ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް އިސްރާއީލް އިން ހުރަސް އަޅާފައިވާއިރު، ބަނޑުހައި ހޫނު ކަމުގެ ސަބަބުން ޣައްޒާ އިން ހަަތަރު އަހަރުގެ ކުއްޖަކު ޝަހީދުވެއްޖެ އެވެ.
އިސްރާއީލް އިން ޣައްޒާ ގައި ހިންގަމުން އަންނަ ހަނގުރާމަ އާއި، ޣައްޒާ ގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ގާތް ގަނޑަކަށް 70،000 އަށް ވުރެ ގިނަ ކުޑަ ކުދިން ވަނީ ނުރައްކާތެރި ޙާލަތުގަ އެވެ.
ޚާއްސަކޮށް ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް އެކަށީގެންވާ ކާބޯތަކެތި ނުލިބުމުގެ ސަބަބުން، ބަނޑުހައި ހޫނުކަން ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ. ޣައްޒާ ގައި އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެ، އުނދަގޫ ޙާލަތަކަށް ގޮސްދާނެ ކަމުގެ އިންޒާރު ވެސް އިދާރާ ތަކުން ވަނީ ދީފަ އެވެ.
ބަނޑުހައި ހޫނު ކަމުގެ ސަބަބުން ޣައްޒާ އިން ވަނީ އާދީއްތަ ދުވަހު ހަތަރު އަހަރުގެ ކުޑަ ކުއްޖަކު ޝަހީދުވެފަ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޝަހީދުވެފައި ވަނީ މުޙައްމަދު ޔާސީން އެވެ.
އިސްރާއީލްގެ ހަމަލާތަކާއި، ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ޣައްޒާގެ ތުއްތު ކުދިން ވަނީ ބިރުވެރި ޙާލަތެއްގަ އެވެ. ދާދި ފަހުން އިސްރާއީލް އިން ދިން ހަމަލާއެއްގައި ޑޮކްޓަރު އަލާ އަލް ނައްޖާރުގެ 10 ދަރިންގެ ތެރެއިން ނުވަ ދަރިން ވަނީ ޝަހީދުވެފަ އެވެ. އެކަމާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ އެކަން ހިނގައި ދިޔަ ގޮތް ބަލަމުން އަންނަ ކަމަށެވެ.
ޣައްޒާގެ އިސް އޮފިޝަލުން ބުނެފައިވާ ގޮތުގައި ތުއްތު ކުދިން ޝަހީދު ކުރުމަކީ އަދި އެ ކުދިންނަށް އަމާޒުކޮށް ޖަރީމާތައް ހިންގުމަކީ އިސްރާއީލް ސިފައިން މުނިފޫހި ފިލުވުމުގެ ގޮތުން ކުރަމުން އަންނަ ކަމެކެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން ޣައްޒާ އަށް އަންނަނީ އިންސާނީ އެހީގެ ޓްރަކްތައް ވައްދަމުންނެވެ. އެހެން ނަމަވެސް، މިވަގުތު ވެސް ޣައްޒާ އަށް ވަންނަމުން އަންނަނީ އެ ޤައުމުގެ ދެ މިލިއަން މީހުންނަށް ބޭނުންވާ ވަރަށް ވުރެ މަދު މިންވަރުގެ އެހީ ކަމަށް އެހީ ދޭ ޖަމިއްޔާތަކުން އަންނަނީ ބުނަމުންނެވެ.