އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ފުޅާކޮށް، ހަމަލާތައް އިތުރު ކުރުމާއި، ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅަމުން އަންނާތީ، އިނގިރޭސިވިލާތް، ފްރާންސް އަދި ކެނެޑާ އިން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދީފި އެވެ.
އިނގިރޭސިވިލާތް، ފްރާންސް އަދި ކެނެޑާ އެކުވެގެން ނެރެފައިވާ ޖޮއިންޓް ބަޔާނެއްގައި ބުނެފައި ވަނީ، އިސްރާއީލްގެ ބޮޑުވަޒީރު ބަންޖަމިން ނަތަންޔާހޫގެ ސަރުކާރުން، "ނުރަނގަޅު އަމަލުތައް" ކުރަމުންދާއިރު، އެކަމާ ހަނު ނުތިބޭނެ ކަމަށެވެ.
މީގެ އިތުރުން ފަލަސްތީނުގައި ދައުލަތެއް ޤާއިމު ކުރަން ބޭނުންވާ ކަމަށައި، ދެ ދައުލަތުގެ ޙައްލަކަަށް މަޝްވަރާ ކުރުމަށް ތައްޔާރަށް ތިބި ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ އިސްރާއީލް އިން އެ ޤައުމުގެ ދިފާއުގައި ފިޔަވަޅުތައް އެޅުމަށް ވެސް ތާއީދު ކުރާ ކަމަށެވެ. އެހެން ނަމަވެސް، ހަމާސްގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލް އިން ހިންގަމުން ދަނީ ޙާލަތާ ނުބައްދަލު ބާރު ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ތިން ޤައުމު ގުޅިގެން މި ބަޔާން ނެރެފައި ވަނީ، ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލައި 22 ޤައުމަކުން ވެސް ބަޔާން ނެރެފައި ވަނިކޮށެވެ.
މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލަން އެއްބަސްވީ ފަހުން، މާޗު މަހުގެ ތެރޭގައި އިސްރާއީލް އިން ވަނީ އަލުން ހަމަލާތައް ދޭން ފަށައިފަ އެވެ. އަލުން ހަމަލާތައް ދޭން ފެށި ފަހުން ވެސް، މިހާތަނަށް ވަނީ ޣައްޒާ އިން ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލައިފަ އެވެ.
ތިން ޤައުމުގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އާންމު ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުން ހުއްޓުވުމަކީ ބައިނަލްއަޤުވާމީ އިންސާނީ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ. އަދި މިވަގުތު ޣައްޒާގެ ރައްޔިތުން ބަނޑުހައި ހޫނުކަމެއްގެ ތެރޭގައި ތިބިކަން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.
އިސްރާއީލް އިން ޣައްޒާ ގައި ހިންގަމުން އަންނަ މިހާތަނަށް ވަނީ އެ ޤައުމުން 53،486 މީހަކު ޝަހީދު ކޮށްލައިފަ އެވެ. މީގެ އިތުރުން މި ހަމަލާތަކުގައި މިހާތަނަށް 120،000 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަޚަމުތައް ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.