ކ. މާލެ
|
21 މެއި 2025 | ބުދަ 09:59
ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ސެނެޓުގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ އަޑުއެހުމެއްގައި ވާހަކަ ދައްކަވަނީ - 20 މެއި 2025
ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ސެނެޓުގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ އަޑުއެހުމެއްގައި ވާހަކަ ދައްކަވަނީ - 20 މެއި 2025
އޭއެފްޕީ
ސީރިއާގެ ދާޚިލީ ހަމަނުޖެހުން
ސީރިއާގެ ވަގުތީ ސަރުކާރު ވަރަށް އަވަހަށް ވެއްޓިދާނެ: އެމެރިކާ
ވަގުތީ ސަރުކާރު ކާމިޔާބު ނުވެއްޖެ ނަމަ އޭގެ ބަދަލުގައި އޮތް ގޮތަކީ ފުޅާ ދާއިރާއެއްގައި ހިނގާ އަހުލީ ހަނގުރާމަ އާއި ހަމަނުޖެހުންތައް ފެށުން ކަމަށް ވިދާޅުވެ އެމެރިކާގެ ޚާރިޖީ ވަޒީރު ވަނީ އިންޒާރު ދެއްވާފައި.

ސީރިއާގެ ވަގުތީ ސަރުކާރު ވެއްޓުމުގެ ބިރު އެބައޮތް ކަމަށް އެމެރިކާގެ ޚާރިޖީ ވާޒީރު މާކޯ ރޫބިއޯ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް – ސެނެޓް ގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަންގާރަ ދުވަހު ރޫބިއޯ ވިދާޅުވީ، ތުރުކީ ގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުން ސޫރިއާ ސަރުކާރުގެ އޮފިޝަލުންނާއެކު މަޝްވަރާ ކޮށް އެމީހުންނަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އެ ސަރުކާރު ކާމިޔާބު ވުމަށް އެހީތެރިވާން. އެހެން ނުވެއްޖެ ނަމަ އޭގެ ބަދަލުގައި އޮތް ގޮތަކީ ފުޅާ ދާއިރާއެއްގައި ހިނގާ އަހުލީ ހަނގުރާމަ އާއި ހަމަނުޖެހުންތައް ފެށުން. އެކަމުގެ ސަބަބުން މުޅި ސަރަޙައްދު ހަމަނުޖެހުމަކަށް ދާނެ،" ރޫބިއޯ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ވިދާޅުވިއެވެ.

ސެނެޓްގެ ފޮރިން ރިލޭޝަންސް ކޮމިޓީގައި ވާހަކަ ދައްކަވަމުން، ރޫބިއޯ ވިދާޅުވީ ތުރުކީގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުން ސީރިއާގެ ވެރިރަށަށް ދަތުރުކޮށް އެމެރިކާގެ ފަރާތުން ބޭނުންވާ އެހީތެރިކަމާ ބެހޭގޮތުން މަޝްވަރާކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ. "އެއީ އިންސާނީ އެހީތޯ؟ ނުވަތަ ޤާނޫނު ތަންފީޒުކުރުން ނުވަތަ ވެރިކަން ހިންގުން ހަރުދަނާ ކުރުންތޯ؟ ބަލާނެ ކަމަށް ރުބިއޯ ވިދާޅުވިއެވެ.

ސީރިއާގެ ސަރުކާރާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރޫބިއޯ އިންޒާރު ދެއްވީ ޝަރާ ގެ ވަގުތީ ސަރުކާރުން ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުންދާ ކަމަށެވެ. މިކަމުގެ ސަބަބުން، އޭނާ ވިދާޅުވީ އެމެރިކާއިން ދެކޭގޮތުގައި އެ ސަރުކާރު "މަދު މަސްތަކެއްގެ ތެރޭގައި ނޫނީ ހަފްތާތަކެއްގެ ތެރޭގައި ވެއްޓި، ވަރަށް ބޮޑު އަހުލީ ހަނގުރާމައެއް ފެށި، އަދި ޤައުމު ބައިބައިވެގެން ހިނގައިދާނެ" ކަމަށެވެ.

- ކޮމެންޓް