ދިވެހި ރާއްޖޭގެ ނިޒާމު އެތުރިފައި އޮތީ ތިން ބާރެއްގެ މައްޗަށެވެ. ވެރިކަން ކުރުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރު އަދި އަދުލު އިންސާފު ޤާއިމު ކުރުމުގެ ބާރުގެ މައްޗަށެވެ. މި ތިން ބާރަކީ ވެސް ވަކިވެފައިވާ، އެއް ބާރު އަނެއް ބާރުގެ މައްޗަށް ނުފޫޒު ނުފޯރުވައި، ވަކިން ހިންގަން ޖެހޭ ތިން ބާރެވެ. ޑިމޮކްރަސީގެ ބާރުތައް ވަކިވެ، ބާރުތައް އެތުރިފައި އޮތީ މިހެންނެވެ.
އެހެން ނަމަވެސް، ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ދެއްކެވި ވާހަކަ އަކުން އެތައް ބަޔަކަށް ހައިރާން ކަމެއް ލިބުނެވެ. އެ މެމްބަރު އެ ދެއްެކެވީ ލަދުވެތި ވާހަކަ އެކެވެ. ތިން ބާރުގެ ތެރެއިން އެއް ބާރުގައި ހިމެނޭ މެމްބަރަކު އެ ދެއްކެވީ ބިރުވެރި ވެސް ވާހަކަ އެކެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް އާއި ސުލޫކު ކޮމިޓީ ގައި ވާހަކަ ދައްކަވަމުން، ވެރިކަން ކުރާ ޕާޓީ އަށް ނިސްބަތްވާ ބިލެތްދޫ ދާއިރާގެ މެމްބަރު އަޙުމަދު އަސްލަމް ވިދާޅުވީ، ކޮމެޓީ އަށް ހުށަހަޅާފައި އޮތް މައްސަލަ ނުބެލޭނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި އޮތީ ޕީއެންސީގެ މެޖޯރިޓީ ކަމަށާއި، ސަރުކާރަކީ ޕީއެންސީގެ ސަރުކާރެއް ކަމަށް ވެސް ވިދާޅުވި އެވެ.
އަދި ކޮމެޓީ އަށް މައްސަލަ ހުށަހެޅިގެން އުޅެނީ ޕީއެންސީ އަށް ނިސްބަތްވާ ވަޒީރެއްގެ ކަމަށާއި، އެ ވަޒީރު ޒިންމާދާރު ނުކުރެވޭނެ ކަމަށް ވެސް މެމްބަރު ވިދާޅުވެ އެވެ. އަދި ކޮމެޓީގައި ތިބެ ކޮންމެ ގޮތަކަށް ވާހަކަ ދެއްކި ނަމަވެސް، ތަޅުގައި އެގޮތަށް ވޯޓު ނުދޭނެ ކަމަށާއި، އެއީ ވަރަށް ސާފު ކަމެއް ކަމަށް ވެސް އަސްލަމް ވިދާޅުވެ އެވެ.
ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު މަޖިލީހަށް ހާޒިރުވެ ވަޑައިގެން ދޮގު މައުލޫމާތު ދެއްވާފައިވާ އެ މައްސަލައިގައި މެމްބަރު އަސްލަމް އިތުރަށް ވިދާޅުވީ، ބާރުގަދަ ވަޒީރުންނާ ފައިޓެއް ދެވޭ ވަރުގެ މެމްބަރަކު ވެސް ނެތް ކަމަށެވެ.
ހަގީގަތުގައި ވެސް މިއީ ލަދުވެތި ވާހަކަ އެކެވެ. ސަރުކާރާއި، ސަރުކާރުގެ ވެރިން އަދި ވަޒީރުން ޒިންމާދާރު ކުރުވަން ތިބި ބަޔަކީ މަޖިލިސް މެމްބަރުންނަށް ވެފައި، މަޖިލިސް މެމްބަރުން މި ޒާތުގެ ވާހަކަ ދެއްކުމަކީ ހާދަހާވާ ހުތުރު ކަމެކެވެ. ރައްޔިތުންގެ ޓެކްސް ފައިސާ އިން ބޮޑު މުސާރަ ނަންގަވައިގެން، ތިއްބެވުމުގެ ބޭނުމެއް އަމުދުން އެބަ އޮތް ހެއްޔެވެ؟
ދަންނަވަން ހެއްޔެވެ؟ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަކީ ބާރު ގަދަ ބައެކެވެ. ވަޒީރުންނާ ދެކޮޅަށް އަދި ޚުދު ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ވެސް ފައިޓް ދެވޭނެ ފެންވަރުގެ ބޭފުޅުންނެވެ. ޤާނޫނުން އެ ބާރާއި، ޒިންމާ ވެސް އޮތް ބޭފުޅުންނެވެ.
އެކަމަކު، މިއަދު ވެގެން އުޅެނީ އެހެން ގޮތެކެވެ. ތިން ބާރު ވަކިވެފައިވާ މި ނިޒާމުގެ އެއް ބާރު، ނިކަން ހެޔޮވަރުކޮށް އަދި އެހާމެ ރީއްޗަށް ރައީސްގެ މުށު ތެރެއަށް ދޫކޮށްލެއްވީ މަޖިލިސް މެމްބަރުން އަމިއްލަ އަށެވެ. ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން، މިއަދު މެމްބަރުން ތިބީ ރައީސްގެ މުށުތެރޭގައި ފިތި ބާރުވެފަ އެވެ.
ސިޔާސީ ޕާޓީ އަކުން ބޭނުންވެއްޖެ ނަމަ، މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާޙުގެ ސަބަބުން، މިއަދު ޕީއެންސީގެ ކޮންމެ މެމްބަރަކަށް އެ ބިރު އެބަ އޮެތެވެ. ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެ ޕާޓީއެއްގެ ރައީސްކަން ވެސް ކުރައްވައި، އަދި އެމަނިކުފާނުގެ ވަޒީރުން އެ ޕާޓީއެއްގެ ސުލޫކީ ކޮމެޓީގައި ތިއްބަވާ ޕީއެންސީގެ މެމްބަރުން އެ ތިބީ ބާރުވެރިކަމެއް ނެތް ބަޔަކަށް ވެފަ އެވެ.
ކޮންމެ ވަގުތެއްގައި ވެސް، ކޮންމެ ދުވަހެއްގައި ވެސް ގޮނޑި ގެއްލުވާލުމުގެ ފުރިހަމަ ބާރު ރައީސްގެ އަތްޕުޅުގައި މިއަދު އެބަ އޮތެވެ. އެ ޙާލަތު ގެނައީ މެމްބަރުން އަމިއްލަ އަށެވެ. ބާރުވެރި ކަމެއް އަދި ބަލިކަށި ބަޔަކަށް މެމްބަރުން ވީ އަމިއްލަ އަށެވެ.
އެކަން ކުރެއްވުމަށްފަހު، ބިލެތްދޫ ދާއިރާގެ މެމްބަރު އަސްލަމް ވެސް، އަދި ޕީއެންސީގެ އެހެން މެމްބަރުން ވެސް މިއަދު އެ ވާހަކަ ދައްކަވާނެ ކަމެެއް ނެތެވެ. ދެއްކެވުން އަދި މާ ބޮޑުތަކުން ލަދުވެތި އެވެ.