އޮޕަރޭޝަން ސިންދޫރްއާ ބެހޭ މައުލޫމާތު ދިނުމަށް އިންޑިއާގެ ޕާލަމެންޓްގެ އޯލްޕާޓީ ހަތް ޑެލިގޭޝަން ދުނިޔޭގެ ހަތް ސަރަހައްދަށް ފޮނުވުމުގެ މަސައްކަތް އިންޑިއާ އިން ފަށައިފި އެވެ.
އެގޮތުން އިންޑޮނީޝިއާ، މެލޭޝިއާ، ދެކުނު ކޮރެއާ، ޖަޕާން އަދި ސިންގަޕޫރަށް ދަތުރުކުރާ ވަފުދު މިދިޔަ ބުދަ ދުވަހު ވަނީ ދަތުރު ފަށާފައި އެވެ. އަދި ޔޫ.އޭ.އީ، ލައިބީރިއާ، ކޮންގޯ އަދި ސިއޭރަ ލިއޯނަށް ދަތުރުކުރާ ވަފުދު ވެސް ހަމަ އެދުވަހު ވަނީ ދަތުރު ފަށާފައި އެވެ.
ރަޝިޔާ، ސްލޮވީނިއާ، ގްރީސް، ލެޓްވިއާ އަދި ސްޕެއިން އަށް ދަތުރުކުރާ ޓީމުން ބުރާސްފަތި ދުވަހު ވަނީ ރަޝިޔާ އަށް ގޮސް، އެގައުމުގެ ކަމާ ބެހޭ ފަރާތްތަކާއ ބައްދަލުކުރަން ފަށާފައިއެވެ.
ބަޙްރައިން، ސަޢޫދީ ޢަރަބިއްޔާ، ކުވައިތު އަދި އަލްޖީރިއާ އަށް ދަތުރުކުރާ ޓީމު ހޮނިހިރު ދުވަހު ދިއްލީ އިން ފުރާނެ އެވެ.
މި ވަފުދުތައް ދަތުރު ފެށުމުގެ ކުރިން އިންޑިއާގެ ޚާރިޖިއްޔާގެ ފަރާތުން އެބޭފުޅުންނަށް ބޭނުންވާ މައުލޫމާތު ދީފައިވެ އެވެ.
މިވަފުދުތަކުގެ ބޭނުމަކީ މިދިޔަ މަހު ކަޝްމީރުގެ އިންޑިއާ ފަޅީގައި ހަނގުރާމަވެރިން ދިން ހަމަލާގައި ގިނަ އަދަދެއްގެ ފަތުރުވެރިން މަރުވުމާއި، އެ ހަމަލާގެ ރައްދުގައި އިންޑިއާ އިން ޕާކިސްތާނަށް ދިން ހަމަލާގެ މައުލޫމާތު އަދި ޖުމްލަކޮށް ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ސަބަބުން އިންޑިއާއަށް އޮތް ނުރައްކަލާ ބެހޭ މައުލޫމާތު އެކި ގައުމުތަކާއި ހިއްސާކުރުމެވެ.
ވަފުދުތަކުން ގައުމުތަކަށް ގޮސް، އެގައުމުތަކުގެ ސަރުކާރުގެ އިސް ފަރާތްތަކާއި، ޤާނޫނު ހަދާ މަޖިލިސްތަކާއި އަދި ނޫސްވެރިންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވެ އެވެ.