ޤައުމީ ޓީމްގެ އެއްވަނަ ކީޕަރުކަން އެންމެ ގިނަ އަހަރުތަކެއްގައި ކުރި ކީޕަރު އަދި މީގެ ނުވަ އަހަރު ކުރިން ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާ, މިހާރު އުމުރުން 44 އަހަރުގެ އިމްރާން މުޙައްމަދު، ސޯޝަލް މީޑިއާގައި އޭނާގެ ތަޖުރިބާއިން ކުޑަ މިންވަރެއް ހިއްސާކޮށްލައިފި އެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރި ވާހަކަތަކުގެ ތިރީގައި ވަނީ ފޮނި ހަނދާންތަކެއް ސިފަކޮށްދޭ ތިން ފޮޓޯއެވެ. ފުރަތަމަ ފޮޓޯއިން ފެންނަނީ ރާއްޖެއަށް މިހާތަނަށް ފުޓްބޯޅައިން އެންމެ ފުރަތަމަ ލިބުނު ތަށި ކަމަށްވާ, ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލާތަނެވެ. މެދުގައި އިން ފޮޓޯއިން ފެންނަނީ ކުޑަވާ އިނގިލި ބިނދިފައިވާ ވާ އަތެވެ. ދެން އިނީ މެޗް ފެށުމުގެ ކުރިން ރާއްޖޭގެ ގައުމީ ސަލާމް ކިޔުމަށް މޭމަތީގައި އަތްއަޅައިގެން ހުރި ފޮޓޯއެކެވެ.
ދިވެހި ރާއްޖޭގެ ތާރީހުގައިވެސް މިހާތަނަށް އުފެދުނު އެންމެ މޮޅު ކީޕަރުގެ ގެ ހިދުމަތް ސިފަ ކޮށްދޭ ތިން ފޮޓޯގެ ތިރީގައިވަނީ އަދި މާ އަސަރުގަދަ ވާހަކަތަކެކެވެ. އެވާހަކަތަށް ފަށާފައިވަނީ ސުވާލަކުންނެވެ. އޭނާ ބުނީ، 20 ވަރަކަށް އަހަރު ތެރޭގައި ޤައުމީ ޓީމަށް 110 މެޗު ކުޅެ ،އެތަކެއް އަނިޔާއެއްވެ، އާއިލީ އެތައް މުހިއްމު އަދި ހާއްސަ ވަގުތުތަކެއް ޤުރުބާންކޮށް ޤައުމަށް އެތަކެއް ކާމިޔާބީއެއް ހޯދަދީފައި، ކެރިއަރު ނިންމާލުމަށްފަހު މިއަދު އިށީނދެލައިގެން އިނދެ ރަނގަޅަށް ވިސްނާލާއިރު ހިތަށް މި އަރަނީ އަސްލު މި ކުރެވުނީ ރަނގަޅު ކަމެއްބާވަޔޭ؟ މިހެންނެވެ.
މިހާރު ހިތަށް އެބަ އަރާ މިކަން ނުކޮށް 20 އަހަރު ވަޒީފާ އަކަށް ދެވުނު ނަމަ ހަމަގައިމުވެސް އެންމެ ކުޑަމިނުން ޕެންޝަން ވެސް ލައްވާލާނެތާއޭ
އިމްރާން މުޙައްމަދު![]()
އިމްރާން އިތުރަށް ބުނީ، ކުޅިވަރުގައި ރަނގަޅު ނަތީޖާތަކެއް ނެރޭނެ ހުނަރުވެރި އެތްލީޓުން ދިގު މުއްދަތެއްގައި ޤައުމީ ޓީމްތަކުގައި ދެމި ތިބޭނީ އެކަން ކޮށްގެން އޭނާގެ ދިރިއުޅުމަށް މުސްތަޤްބަލުގައި ފައިދާއެއްވަންޔާކަމަށެވެ. އަދި ހިތާމައަކީ ހުނަރުވެރި އެތައް ކުޅުންތެރިންނެއްގެ ހިދުމަތް މިސަބަބާ ހެދި ޤައުމީޓީމްތަކަށް ނުލިބި ދާކަން ކަމަށާއި މިކަމަކީ ކުޅިވަރު އެސޯޝިއޭޝަންތަކާއި ކުޅިވަރާބެހޭ މިނިސްޓްރީ އަދި ކުޅިވަރާ ގުޅުންހުރި އެއްމެހާ ފަރާތްތަކުން ވިސްނާލުން މުހިއްމު ކަމެއް ކަމަށް ދެކޭކަމަށް އިމްރާންގެ ޕޯސްޓުގައި ބުނެފައިވެއެވެ.
ހުނަރުވެރި ކުޅުންތެރިއަކު އޭނާ 20 އަހަރު ހޭދަ ކުރި ކެރިއަރާ ބެހޭ ގޮތުން ސުވާލު އުފައްދައި ކުޅިވަރުތަކުގައި ޝާމިލްވާ ހުރިހާ ކުޅުންތެރިންގެ ހައްގުގައި ބަހެއް ނުބުނަންވީ ސަބަބެއް ނެތެވެ. ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު ކާމިޔާބު އެތުލީޓުންނަކީ އެންމެ ފުދުންތެރި މީހުންނެވެ. އެ މީހުންގެ ކެރިއަރުގައި ހޭދަ ކުރާ ވިއްސަކަށް އަހަރުގެ ތެރޭގައި ދިރިއުޅުމުގެ ފަހުބައި ހަމަޖެހިގެން އުޅޭހާ ތަނަވަސްކަން ކެރިއަރު ނިންމާލާއިރު ލިބެއެވެ.
ދިވެހީން އެ ކުޅިވަރަކަށް މަރުދޭ, ފުޓްބޯޅައަށް އިމްރާން ކޮށްދީފައިވާވަރުގެ ޚިދުމަތެއް ކޮށްދިން ދިވެއްސަކު މަދުވާނެއެވެ. އޭނާ ވަނީ 2003 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ގައުމީ ޓީމަށް ސާފް ޗެމްޕިއަންޝިޕްގެ ހަ މުބާރާތް ކުޅެދީފައެވެ. އޭގެ ތެރެއިން 2008 ވަނަ އަހަރު ރާއްޖެއަށް އެ މުބާރާތުގެ ތަށި އެންމެ ފުރަތަމަ ފަހަރަށް ހޯދަދިނުމާއި 2003 ވަނަ އަހަރާއި 2009 ވަނަ އަހަރު ދެ ވަނަ ހޯދައި ދިނުމުގައި އިމްރާންގެ ދައުރު އިންތިހާއަށް ބޮޑެވެ.
ނަމަވެސް އެ ކެޕްޝަން ނިންމާލަމުން އިމްރާން ލިޔެފައި ވަނީ މިހާތަނަށް ފެނިފައިވަނީ މިފަދަ ކަންކަމުގައި ފޮނި ހުވަފެންތަކެއް ކަމަށެވެ. އެ ހުވަފެންތަކުގައި ކުލަޖެހުނު ތަނެއް އެތުލީޓުންނަކަށް އަދި ނުފެންނަ ކަމަށް އޭނާ ބުންޏެވެ. އަދި އުންމީދު ކުރަނީ އަވަސް މުސްތަގްބަލެއްގައި މިކަމުގެ ހަގީގީ ކުލަ ޖެހިގެން ދިއުންކަމަށް އިމްރާން ލިޔެފައިވެއެވެ.