ކ. މާލެ
|
19 މެއި 2025 | ހޯމަ 16:32
އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ބައިވެރިވި ހައުސިންގ މިނިސްޓްރީގެ އޮފިޝަލުން
އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ބައިވެރިވި ހައުސިންގ މިނިސްޓްރީގެ އޮފިޝަލުން
ސްކްރީން އިމޭޖް
ގެދޮރުވެރިޔާ ސްކީމް
ފްލެޓް ހަވާލު ކުރެވޭނެ ތާރީޚެއް ނޭނގޭ: ހައުސިންގ މިނިސްޓްރީ
ހައުސިންގ މިިނިސްޓްރީން ބުނީ ތާރީޚެއް ބުނަންވެސް ވަރަށް އުނދަގޫ ކަމަށް
މިނިސްޓްރީން ބުނީ، ވަރަށް ގިނަ ޝަކުވާތައް ލިބިފައިވާތީ ޝަކުވާ ބަލަން ވަރަށް ވަގުތު ނަގާ ކަމަށް
ފަހި ޔޫނިއަން ބުނީ ވަރަށް އަވަހަށް ފްލެޓް ހަވާލު ކުރާނެ ކަމަށް ބުނުމަކީ ޖަވާބެއް ނޫން ކަމަށާއި ތާރީޚެއް އޮންނަންވާނެ ކަމަށް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި 4000 ފްލެޓް ހަވާލު ކުރެވޭނެ ތާރީޚެއް ނޭނގޭ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

ހައުސިންގ މިނިސްޓްރީން މިހެން ބުނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި ފްލެޓްތައް ހަވާލު ކުރާނެ ތާރީޚެއް ހޯދުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް މެދުވެރިކޮށް ހޯމަ ދުވަހު ބޭއްވި އަޑުއެހުމެއްގައި މައުލޫމާތު ދެމުންނެވެ.

ފްލެޓް ދޫކުރާނެ ތާރީޚެއް ހޯދުމަށް ފަހި ޔޫނިއަން ޖަމްއިއްޔާގެ ފަރާތުން ލިޔުމުން ހައުސިންގ މިނިސްޓްރީގައި އެދުމުން 13 މެއި 2025 ގައި ދިން ޖަވާބުގައި ބުނެފައިވަނީ "ގެދޮރުވެރިޔާ ސްކީމް އާ ގުޅިގެން 4000 ފްލެޓް ލިސްޓުގެ ވެރިފިކޭޝަން މަސައްކަތް ނިންމާ މިނިސްޓްރީގެ ފަރާތުން ޝާއިއު ކޮށްފައިވާ ލިސްޓާ ގުޅިގެން ގިނަ އަދަދެއްގެ ޝަކުވާ ލިބިފައިވާތީ އެންމެހާ ޝަކުވާތައް ބެލުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ފްލެޓް ހަވާލު ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ،" ކަމަށެވެ.

އިންފޮރމޭޝަން ކޮމިޝަނަރ އަށް ފަހި ޔޫނިއަންގެ ފަރާތުން ޝަކުވާ ހުށަހެޅީ ފްލެޓް ހަވާލު ކުރާނެ ތާރީޚެއް ހައުސިންގ މިނިސްޓްރީން ހާމަކޮށްފައި ނުވުމާ ގުޅިގެންނެވެ.

ގެދޮރުވެރިޔާ ސްކީމް އާ ބެހޭ ގޮތުން ރައްޔިތުންގެ ކަންބޮޑުވުން އޮތުމާއެކު ފްލެޓްތައް ހަވާލު ކުރާނެ ތާރީޚެއް މިނިސްޓްރީން ހާމަކޮށްފައި ނުވާތީ ފްލެޓް ހަވާލު ކުރާނެ ތާރީޚެއް މިނިސްޓްރީން ކަނޑައަޅާފައިވެތޯ އިންފޮމޭޝަން ކޮމިޝަނަރ ގެ އޮފީހުން ދެންނެވުމުން މިނިސްޓްރީގެ ފަރާތުން ވިދާޅުވީ ޝަކުވާތައް ބަލަމުން ދާ ކަމަށާއި، ވަރަށް ބައިވަރު ފަރާތްތަކުން ޝަކުވާތައް ހުށަހަޅާފައި ހުރުމުން ކޮންމެ ޝަކުވާއަކަށް އެޓެންޑް ވުމަށް ވަރަށް ވަގުތު ނަގާ ކަމަށެވެ.

"ވަކި ތާރީޚެއް ދަންނަވަން ވަރަށް އުނދަގޫ،" ކަމަށް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވަކިތާރީހެއް ދަންނަވަން ނޭގޭތީ އެ ގޮތައް ޖަވާބު ދީފައިވަނީ ކަމަށެވެ.

ފަހި ޔޫނިއަން އިން ބުނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިނިސްޓްރީން "ވަރަށް އަވަހަށް ހަވާލު ކުރަމުން ގެންދާނަމޭ" ބުނަމުން އަންނަ ކަމަށެވެ.

ކުރީ ސަރުކާރުން 20،000 ފޯމު ބެލުމަށް ނެގި ވަގުތައް ވުރެ މި ސަރުކާރުން 4000 ފޯމުގެ މައްސަލަ ބަލަން ނެގި ވަގުތު މާގިނަ ކަމަށާއި، "ވަރަށް އަވަހަށް" ކަމަށް މި ސަރުކާރުން ބުންޏަސް އަވަހަށް ކަމެއް ނިމޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ކަމެއް ނިންމުމަށް ސަރުކާރުގެ އިދާރާ އެއްގައި ނަމަ ތާރީޚެއް ކަނޑައެޅިފައި އޮންނަން ޖެހޭނެ ކަމަށް ވެސް ފަހި ޔޫނިއަން އިން ބުންޏެވެ.

- ކޮމެންޓް