ކ. މާލެ
|
24 މެއި 2025 | ހޮނިހިރު 09:12
ޗައިނާ އިން ރާއްޖެ އަށް ކުޅިވަރު ސާމާނު ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޗައިނާ އިން ރާއްޖެ އަށް ކުޅިވަރު ސާމާނު ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ކުޅިވަރާއި ހަށިހެޔޮ ކަމާ ބެހޭ ވުޒާރާ
ޗައިނާ އިން ރާއްޖެ އަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާ ކޮށްފި
މި އެއްބަސްވުމުގެ ދަށުން ޗައިނާ އިން ރާއްޖެ އަށް ނުވަ ބާވަތެއްގެ ކުޅިވަރު ސާމާނު ވަނީ ހަދިޔާ ކޮށްފަ އެވެ.

ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހި ރާއްޖެ އަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާ ކޮށްފި އެވެ.

މި ސާމާނު ހަދިޔާ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް، ހެންވޭރު ބޯޅަ ގޭގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އަދި ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ، ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އެވެ.

މި ރަސްމިއްޔާތުގައި ވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލްގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ ރައީސް މުޙައްމަދު ޢަބްދުއް ސައްތާރު (ޗަމްޕީ) އަދި ކުޅިވަރު ވުޒާރާގެ އިސްވެރިން ވެސް ބައިވެރިވެފަ އެވެ.

މި އެއްބަސްވުމުގެ ދަށުން ޗައިނާ އިން ރާއްޖެ އަށް ނުވަ ބާވަތެއްގެ ކުޅިވަރު ސާމާނު ވަނީ ހަދިޔާ ކޮށްފަ އެވެ.

އެގޮތުން 400 ފުޓުބޯޅަ، 60 ސްޓާޓިން ބްލޮކް، 60 ހާޑަލްސް، 60 މެނުއަލް ޓައިމް ކީޕިން، 60 ޓޭބަލް ޓެނިސް ޓޭބަލް، 20 ސްކޯ ބޯޑު، 300 ޓޭބަލް ޓެނިސް ރެކެޓު، 1500 ޓޭބަލް ޓެނިސް އަދި އަށް ޖަޖު ގޮނޑި ހިމެނެ އެވެ.

ޗައިނާ އާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ކުޅިވަރު ވަޒީރު ރާފިޢު ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި، ރާއްޖޭގެ ކުޅިވަރަށް ޗައިނާ އިން ފޯރު ކޮށްދެމުން އަންނަ އެހީތެރިކަމާއި، އެއްބާރުލުމަށް ޝުކުރު އަދާ ކޮށްފަ އެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ރާއްޖެ އިން ކުޅިވަރުގައި އެންމެ އުހަށް ގޮސް، ކާމިޔާބީތައް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި ޗައިނާ އަކީ ރާއްޖެ އަށް އެންމެ ބޮޑު އެހީތެރިކަމެއް ދެމުން އަންނަ އެއް ޤައުމު ކަމަށެވެ.

ޗައިނާ އިން ވަނީ މީގެ ކުރިން ވެސް ރާއްޖެ އަށް ކުޅިވަރު ސާމާނު ހަދިޔާ ކޮށްދިނުމުގެ އިތުރުން، ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެހީތެރިކަން ފޯރު ކޮށްދީފަ އެވެ.

- ކޮމެންޓް