ރައީސް އިބްރާހީމް މުޙައްމަދު ސާލިޙްގެ ސަރުކާރުން ހަދަންފެށި މ. މުލީ އެއާޕޯޓު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މުލީ އެއާޕޯޓްގެ މަސައްކަތް ނިންމާ ޓެސްޓު ފްލައިޓް ޖެއްސީ މިދިޔަ މަހު 25 ވަނަ ދުވަހުއެވެ. އެއަށްފަހު ރަސްމީކޮށް އެ އެއާޕޯޓު ހުޅުވަން އޮތީ މެއިމަހު ކުރީކޮޅެވެ. އެހެން ނަމަވެސް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއިން ބުނީ ރަސްމީކޮށް މުލީ އެއާޕޯޓު ހުޅުވުން ކެންސަލް ކުރި ކަމަށެވެ. ސަބަބު ހާމަ ނުކުރަށްވާ ކުއްލިއަކަށް ކެންސަލް ކުރަށްވާފައި މިއަދު އެ އާޕޯޓު ރަސްމީކޮށް ވަނީ ހުޅުވާފައެވެ.
މުލީގެ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީންނެވެ. އެމްޓީސީސީއާ އެއާޕޯޓުގެ މަސައްކަތް ހަވާލު ކުރީ، 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެގޮތުން ބިން ހިއްކައިގެން 1200 މީޓަރުގެ ރަންވޭއަކާއެކު އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 212 މިލިއަން ރުފިޔާއަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުގައި 12އަށް ވުރެ ގިނަ އެއާޕޯޓް ގާއިމްކޮށްފައިވާއިރު، އިތުރު އެއާޕޯޓްތައް ވެސް ގާއިމްކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.