ކ. މާލެ
|
21 މެއި 2025 | ބުދަ 18:56
ސްކޭމުގެ މައްސަލަތައް އިތުރުވާތީ ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި
ސްކޭމުގެ މައްސަލަތައް އިތުރުވާތީ ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި
ސެކިއުރިޓީ މެގަޒިން
އެންޓި ސްކޭމް ސެންޓަރ
އޭޕްރީލް މަހު ސްކޭމްގެ 142 މައްސަލަ ރިޕޯޓު ކުރި
އެންމެ ގިނައީ އީ-ކޮމާސް އަދި ބޭރު ފައިސާ މާރުކުރުމުގެ ކުރުމުގެ ސްކޭމްގެ މައްސަލައް
އޮންލައިންކޮށް އެއްވެސް އަމިއްލަ މަޢުލޫމާތެއް ހިއްސާ ނުކުރުމަށާއި، ފައިސާ މާރުކުރުމުގައި އެމްއެމްއޭގެ ލައިސަންސް އޮންނަ ފަރާތެއްތޯ ކަށަވަރު ކުރުމަށް އެދިފައިވޭ

ފާއިތުވި އޭޕްރީލް މަހު ސްކޭމްގެ 142 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފިއެވެ.

ފާއިތުވި މަހުގެ ތަފާސްހިސާބުތައް ހިއްސާކޮށް އެންޓި ސްކޭމް ސެންޓަރުން ބުނީ ޖުމްލަ 142 ސްކޭމް މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި އެންމެ ގިނައީ އީ-ކޮމާސް އަދި ބޭރު ފައިސާ މާރުކުރުމުގެ ކުރުމުގެ ސްކޭމްގެ މައްސަލަތަކެވެ.

އީ-ކޮމާސްގެ 64 މައްސަލަ، ބޭރު ފައިސާ މާރު ކުރުމުގެ 38 މައްސަލަ އަދި ފޯނު މެދުވެރިކޮށް ހިންގި ސްކޭމުގެ 19 މައްސަލައެއް ހިމެނެއެވެ. އެންޓި ސްކޭމް ސެންޓަރުނ ބުނީ އަދި އެންމެ ގިނައިން ބޭނުންކުރެވުނު ޕްލެޓްފޯމްތަކަކީ ފޭސްބުކް މާކެޓްޕްލޭސް އާއި ގުޅޭ 52 މައްސަލަ، ވައިބަރ އާއި ގުޅޭ 30 މައްސަލަ ހިމެނެއެވެ.

އެންޓި ސްކޭމް ސެންޓަރުން ބުނީ އޮންލައިންކޮށް އެއްވެސް އަމިއްލަ މަޢުލޫމާތެއް ހިއްސާ ނުކުރުމަށާއި، ފައިސާ މާރުކުރުމުގައި އެމްއެމްއޭގެ ލައިސަންސް އޮންނަ ފަރާތެއްތޯ ކަށަވަރު ކުރުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އެދިފައެވެ.

މީގެ އިތުރުން ޓެލެގްރާމް އެކައުންޓްތައް ކޮމްޕްރޮމައިޒް ވާތީ އެކަމަށް ސަމާލުވުމަށް އެ ސެންޓަރުން ދާދި ފަހުން ވަނީ އެދިފައެވެ.

މިފަދަ ކަންކަމުން ރައްކާތެރިވުމަށް:

އެއްވެސް ލިންކަކަށް ނުފިތުމާއި ވެރިފިކޭޝަން ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމުގެ އިތުރުން ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއް ކަމުގައިވިޔަސް ސަމާލުވުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އެދިފައެވެ.

ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

  • 1. ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުން.
  • 2. ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުން.
  • 3. އެންމެހައި މުއާމަލާތުގެ ތަފްސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެތްފޯމަށް ރިޕޯޓުކުރުން.
  • 4. ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުން.
  • 5. އެހެން މީހުން ސަމާލުކުރުވުމަށް ތަޖުރިބާ ހިއްސާކުރުން.

އެންޓި ސްކޭމް ސެންޓަރުން ބުނީ އޮންލައިން ޝޮޕިންގ ކުރާއިރު ރައްކާތެރިވުމުގެ ގޮތުން އޮންލައިން ޝޮޕިންގއަށް ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުމާއި ކްރެޑިޓް ކާޑު ނުވަތަ ވާރޗުއަލް ކާޑު ފަދަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުން އެދިފައެވެ. އަދި އެޕްލިކޭޝަންތައް ޑައުންލޯޑުކުރަނީ ހަމައެކަނި ރަސްމީ ތަންތަނުން (ގޫގުލް ޕްލޭ ސްޓޯރ ނުވަތަ އެޕަލް އެޕް ސްޓޯރ) ކަން ކަށަވަރުކުރުމުގެ އިތުރުން އިތުރު ރައްކާތެރިކަމަށް އެންޓި-ފިޝިންގ ސޮފްޓްވެއަރ ބޭނުންކުރުމަކީ އެޅިދާނެ ފިޔަވަޅުތަކެއް ކަމަށް އެންޓި ސްކޭމް ސެންޓަރުން ބުނެއެވެ.

އޮންލައިން ޝޮޕިންގ ޕްލެޓްފޯމްތަކުގެ ނަމުގައި ހިންގޭ ސްކޭމްތަކާމެދު ހާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ. އާންމުން މި ކަމަށް ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅެވެ. އަދި ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ، ވަގުތުން ފިޔަވަޅު އެޅުމާއި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަކީ އެހެން މީހުންވެސް މިފަދަ ކަންކަމުން ސަލާމަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

- ކޮމެންޓް