ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކުޑަހުވަދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، ރަށުގެ ވަރަށް ގިނަ ރައްޔިތުންގެ ދުވަސްވީ އުންމީދުތަކެއްގައި ހަޤީޤީ ކުލަޖެހިގެންދާ ދަތުރުފުޅެއްކަމުގައި އެ ރަށު ކައުންސިލުން ބުނެފިއެވެ.
ކުޑަހުވަދޫ ކައުންސިލުން މިފަދައިން ބުނެފައިވަނީ ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައި ރައީސުލްޖުމްހޫރިއްޔާ، ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމީޓީއާ އަދި ކުޑަހުވަދޫގެ ބައެއް މުއައްސަސާތަކުގެ ވެރިންނާއެކު އާދިއްތަ ދުވަހު ހަވީރު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ދަތުރުފުޅަކީ މި ހިނގާ ރިޔާސީ ދައުރުގައި ރައީސް ކުޑަހުވަދޫއަށް ކުރައްވާ 3 ވަނަ ދަތުރުފުޅުކަން ފާހަގަކުރައްވައި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ޤައުމު ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުތަކަށް ތާއީދުކުރައްވާކަން ފާހަގަކުރައްވާފައެވެ.
އަދި މި ދަތުރުފުޅުގެ ތެރެއިން ފެށިގެންދާ މަޝްރޫޢުތަކަކީ ނުހުއްޓި ކުރިއަށްދާނެ މަޝްރޫޢުތަކެއްކަމުގައި ހައްދަވައިދެއްވުމަށް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ކައުންސިލުން ވަނީ ކުޑަހުވަދޫގައި އިންޑަސްޓްރިއަލް އޭރިއާއެއް ހައްދަވައިދެއްވުމަށާއި، މަސް ފެކްޓްރީއެއް ބޭނުންވާކަމަށާއި، ރަށްގިރުމުގެ މައްސަލައަށް ހައްލެއް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ.
ރައީސް އާއި އެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީގެ މެންބަރުންވަނީ ސަރުކާރުން އަންހެނުންގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުޑަހުވަދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމަށާއި އަދި އާބަން ސެންޓަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ރަށްތަކަށް ކޮށްދެއްވުމަށް ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކުރިއަށްގެންދަވާނެކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކުޑަހުވަދޫގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޑަހުވަދޫގައި އިމާރާތްކުރާ އައު ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެމަނިކުފާނު ވަނީ ކުޑަހުވަދޫގައި އަލަށް އިމާރާތްކުރާ ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.
ރައީސް ކުޑަހުވަދުއަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން އެ ރަޜުގައި ހުރި އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުވެސް ވަނީ ބާއްވާފައެވެ. ދ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާ ހަވާލު ކޮށްގެން 118 މިލިއަން ރުފިޔާ އަށް ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން އެރަށުގައި އެޅުމަށް ހަމަޖެހިފައިވަނީ 50 އެނދުގެ ހޮސްޕިޓަލެއް ކަމަށާއި މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.