މިދިއަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ތަހުގީގަށް އޭނާގެ ބަޔާން ނެގުމަށް އާއިލާއިން އެއްބާރުލުން ނުދޭތީ, އެކަން ކުރަން އޭނާ ފަރުވާ ހޯދަމުންދާޤައުމު ކަމުގައިވާ މެލޭޝިއާގެ ފުލުހުންގެ އެހީތެރިކަން ހޯދަން, ދިވެހި ފުލުހުން ނިންމައިފިއެވެ.
މިކަން ހާމަކުރީ ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގަ އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު ފުރާޅު މައްޗަށް ވެއްޓިފައި އޮށްވައި ފެނުނު, ޔުމްނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ, އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހުގައި, އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ގެންދިޔައީ އޭޕްރީމް މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނީ ޔުމްނު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދިވެހި ދެ ފުލުހުން މެލޭޝިއާގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން އެއް ފުލުހަކީ މެޑިކަލް ޑޮކްޓަރެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
ނަމަވެސް މިއަދާ ހަމައަށް، ތަކުރާރުކޮށް މުއާމަލާތުކުރަން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް، އަނިޔާ ލިބުނު އަންހެން މީހާގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ. އަދި، ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭގޮތުން ވެސް ފުލުހުންނާ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައި ނުވާއިރު، މެލޭޝިއާގައި އޭނާއަށް ފަރުވާ ދެމުން ދިޔަ ހޮސްޕިޓަލް ބަދަލުކުރި އިރުވެސް ފުލުހުންނާ އެ މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށް ދިވެހި ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ތަހުގީގު ޓީމުން މިއަދާ ހަމައަށްވެސް މަސައްކަތް ކުރަމުން ދިޔައީ އާއިލާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ އުންމީދުގައި ކަމަށާއި ނަމަވެސް، އެއްބާރުލުން ލިބިފައި ނުވާތީ މެލޭޝިއާގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި މެލޭޝިއާ ފުލުހުންނާ ގުޅިގެން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
2025 އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުގީގާ ގުޅޭ pic.twitter.com/YWVfAW6ETM
— Maldives Police (@PoliceMv) May 22, 2025
ޔުމްނު ވެއްޓުނު ރޭ އޭނާއާއެކު އެންމެ ފަހުން އުޅުނުކަމަށް ބެލެވޭ, ގ.އެރިޔަދޫ، ރައުދު އަހުމަދު ޒިލާލް, ފުލުހުންގެ ބަންދުގައި ގިނަ ދުވަސްތަކެއް ބެއިންދުމަށް ފަހުގައި ބުރާސްފަތި ދުވަހު ވަނީ ބަންދުން ދޫކޮށްލައިފައެވެ.
އެކާވީސް އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދާ ފުލުހުން ސުވާލުކޮށް، މަސްތުވާތަކެއްޗަށް ޓެސްޓު ކުރި ނަމަވެސް ފުރަތަމަ އޭނާ ހައްޔަރެއް ނުކުރެއެވެ. ރައުދު ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުންނެވެ.
މާލޭގެ އުސް އިމާރާތަކުން ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޔުމްނުއަށް އިންސާފު ހޯދައި ދިނުމަށް ކަމަށް ބުނެ ގިނަ އަދަދެއްގެ ޒުވާނުން ވަނީ މަގުތަކަސް ނުކުމެ، މުޒާހަރާތައްވެސް ކޮށްފައެވެ.
ޔުމްނުގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި ޔުމްނު ފެންޓެނޯއީގޭގެ ނުވަވަނަ ފަންގިފިލައިން ފުއްމާލީ އަމިއްލައަކަށް ނޫނެވެ. ބަޔަކު ރާވައިގެން ޔުމްނު ވައްޓާލީ ކަމަށް އާއިލާއިން ވަނީ ތުހުމަތު ކޮށްފައެވެ. އަދި އެރޭ ރައުދުގެ އިތުރުން އިތުރު ހަތަރު މީހަކު އެތަނުގައި އުޅުނުކަމަށް ވެސް އާއިލާއިން ވަނީ ބުނެފައެވެ.