ސްޕޯޓްސް މިނިސްޓްރީއަށް އަނެއްކާ ވެސް އިތުރު ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އައްޔަނުކުރައްވައިފި އެވެ.
ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް އައްޔަނުކޮށްފައި ވަނީ އުމުރުން 31 އަހަރުގެ ތަމްރީން ރަޝީދު، ގޮންގަލީ އާބާދު، ގއ. ވިލިނގިލި އެވެ.
ތަމްރީން ރަޝީދު ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރެއްވިއިރު، އޭނާ ވަނީ ސޯޝަލްމީޑިއާގައި ރައީސް މުއިއްޒުއަށާއި ވިލިނިގިލި ދާއިރާގެ މަޖިލިސް މެންބަރު، އާޒިމް އަބްދުލް އަޒީޒް ޝުކުރު އަދާކޮށް ޕޯސްޓެއް ވެސްކޮށްފައެވެ.
ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަަރެއްގެ މަހު މުސާރައަކީ 25,500ރ. އެވެ.
ސްޕޯޓްސް މިނިސްޓްރީގައި މިހާރު ތިބީ ކިތައް ސިޔާސީ މުވައްޒަފުންކަމެއް މި ސަރުކާރުން ހާމަ ނުކުރި ނަމަވެސް ޔޫތް މިނިސްޓްރީގައި ތިބި ޕޮލިޓިކަލް މުވައްޒަފުންގެ އަދަދު 2000 އަށް އަރާކަމަށް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ މަތި ނުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަނުކުރެއްވި ނަމަވެސް، އެކަން މިސަރުކާރުން މިހާރު ވަނީ ސިއްރުކުރަން ފަށާފައެވެ.
ކުރީ ސަރުކާރުތަކުގައި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ ނަންތައް ފޮޓޯއާއެކު ރައީސް އޮފީހުގެ ވެބްސައިޓްގައި އާންމުކުރި ނަމަވެސް، މި ސަރުކާރު ފެށުނުތަނާ އެކަން އެގޮތަށް ކުރިއެވެ. އެހެންނަމަވެސް ފަހުން އާންމުނުކޮށް ސިއްރުން އެތައް ބަޔަކަށް ސްޓޭޓް މިނިސްޓަރު ކަމާއި ޑެޕިއުޓީ މިނިސްޓަރުކަން ދީފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވެއެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު ދައުލަތުގެ ބޮޑު ސިއްރަކަށް ހަދައިގެން ސަރުކާރުން އުޅޭއިރު، އެ އަދަދު ދެހާހުން މައްޗަށް އަރާނެކަމަށް ގިނަބަޔަކު ލަފާކުރެއެވެ.
ރައީސް މުއިއްޒުގެ މި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރާތީ ގިނަ ބައެއްގެ ފާޑުކިއުން މި ސަރުކާރަށް އަންނަނީ އަމާޒުވަމުންނެވެ.