އެމެރިކާގައި ވެރިރަށް ވޮޝިންގޓަން ޑީސީ ގައި ހުންނަ އިސްރާއީލު އެމްބަސީގެ ދެ މުވައްޒަފެއްގެ ގަޔަށް ބަޑި ޖަހާ މަރާލައިފިއެވެ.
އެމީހުންގެ ގަޔަށް ބަޑި ޖެހީ ބުދަ ދުވަހުގެ ރޭ އިރާކޮޅު ވޮޝިންގޓަން ޑީސީގައި ހުންނަ ޔަހޫދީ ދާރުލްއާސާރުގެ ބޭރުގައެވެ.
މެޓްރޮޕޮލިޓަން ޕޮލިސް ޑިޕާޓްމަންޓްގެ އިސްވެރިޔާ ޕަމެލާ އޭ ސްމިތު ވިދާޅުވި ގޮތުގައި މި ހަމަލާ އާ ގުޅިގެން އެކަކު ވަނީ ހައްޔަރު ކުރެވިފައިވެއެވެ. އެއީ ޗިކާގޯ އަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އެލިއަސް ރޮޑްރިގޭޒް އެވެ.
ރޮޑްރިގެޒް ހައްޔަރުގައި ކޮށްގެން ގެންދިޔައިރު "ފްރީ، ފްރީ، ޕެލެސްޓައިން" ގޮވަމުން ދިޔަ ވީޑިއޯ އެއް ވަނީ އާންމުވެފައެވެ.
އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީގެ ސެކްރެޓަރީ ކްރިސްޓީ ނޯމް ވިދާޅުވި ގޮތުގައި ފެޑެރަލް އޮތޯރިޓީތަކުން މި ހަމަލާއާ ގުޅޭ ތަޙުޤީޤު ކުރިއަށް ގެންގޮސް އަދި މި "ނުބައި ޢަމަލު" ހިންގި ފަރާތް އިންސާފުގެ ކުރިމައްޗަށް ގެނެވޭނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި އަމަލު ކުށްވެރި ކުރައްވާފައެވެ.
އދ. އަށް އިސްރާއީލަށް ކަނޑައަޅާފައިވާ ސަފީރު ޑެނީ ޑެނޮން ވިދާޅުވީ "ޔަހޫދީ މުޖްތަމައަށް ގެއްލުން ދިނުމަކީ ރަތް ރޮނގު ހުރަސް ކުރުން،" ކަމަށެވެ.
މި ހާދިސާ އަށް ފަހު އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އިސްރާއީލުގެ މިޝަންތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އަންގަވާފައިވެއެވެ.