މ. މުލި މ.ނާލާފުށީ ކޯޒްވޭއަކުން ގުޅާލުމާއި މުލީ އައު ހޮސްޕިޓަލަކީ ކުރީ ސަރުކާރުން ޓެންޑަރއަށް ހުޅުވާލާ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައި އޮތް ދެ މަޝްރޫއު ނަމަވެސް އެ މަސައްކަތް ފަށަން މި ސަރުކާރަށް ދޮޅު އަހަރު ނަގައިފިއެވެ.
މ. މުލި ރީޖަނަލް ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ފުރަތަމަ އިއުލާންކުރީ 15 ޖުލައި 2023 ގައެވެ. އަދި މުލީ މ މުއްޔާއި ނާލާފުށީ ކޯޒްވޭ ތަރައްޤީ ކުރުމުގެ މަޝްރޫއު އެމްޓީސީސީ އާއި އެމްޑީޕީ ސަރުކާރުން ހަވާލުކުރީ 30 އޮގަސްޓް 2023 ގައެވެ. މުލި-ނާލާފުށީ ކޯޒްވޭ މަޝްރޫއުގެ އަގަކީ 125,587,778.40 ރ އެވެ. މަސައްކަތް ނިންމަން ދީފައިވަނީ 600 ދުވަހުގެ މުއްދަތެކެވެ.
މަސައްކަތުގެ ސްކޯޕްގެ ތެރޭގައި ހިމެނެނީ މ. މުލި އާއި މ. ނާލާފުށި އާއި ދެމެދު 565 މީޓަރުގެ ކޯޒްވޭއެއް އެޅުމެވެ. އެގޮތުން މި ކޯޒްވޭގެ ތިން ސެގްމެންޓެއްގައި 105 މީޓަރުގެ ބްރިޖެއް ހެދިގެން ދާނެކަމަށް އެއިރުގެ ހައުސިންގ މިނިސްޓްރީން ބުނެފައިވެއެވެ. އަދި ކޯޒްވޭގެ މަގުތައް ހެދުމާއި ތާރުއެޅުންވެސް ސްކޯޕްގެ ތެރޭގައި ހިމެނޭއިރު، 112 މީޓަރުގެ ރިވެޓްމަންޓް އަދި 15 މީޓަރުގެ ގްރޮއިން ޖެހުންވެސް ހިމެނެއެވެ. ކޮންޓްރެކްޓް ނިންމުމަށް ދީފައިވަނީ 485 ދުވަހުގެ މުއްދަތެކެވެ.
މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ އެދުމުގެ މަތިން ފިނޭންސް މިނިސްޓްރީ އިން 13 ޖުލައި 2023 ގައި ކޮށްފައިވާ ގެޒެޓުގައި ކޮށްފައިވާ އިއުލާނު ކަމުގައިވާ މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތުގެ ބިޑުތައް މި ސަރުކާރުން ބާތިލް ކުރިއެވެ.
މިދިޔަ ސަރުކާރުން މި މަސައްކަތްތައް މިވަރަށް ކުރިއަށް ގެންގޮސް ބަޖެޓުގައި ފައިސާ ހިމަނާ 2024 ވަނަ އަހަރުގެ ބަޖެޓު ފާސްކުރިނަމަވެސް، މިއިން އެއްވެސް މަސައްކަތެއް ސަރުކާރުން ކުރިއަށް ނުގެންދެއެވެ. އަދި ބަޖެޓުގައި ޖެހި ފައިސާ ހަރަދުކުރި ގޮތެއްވެސް ހާމަކޮށްފައި ނުވެއެވެ. އަދި ދޮޅު އަހަރު ވެގެން ދިޔަ އިރު މަސައްކަތް ނުކޮށް ހުރުމަށްފަހު އަންގާރަ ދުވަހު މުއްޔަށް ވަޑައިގެން ރައީސް ވަނީ އަލުން މި މަސައްކަތްތައް ފައްޓަވައި ދެއްވާފައެވެ.
އެގޮތުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ނާލާފުއްޓާއި މުލި ކޯޒްވޭއަކުން ގުޅުވާލުމަކީ ވެވަޑައިގެންނެވި ވައުދުފުޅެއް ކަމަށެވެ. އަދި އެ މަސައްކަތުގެ އަމަލީ މަސައްކަތް މި ދަތުރުފުޅުގައި ފައްޓަވައިދެއްވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން މުއްޔަށް ވަޑައިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ އެއަރޕޯޓުގެ މަސައްކަތާއެކު ކައުންސިލާއި ރައްޔިތުން އެދުނީ މުއްޔާއި ނާލާފުށި ކޯޒްވޭއަކުން ގުޅާލުން ކަމަށާއި، އެއަރޕޯޓް ނިމިގެން ހިދުމަތް ފަށާއިރު ކޯޒްވޭ ގުޅާލުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.
އެއިރުން ނާލާފުށީގައި އުޅޭ ފަރާތްތަކަށް މިރަށުން ލިބޭ ހިދުމަތްތައް ހޯދުމުގައި ފަސޭހަލިބިގެންދާނެ. ހޮސްޕިޓަލެއް އެބަހުރި. ރަނގަޅު ސްކޫލެއް މިރަށުގައި އެބަހުރި. ބޭނުންވަނީ ހަމައެކަނި މި ދޭތެރެ ގުޅުވާލަން. އެތައް ހަރަދެއް ކުޑަވެގެންދާނެ. މިއަދު އަސްލަމް އެ އިންނެވީ އެ ޕްލޭނާ އެކީގައި. އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް އެ މަސައްކަތް ފެށިގެންދާތަން މިއަހަރު ތެރޭގައި ފެނިގެންދާނެ. މި ރަށުގެ ރައްޔިތުންގެ އެދުމަކީ މިހާރަށްވުރެ ރަނގަޅު ހިދުމަތްތަކެއް ލިބޭ ރަނގަޅު ހޮސްޕިޓަލެއް މި ރަށުގައި ގާއިމްކުރުން. އަޅުގަނޑުމެން ޕްލޭންކޮށް އިރާދަކުރެއްވިއްޔާ އެ މަސައްކަތް ވަނީ ޓެންޑަރ އަށް ހުޅުވާލާފައި. އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ މި ރަށުގެ ހޮސްޕިޓަލް އައު ހޮސްޕިޓަލަކަށް ބަދަލުވެގެންދާތަން ތި ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު![]()
ރައީސް މުއިއްޒު މުއްޔަށް ވަޑައިގެން އެއަރޕޯޓް ރަސްމީކޮށް ހުޅުއްވައި އެއަރޕޯޓުގެ މަސަައްކަތް މި ސަރުކާރުން ކުރިކަމަށް ދައްކަވަން މަސައްކަތް ކުރެއްވި ނަމަވެސް ސަރުކާރުގެ ގެޒެޓާއި، އެމްޓީސީސީގެ ލިޔެކިޔުންތަކުން އެއަރޕޯޓުގެ މަސައްކަތް ނިމި ހުޅުވަން ކައިރިވެފައިވާކަން ހާމަވެގެންދެއެވެ.
މީގެ އިތުރުން މުއްޔާއި ނާލާފުށި ގުޅުވާލާ ކޯޒްވޭ އަކީ މިދިޔަ ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށް، ރީޖަނަލް ހޮސްޕިޓަލަކީ އެއިރު ބީލަމަށް ހުޅުވާލާފައި އޮތް މަސައްކަތެއްކަން ދިވެހި ސަރުކާރުގެ ގެޒެޓުން ހާމަވެއެވެ.