މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކުރުމުގެ ވާހަކަ ރައީސް ދައްކަވަނީ ޕީއެންސީ މެމްބަރުންނަށް ނަނާ ހުވަފެން ދެއްކެވުމަށް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދީދީ ވިދާޅުވީ މިއަދު ޕީއެންސީގެ މެމްބަރުން ތިބީ މަޖުބޫރުކަމެއްގެ ތެރޭގައި ކަމަށެވެ. އަދި ސަރުކާރާއި އެކު މެމްބަރުން ދެމެހެއްޓުމަށް މެމްބަރުންނަށް ހުވަފެންތަކެއް ދެއްކި ނަމަވެސް ހަގީގަތަކީ މެމްބަރުން ވެސް ސަރުކާރާއި މެދު ނުރުހިފައި ތިބުން ކަމަށް އެނާ ވިދާޅުވިއެވެ.
ދީދީ އެފަަދައިން ވިދާޅުވީ ރައީސް ވަނީ މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބޭއްވުމުގެ ސަބަބުން 2 މިލިއަނެއްހާ ރުފިޔާ ސަލާމަތް ވާނެ ކަމަށް ފާހަގަކުރައްވާ ދާދި ފަހުން ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވައެވެ. ވަނީ ރިޔާސީ އިންތިޚާބު ބާއްވާ އިރު ދެވަނަ ބުރެއް ނުބާއްވާ ޕްރިފަރެންޝަލް ވޯޓިން ސިސްޓަމެއްގެ ތެރެއިން ވޯޓުލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ރައީސް ވަނީ އެކަމާއި މެދު ވަރަށް ސީރިއަސްކޮށް ރައްޔިތުން ވިސްނަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އެކަމާއި ގުޅޭގޮތުން ދީދީ ވަނީ މެމްބަރުންނަށް ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ފައިދާ ވާނެ ކަމަށް ނުވަތަ އެ ނޫން ގޮތަކަށް މެމްބަރުންނަށް ސަރުކާރުން ހުވަފެންތަކެއް ދައްކަމުންދާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި މެމްބަރުންނަށް ފައިސާ އާއި އެހެނިހެން ފައިދާތައް ދީގެން މެމްބަރުން ސަރުކާރާއި އެކު ބައިތިއްބަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ގޮތަކަށް މެމްބަރުން ތިބީ މަޖުބޫރުކަމެއްގައި، އަދި އަޅުގަނޑު ދަންނަވާނީ އެ ބޭފުޅުންނަށް ހުވަފެންދައްކަނީއޭ." ދީދީ ވިދާޅުވިއެވެ.
އެހެންނަމަވެސް އެ މެމްބަރުން އަނބުރާ ދާއިރާތަކާއި ހިސާބަށް ދާން ޖެހޭ ވަގުތު އައިސް ޖެހޭ އިރު މިހާރު ތިބި ގޮތަށް ތިބެގެން މެމްބަރުން ރައްޔިތުންނަށް ދައްކާނެ މޫނެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ހުސްއަތާ ރައްޔިތުން ކައިރިއަށް ގޮސްގެން ރައްޔިތުން ވޯޓު ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ދީދީ ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ވެސް ސަރުކާރުން އިންތިހާ އަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސިޔާސީ ގޮތުން ވަކި ބަޔަކު ބޭނުންވާ ގޮތަށް އެކަނި ކަންކަން ބައްޓަންކުރަމުންދާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ހަމައެހެންމެ މިނިވަން މުއައްސަސާތައް ވެސް މިނިވަންކަމާއި އެކު މަސައްކަތް ކުރުމަށް ޖާގަ ނެތް ކަމަށް ދީދީ ފާހަގަކުރެއްވިއެވެ.