހިމެނެ އެވެ. އެގޮތުން ހޯދާފައިވާ ފައިސާ އާއި މުދާ ކޯޓު މެދުވެރިކޮށް ދައުލަތަށް ނެގުން ވެސް މި ޤާނޫނުގައި ވަނީ ހިމަނައިފަ އެވެ.
މީގެ އިތުރުން ގޭންގު ހަރަކާތްތަކާ ދެކޮޅަށް ކޮންޓްރޯލް ޑެލިވަރީ އަދި ސިއްރު އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމުގެ އިތުރުން، ކުޑަކުދިން ގޭންގުތަކާ ގުޅުމާއި، ބޮޑެތި ކުށްތައް ކުރުމުގައި ބައިވެރިވުން ހުއްޓުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް މި ޤާނޫނުން ވަނީ އަޅައިފަ އެވެ.
ހަމަ އެހެންމެ މޮނިޓަރިން ކުރިއަށް ގެންގޮސް މޮނިކޮން އަމުރުގެ ދަށުން ޓެގު އެޅުވުމާއި، ކުށްކުރާ މީހުން މޮނިޓާކޮށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް މި ޤާނޫނުގެ ދަށުން ޤާއިމު ވެގެން ދާނެ އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅައިގެން، ބިލު ފާސްކޮށްފައި ވަނީ 2025 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު އޮތް، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގަ އެވެ.