އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އުމުުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ އަށް މަސް ދުވަސްވީ އިރު ތަހުގީގަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް އޭނާގެ އާއިލާ އިން ބުނެފިއެވެ.
އޭނާގެ އާއިލާ އިން އެކްސްގައި ހިއްސާކުރި ބަޔާނެއްގައި ބުނެފައި ވަނީ ޔުމްނުގެ މައްސަލައިގެ ތަހުގީގަށް ކުރިއެރުން ނުލިބޭތީ ކަންބޮޑުވާ ކަމަށެވެ. ހަމައެހެންމެ މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް ވަނީ ސިފަކޮށްފައެވެ. އެގޮތުން މި މައްސަލައިގެ ތަހުގީގު ވަކި ގޮތަކަށް އަނބުރާލުމަށް ފުލުހުން މަސައްކަތްކޮށްފައިވާ ކަމަށް ޔުމްނުގެ އާއިލާ އިން ވަނީ ބުނެފައެވެ.
ޔުމްނުގެ އާއިލާ އިން އިތުރަށް ބުނީ ޔުމްނު އާއި މެދު އަނިޔާވެރި ލާއިންސާނީ އަމަލު ހިންގި ފަރާތައް މިނިވަން ކަމާއި އެކު އުޅުމަކީ ނުރައްކަލެއް ކަމަށެވެ. އަދި ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ސިޔާސީ ނުފޫޒު ފޯރާކަމުގެ ބައިވަރު ހެކިތައް ފެންނަން ހުރި ކަމަށް އާއިލާ އިން ބުނެފައިވެއެވެ. ޓްރާންސްޕޯޓް މިނިސްޓަރު އަމީން ޕޮލިސް ކޮމިޝަނަރަށް ގުޅުއްވިކަމަށް މަޖިލީހުގައި އަމިއްލަފުޅަށް އިއުތިރާފް ވެވަޑައިގަންނަވާފައިވާކަން އާއިލާ އިން ވަނީ ފާހަގަކޮށްފައެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ މި ހާދިސާއާ ގުޅުން ހުރި ތަންތަން ކޯޓު އަމުރެއްގެ ނެތި ބަލައި ފާސްކުރުމުން އެކަންކަން ކޯޓު މަރުހަލާގައި ބާތިލްވާނެ ކަމަށާއި މި އަމަލަކީ ވެސް އިންސާފަށް ހުރަސް އަޅަން ކުރާ މަސައްކަތެއް ކަމަށެވެ. ފުލުހުން މި މައްސަލައިގައި ދޮގުި މައުލޫމާތު ދިނުމުން ވެސް މި މައްސަލައިގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް ހޯމް މިނިސްޓަރ އިހުސާން ވިދާޅުވެފައިވާތީ އެކަމަށް ވެސް އާއިލާ އިން ވަނީ ފާޑު ކިޔާފައެވެ.
ޔުމްނު ވެއްޓުނު ހާދިސާގައި އުމުރުން 21 އަހަރުގެ ރައުދު އަހުމަދު ޒިލާލްގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތުކޮށް ފުލުހުން ވަނީ އޭނާ އޭޕްރީލް މަހުގެ 24، ގަ ހައްޔަރުކޮށްފަ އެވެ. އެއީ ޔުމްނު ވެއްޓުނު ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ.
ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.
ރައުދުގެ ބަންދުކުރަން އެދުމުގައި ފުލުހުން މިގޮތަށް ތުހުމަތުކުރި ނަމަވެސް، ފުލުހުން ކުރިން ބުނެފައިވަނީ ޔުމްނު ވެއްޓުމުގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. ޔުމްނު ވެއްޓުމުގެ ކުރިން އެ ރޭ އޭނާއާ އެކު އުޅުނު އިތުރު ހަތް މީހެއްގެ ވަނަވަރު ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
15 އެޕްރިލްގައި ކްރިމިނަލް ކޯޓުން ވަނީ ރައުދުގެ ބަންދަށް 20 ދުވަސް ޖަހާފައެވެ. މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ހަތަރުވަނަ ފަހަރެވެ.