ދިވެހި ރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް އެއް ވަނަ އިސްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރައްވައިފި އެވެ.
ރައީސް މި ބިލު ތަސްދީޤު ކުރައްވާފައި ވަނީ އެކަމަށްޓަކައި ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ބަންޑާރަ ނައިބު އަަޙުމަދު އުޝާމް، ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.
ކުޅިވަރު ޤާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގަ އެވެ. އެ ބިލު މަޖިލީހަށް ހުށަހެޅީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ހުޅުމާލޭ ދާއިރާގެ މެމްބަރަކަށް އޭރު ހުންނެވި އަލީ ނިޔާޒު އެވެ.
ނަމަވެސް، އެ ބިލު ފާސްކޮށްފައި ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ. އެގޮތުން އެ ބިލު ފާސްކޮށްފައި ވަނީ މެއި މަހުގެ ފަސް ވަނަ ދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާގަ އެވެ.
ކުޅިވަރު ޤާނޫނަށް ގެނައި އިސްލާހުގެ ތެރޭގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ކުޅިވަރު ކުރިއެރުވުން ލާމަރުކަޒީކޮށް. އަތޮޅުތަކާއި ރަށްތަކުގެ ފެންވަރުގައި ކުޅިވަރު ކުރިއަރުވަން އިޚްތިޔާރުތަކަކާއި ފުރުޞަތުތަކެއް ލިބުން ހިމެނެ އެވެ.
މީގެ އިތުރުން ކޮންމެ ކުޅިވަރެއްގެ ވެސް ސަރަޙައްދީ އެސޯސިއޭޝަންތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މި ޤާނޫނުގެ ދަށުން އުފެއްދަން ޖެހޭނެ އެވެ. އަދި ކޮންމެ ކުޅިވަރެއްގެ ވެސް ސަރަޙައްދީ މުބާރާތްތައް ބާއްވަން ޖެހޭނެ އެވެ.
ހަމަ އެއާއެކު ކުޅިވަރުގެ ވަކި ފަންޑެއް ޤާއިމުކޮށް، އެ ފަންޑުން ކުޅިވަރު ކުރިއަރުވަން ހޭދަކުރަން ވެސް މި އިސްލާހުގެ ދަށުން ފެށޭނެ އެވެ.
ދިވެހިރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީއަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެއް ގިންތިއެއްގައި ހިންގާނެ ޤާނޫނީ ބާރުވެރިކަން ފުރިހަމަ އަށް ލިބިފައިވާ ކުޅިވަރުގެ އިދާރާއެއްގެ ގޮތުގައި ހަމަޖެހިގެން ދާނެ އެވެ. އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީގެ ދަށުން، ހިނގާ ޚާއްޞަ ޑިވިޝަންތައް ކުޅިވަރު އެސޯސިއޭޝަންތަކުގައި އުފައްދާނެ އެވެ.
މީގެ އިތުރުން ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރު ކޮށްދޭ، "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" ވަކި މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި މި އިސްލާހުގެ ދަށުން ހިންގަން ފަށާނެ އެވެ.
މި އިސްލާޙުގެ ދަށުން ސްޕޯޓްސް އާބިޓްރޭޝަން ނިޒާމު ރާއްޖޭގައި ޤާއިމުކޮށް އެ އަށް އަމަލު ކުރަން ފަށާނެ އެވެ އެ ނިޒާމުގެ ބޭނުމަކީ ކުޅުންތެރިންގެ ހައްގުތައް ރައްކާތެރިކޮށްދީ، އިންސާފު ލިބޭނެ ގާނޫނީ ހައިސިއްޔަތު، ދިނުމަށް ފުރުޞަތު ފަހިކޮށްދިނުމެވެ.
މީގެ އިތުރުން ވެސް ކުޅިވަރުގެ ދާއިރާގެ ބައެއް އެހެނިހެން މުހިންމު ކަންކަން މި އިސްލާހުގެ ދަށުން ކުރެވިގެން ދާނެ އެވެ.