ދިވެހި ރާއްޖޭގެ އެއްވެސް ކުޅިވަރު އެސޯސިއޭޝަނެއްގެ ހިންގުމުގެ ތެރެއަށް ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ދިވެހި ރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.
އެގޮތުން މިހާރު ވެސް ރާއްޖެގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑު ކޮށްފައިވާއިރު، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އޮތީ ނޯމަލައިޒް ކޮށްފަ އެވެ. އެ ދެ އެސޯސިއޭޝަންގައި ވެސް ޖެހިފައި ވަނީ ހިންގަން ތިބި ވެރިން ކޮރަޕްޝަން ހިންގާފައިވާ މައްސަލަ އެވެ.
ކުޅިވަރު ޤާނޫނަށް ގެނައި އިސްލާޙުގެ ސަބަބުން އެކަންކަން ހުއްޓުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން "ރާއްޖެ އެމްވީ" އިން ސުވާލު ކުރުމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްވެސް އެސޯސިއޭޝަނެއްގެ ސީދާ ހިންގުމުގެ ތެރެއަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުން ބާރު އަޅާނީ ޤާނޫނު ތަންފީޒު ކުރުމަށް ކަމަށެވެ. އަދި ޤާނޫނުގައި އޮތް ގޮތައް، އެކަންކަން ކުރަން ޖެހޭ ފަރާތްތަކުން ކަންތައް ކުރުމަށް ބާރު އެޅުން އެއީ ސަރުކާރުގެ ޒިންމާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.
އެއްވެސް އެސޯސިއޭޝަނެއްގެ ސީދާ ހިންގުމުގެ ތެރެއަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނަން. ސަރުކާރުން އެންޝުއަރ ކުރާނީ ޤާނޫނު ތަންފީޒު ކުރުމަށް. ޤާނޫނުގައި އޮތް ގޮތަށް ކުރަން ޖެހޭ ހުރިހާ ކަމެއް، އެ ކުރަން ޖެހޭ ފަރާތްތަކުން ކުރުން އެންޝުއަރ ކުރުން ސަރުކާރުގެ ޒިންމާއަކަށް ވާނީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު![]()
ރައީސް ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި، ކުޅިވަރާ ބެހޭ ސިޔާސަތެއް ތަންފީޒު ކުރުމަށް ޖުމުލަ ގޮތެއްގައި ސަރުކާރުން އެދޭނެ ކަމަށެވެ. އަދި އެސޯސިއޭޝަންތަކުގެ ކަންކަން ކުރަމުން ގެންދާނީ، އެ އެސޯސިއޭޝަނަކާ ގުޅުން ހުރި ބައިނަލްއަޤުވާމީ އިދާރާ ތަކުގެ ބެއްލެވުމުގެ ދަށުން ކަމަށް ވެސް ރައީސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.
އިތުރަށް ރައީސް ވިދާޅުވީ ކުޅިވަރުގެ ޤާނޫނަށް ގެނެވުނު އެއް ވަނަ އިސްލާހުގެ ދަށުން، ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަންކަން ކުރުމާއި، އެސޯސިއޭޝަންތަކުގެ ހިންގުން ޚަރުދަނާ ކުރެވި، ރަނގަޅަށް ހިންގުމަށް ބާރު އެޅިގެން ދާނެ ކަމަށެވެ. އަދި އެކަން ޔަގީން ކުރެވިގެން ދާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ މިދިޔަ އަހަރު އެފްއޭއެމް ނޯމަލައިޒް ކޮށްފަ އެވެ. އެކަމަށް މިހާރު އަހަރެއްވާން ކައިރިވެފައިވާއިރު، އަދިވެސް އެފްއޭއެމްގެ މައްސަލަ އަށް އެކަށީގެންވާ ޙައްލެއް ހޯދިފައި ނުވެ އެވެ.
އަނެއްކޮޅުން މިދިޔަ ހުކުރު ދުވަހު، ވާރލްޑް ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ވަނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ސަސްޕެންޑު ކޮށްފަ އެވެ. އެ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ދައުރު ހަމަވެ، އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު ވެސް، އައު ހިންގާ ކޮމެޓީ އޮތީ އިންތިޚާބު ނުކުރެވި އެވެ.