ޣައްޒާ އަށް އިންސާނ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް، އެހީގެ ސާމާނު ހިމެނޭ ޓްރަކްތަކެއް ލޫޓުވުމުގެ ހާދިސާއެއް ހިނގައިފި އެވެ.
އދ އިން ހުކުރު ދުވަހު ހާމަކޮށްފައިވާ ގޮތުގައި، އަލުން އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ފެށުމާ އެކު، 15 ޓްރަކް ލޫޓުވުމުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.
އދ ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެފައި ވަނީ ފަލަސްޠީނުގެ ރައްޔިތުން މިހާރު ތަހަންމަލު ކުރަމުން ދަނީ، ހަނގުރާމައިގެ އެންމެ އަނިޔާވެރި މަރުޙަލާ ކަމަށެވެ.
ޓްރަކް ތަކެއް ވަގަށް ނަގާފައިވާ ހާދިސާއާ ގުޅިގެން، ވޯލްޑް ފުޑް ޕްރޮގްރާމް އިން މައުލޫމާތު ދީފައިވާ ގޮތުގައި އެ ޓްރަކްތައް ލޫޓުވާފައި ވަނީ ދެކުނު ޣައްޒާގައި ހުރި ބޭކަރީތަކަށް އެހީގެ ސާމާނުތައް ފޯރުކޮށްދެމުން ދިޔަ ވަގުތެއްގަ އެވެ.
އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ކާބޯ ތަކެތީގެ ދަތިކަމާ ހުރެ އިތުރު އެހީ ލިބޭނެ ކަމުގެ ޔަގީންކަން ނެތުމުގެ ސަބަބުން އެ ފަދަ ހާދިސާތައް ހިނގަމުންދާ ކަމަށެވެ.
ޣައްޒާ އަށް ބޭނުންވާ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނައިރު ވެސް، އިސްރާއީލް އިން އަންނަނީ ހަމަލާތައް ދީ، އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ.
އެގޮތުން ޣައްޒާގެ ސިވިލް ޑިފެންސް އިން ހާމަކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހު އެކަނި ވެސް އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާ އިން ވަނީ 71 މީހަކު ޝަހީދުވެފަ އެވެ. މީގެ އިތުރުން ހަމަލާތަކުގައި ގިނަ ބަޔަކު ޒަޚަމުވެފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މިއަހަރުގެ ޖަނަވަރީ މަހު އެކުލަވާލެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު، މާޗު މަހުގެ ތެރޭގައި އިސްރާއީލް އިން ވަނީ އަނެއްކާ ވެސް ޣައްޒާ އަށް ހަމަލާތައް ދޭން ފަށައިފަ އެވެ. އަދި ދެ ވަނަ ފަހަރަށް ހަމަލާތައް ދޭން ފެށުމުގެ ކުރިން ވަނީ، ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ވެއްދުމަށް ހުރަސް އަޅައިފަ އެވެ.
އަލުން ހަމަލާތައް ދޭން ފެށި ފަހުން މިހާތަނަށް ޣައްޒާ އިން 3600 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ހަނގުރާމައިގައި މިހާތަނަށް 53،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.
ދަތި ކުރުންތަކަށް ފަހު، މިހާރު ޣައްޒާ އަށް އަންނަނީ އިންސާނީ އެހީގެ ސާމާނު ފޯރު ކޮށްދެމުންނެވެ. އެހެން ނަމަވެސް، އަދި ވެސް ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީ، އެންމެ އެކަށީގެންވާ މިންވަރުގައި ފޯރުކޮށްނުދެވޭ ކަމުގައި އެހީ ފޯރުކޮށްދޭ ޖަމިއްޔާ ތަކުން ވަނީ ބުނެފަ އެވެ.