ސައުތު އޭޝިއަން ފުޓްބޯޅަ ޖަމިއްޔާ (ސާފް) އަށް ދައްކަންޖެހޭ މިލިއަނަކަށްވުރެ ގިނަ ފައިސާ ދައްކަން ތަކުރާރުކޮށް އެންގުމުން ވެސް އެކަމަށް އިޖާބަ ނުދިނުމުން ރާއްޖެ އަށް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ފުރުސަތު ނުދޭން ސާފުން މަޝްވަރާކޮށްފި އެވެ.
މި ގޮތުން މިކަމާމެދު އެންމެ ފަހުން މަޝްވަރާކުރީ މި އަހަރުގެ ޖޫން މަހު ބޭއްވި ސާފުގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމުގަ އެވެ. އަދި މި މައްސަލައަށް ހައްލެއް ލިބިފައިނުވާތީވެ ސާފުން މިހާރު ވަނީ މި ފައިސާ ހޯދުމަށް ރާއްޖޭގެ މައްސަލަ އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) އަށް ވެސް ހުށަހަޅައިފަ އެވެ.
ސަރަހައްދީ މީޑިއާތަކުން ބުނާ ގޮތުގައި ސާފަށް ރާއްޖެއިން ނުދައްކާހުރި ފައިސާ އަކީ 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް އެ ޖަމާއަތަށް ދައްކަންޖެހޭ ފައިސާ އެވެ. މީގެ ތެރޭގައި މުބާރާތުގެ ރައިޓްސްގެ ގޮތުގައި ދޭންޖެހޭ ފައިސާ އާއި ބައިވެރިވާ ޓީމުތަކަށް ދޭންޖެހޭ ފައިސާ އާއި މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ވަކިވަކި އެވޯޑްތައް ހޯދި ކުޅުންތެރިންނަށް ދޭންޖެހޭ އިނާމް ފައިސާ ވެސް ހިމެނެ އެވެ. ސާފްގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވަނީ 50000 ޑޮލަރު (ހަތް ލައްކަ ފަސްދޮޅަސް ހަތްހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާ ސާޅީސް އަށް ލާރި) އެވެ. ސާފުގެ ކުރީ މުބާރާތަތަކުގައި ކޮންމެ މެޗެއްގެ މޭން އޮފް މެޗަށް 1500 ޑޮލަރު އަދި މުބާރާތުގެ މޮ ކުޅުންތެރިޔާ އާއި ކީޕަރަށް 15000 ޑޮލަރުގެ އިނާމެއް ދީފައިވެ އެވެ. ހޮސްޓިން ރައިޓްސް އާއި ޓީމުތަކަށް ދޭން ޖެހެނީ ކިހާ ފައިސާއެއް ކަމެއް ނޭނގެ އެވެ. ނަމަވެސް މުބާރާތް ބޭއްވުމަށް ސާފަށް ރާއްޖެއިން ހުށަހެޅި ބިޑްގައި މި ފައިސާ ދޭން ވަނީ ހުށަހަޅާފަ އެވެ. މިހެންވެ ސާފަށް ދައްކަންޖެހޭ ފައިސާގެ އަދަދު މިލިއަނަށްވުރެ މަތިވާނެ ކަމަށްވަނީ ބެލެވިފަ އެވެ.
ސާފުން ރާއްޖޭގެ މައްސަލަ ސީރިއަސްކޮށް ނެގިއިރު އެ ޖަމާއަތުގެ އެއް ނައިބް ރައީސަކީ ބައްސާމް އަދީލް ޖަލީލްގެ ނައިބް އަލީ އުމަރެވެ. އެކަމަކު މި ފައިސާ ނުދައްކައި އޮތުމުން އެ ޝަކުވާ ކުރާތީވެ ރާއްޖެއިން ސާފުގެ ގިނަ ބައްދަލުވުންތަކަށް ހާޒިރުނުވެ އެވެ.
ނަމަވެސް ޖޫން މަހު ބޭއްވި ބައްދަލުވުމުގައި ސާފުން އެދިގެން ބައްސާމް ވަނީ އޮންލައިންކޮށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފަ އެވެ. ބަނގްލަދޭޝްގެ ނޫސްތަކުން ބުނަނީ ތިން ވަނަ ދައުރަކަށް ހޮވިއްޖެނަމަ ދެތިން މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާނެ ކަމަށް ބައްސާމް ވައުދުވެވަޑައިގެންނެވި ކަމަށާއޮ ނަމަވެސް މިކަމުގައި ސާފަށް އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ. އަދި އެފްއޭއެމުގެ އިންތިހާބު ނިމެންދެން މި ފައިސާގެ ކަންކަން މަޑުޖައްސައިނުމަށް ބައްސާމް އެދިވަޑައިގެންނެވި ކަމަށެވެ.
އޭއެފްސީން ބަލަމުންދާ ފައިސާގެ މައްސަލަތަކެއްގައި ފީފާއިން 9 މަސް ދުވަހަށް ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން ބައްސާމް ސަސްޕެންޑްކުރީ މި ބައްދަލުވުމުގެ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.
ބައްސާމާއި އޭނާގެ ޓީމުގެ އަށް އަހަރު ތެރޭގައި އިދާރީ ހިންގުން ބޮއްސުންލައި، މާލީ އެތައް މައްސަލަތަކާ ހިޔާނާތުގެ މައްސަލާގައި ރާއްޖޭގެ އެފްއޭއެމް ނޯމަލައިޒްކޮށް ގެއްލުނު ފައިސާ ހޯދައި އިހުމާލުވި މީހުން ދެގެނަނެ ފިޔަވަޅު އަޅަން ފީފާއިން ވަނީ ނޯމަލައިޒޭޝަން ކޮމިޓީއަށް މަތިކޮށްފަ އެވެ. ފަސް މެމްބަރުންގެ މި ކޮމިޓީގެ ޗެއާމަނަކީ ކުޅިވަރާބެހޭ ކުރީގެ ވަޒީރު އަހުމަދު ޒުހޫރެވެ.
ސާފް ޗެމްޕިއަންޝިޕަކީ އެ މުބާރާތަކަށް ދިވެހިރާއްޖެ އެންމެ އިންތިޒާރުކުރާ މުބާރާތެވެ. މިހާތަނަށް ދެ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވެ އެވެ. މީގެ ތެރެއިން 2008 ވަނަ އަހަރު ރާއްޖެ އާއި ލަންކާގައި ބޭއްވި މުބާރާތް ކާމިޔާބުކުރުމަކީ ކުޅިވަރުގައި މިހާތަނަށް ދިވެހިން އެންމެ ފޯރި ނެގި ފަހަރެވެ.